ސައޮޕޯލޯ (އޮގަސްޓް 3) - ހިސާބު އިލްމުން ދުނިޔޭގައި ދޭ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ފީލްޑްސް މެޑަލް ކެމްބްރިޖުގެ ޕްރޮފެސަރަށް ދިންތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަގަށް ނަގައިފި އެވެ.
އީރާނުގެ ރެފިއުޖީއެއްގެ ގޮތުގައި އިނގިރޭސި ވިލާތަށް އެތެރެވި ޕްރޮފެސަރު ކައުޗާ ބިރްކާރަކީ މި އަހަރު ފީލްޑްސް މެޑަލް ލިބުނު ހަތަރު މީހުންގެ ތެރޭން އެކަކެވެ. ނަމަވެސް އޭނާ އަށް އެ އެވޯޑު ލިބުނުތާ މަދު މިނިޓް ކޮޅެއްގެ ތެރޭގައި 14 ކެރެޓުގެ ރަން މެޑަލް ވަގަށް ނެގުމަކީ ބޮޑު ހައިރާން ކަމެކެވެ.
ބްރެޒިލްގެ ޓީވީ ކްލޮބޯ އިން ބުނީ އެވޯޑް ދިން ހަފުލާ ބޭއްވި ކޮންވެންޝަން ސެންޓަރުގެ މޭޒެއްގެ މަތީގައި ވޮލެޓާއި މޯބައިލް ފޯނު އަދި މެޑަލް ލާފައި އޮތް ބްރިފްކޭސް ބޭއްވުމަށް ފަހު އޭނާ ކުޑަ ވަގުތު ކޮޅަކަށް ބޭރަށް ނުކުމެލާފައި އެނބުރި ދިޔައިރު މެޑަލް ވަނީ ވަގަށް ނަގާފައި ކަމަށެވެ. ބްރިފްކޭސް ނެތްކަން އެނގުމުން ސެކިއުރިޓީ ސްޓާފުންނަށް ބިރްކާރު އެކަން އެންގުމުން ބްރިފްކޭސް ހޯދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެކަމަކު ބްރިފްކޭސް ފެނުނު އިރު އޭގައި އޮތް މެޑަލެއް ނެތެވެ. އޭނާގެ ވޮލެޓް ވެސް ވަނީ ވަގަށް ނަގައިފަ އެވެ.
ބިރްކާރު އުފަންވީ އީރާނާއި އިރާގު ގުޅޭ ބޯޑަރުގައި އޮންނަ ކުރުދީ ޕްރޮވިންސަކަށެވެ. އޭނާ ބުނެފައި ވަނީ ތެހެރާނުގެ މެތުސް ކްލަބުގައި އުޅުނު އިރު ވެސް އޭނާގެ ހުވަފެނަކީ ފީލްޑްސް މެޑަލް ހޯދުން ކަމަށެވެ. ނަމަވެސް އެއީ ވެދާނެ ކަމެއް ކަމަށް އޭނާގެ ހިތަށް ނާރާ ކަމަށް ބުންޏެވެ. ތެހެރާން ޔުނިވާސިޓީގައި އަންޑަގްރެޖުއޭޓް ޑިގްރީ އަށް ކިޔެވި ދުވަސްވަރު އޭނާ ވަނީ އިނގިރޭސި ވިލާތަށް ކުރި ދަތުރެއްގައި އެ ގައުމުން ސިޔާސީ ހިމާޔަތް ހޯދައިފަ އެވެ.
ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ދޭ ފީލްޑްސް މެޑަލް ދެނީ ހިސާބް އިލްމުން ފާހަގަކޮށްލެވޭ އުމުރުން 40 އަހަރުން ދަށުގެ މީހުންނަށެވެ. މެޑަލް ހޯދާ ކޮންމެ މީހަކަށް ފައިސާގެ އިނާމުގެ ގޮތުގައި 11،500 ޑޮލަރު ވެސް ދެ އެވެ.