މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އުފައްދާ ފެލިވަރު މަސް ދަޅު ލިބުން ދަތިވެ، އެ ކުންފުނީގެ މަސް ފިހާރައިން ވެސް އެ ބާވަތް ހުސްވެއްޖެ އެވެ.

މިފްކޯ މަސް ފިހާރައިން، މަސްދަޅު ގަންނަން ނުލިބޭތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް، އާންމު ބައެއް މީހުން ބުނެ އެވެ.

މިފްކޯ އިން ބުނީ މަސްދަޅު އުފެއްދުމުގައި މައްސަލަތަކެއް ދިމާވެގެން ނޫޅޭ ކަމަށެވެ.

މިފްކޯގެ ހެޑް އޮފް ސޭލްސް އެންޑް މާކެޓިން އައިޝަތު ރިޔާޒާ ވިދާޅުވި ގޮތުގައި މިހާރު ދިމާވެގެން އުޅެނީ "ކުޑަކޮށް ޝިޕްމަންޓް ޑިލޭވުމު"ގެ މައްސަލައެކެވެ.

"މާ ބޮޑު ދަތިކަމެއް ނޫޅޭ. މަސްދަޅު އުފެއްދުން ހަމަ ކުރިއަށް އެބަ ދޭ،" ރިޔާޒާ ވިދާޅުވި އެވެ.

"ބައެއް ފަހަރު މިކަހަލަ ކުދި ޑިލޭތައް އައިސްގެން ފިހާރައިން ލިބުން ދަތިވޭ. އަނެއް ގޮތަށް އެއްވެސް ކަމެއް ނެތް."

މިފްކޯގެ އެހެން އޮފިޝަލަކު ވިދާޅުވީ މަސްދަޅު ލިބުން ދަތިވެގެން އުޅެނީ ގިނަ އަދަދަކަށް އެކްސްޕޯޓް ކުރަން ޖެހުމުން އެކަމަށް އިސްކަން ދޭން ޖެހުމުން ކަމަށެވެ. އަދި އެކްސްޕޯޓްކުރަން ޖެހޭ ބޮޑު ޝިޕްމަންޓްތަކެއް އަދިވެސް އެބަ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ފެލިވަރު މަސްދަޅު ތައްޔާރުކުރާ ފެކްޓްރީ.
ފެލިވަރު މަސްދަޅު ތައްޔާރުކުރާ ފެކްޓްރީ.

އޭނާ ވިދާޅުވި ގޮތުގައި މިފްކޯގެ ފެލިވަރުގައި މަސް ދަޅު ތައްޔާރުކުރުމުގެ މަސައްކަތް ބަރާބަރަށް ކުރިއަށް އެބަ ދެ އެވެ.

މާލޭގެ ބައެއް ފިހާރަތަކުން ބުނީ މަސްދަޅު ނުލިބޭ ސަބަބު ސާފުކުރަން މިފްކޯ އަށް ގުޅުމުން އެކަށީގެންވާ ޖަވާބު ނުލިބޭ ކަމަށެވެ.