ސެވިއްޔާ، ސްޕެއިން (އޭޕްރީލް 24) - ކޮޕަ ޑެލް ރޭ (ސްޕެނިޝް ކަޕް) ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ވެލެންސިއާ ބަލިކޮށް ރެއާލް ބެޓިސް އިން، 17 އަހަރު ފަހުން ފުރަތަމަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ކޮޕަ ޑެލް ރޭގެ 120 ވަނަ ފައިނަލުގައި ބެޓިސް އިން ވެލެންސިއާއާ ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން ދެ ޓީމު އެއްވަރު ވެގެންނެވެ. ބެޓިސް އިން ޗެމްޕިއަންކަން ހޯދީ ޕެނަލްޓީ ޝޫޓްއައުޓުގައި 5-4 އިން ވެލެންސިއާގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިއީ ރެއާލް ބެޓިސް އިން މުބާރާތް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އެންމެ ފަހުން އެޓީމު މުބާރާތް ކާމިޔާބުކުރީ 2005 ވަނަ އަހަރު އެވެ.

ކުރިން ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ އަށް ވެސް ކޯޗު ކޮށްދިން ޗިލީގެ މެނުއެލް ޕެލެގްރިނީގެ އިރުޝާދުގެ ދަށުން ކުޅުނު ރެއާލް ބެޓިސް އިން ވަނީ މެޗުގެ 11 ވަނަ މިނިޓުގައި ލީޑު ނަގައިފަ އެވެ. މި ސީޒަނުގައި ލޯނު އުސޫލުން ބެޓިސް އަށް ކުޅޭ އާސެނަލްގެ ފުލްބެކް ހެކްޓާ ބެލެރިން ނަގައިދިން ހުރަހަކުން މި ލަނޑު އެޓީމަަށް ޖަހައިދިނީ ސްޓްރައިކަރު ބޯޖާ އިގްލޭސިއަސް އެވެ.

ބެޓިސް އިން ލީޑު ނެގި ނަމަވެސް މެޗުގެ 30 ވަނަ މިނިޓުގައި ހޫގޯ ޑޫރޯ ވެލެންސިއާ އަށް އެއްވަރުކޮށްދިނީ ކައުންޓާ އެޓޭކެއްގައި ލިބުނު ބޯޅަ ބެޓިސްގެ ކީޕަރު ކްލައުޑިއޯ ބްރާވޯ ބޯމަތިން ގޯލަށް ފޮނުވާލައިގެންނެވެ.

މެޗުގައި ބެޓިސްގެ ސާޖިއޯ ކެނަލްސް އާއި ހުއާންމީގެ ހަމަލާއެއް ގޯލު ދަނޑިއަށް އަމާޒުވިއިރު ނަބީލް ފަކީރާއި އިގްލޭސިއަސްގެ ހަމަލާތައް ދިފާއުކުރީ ވެލެންސިއާގެ ޖޯޖިއާގެ ޒުވާން ކީޕަރު ޖިއޯޖީ މަމާދަޝްވިލީ އެވެ.

ޕެނަލްޓީގައި ބެޓިސްގެ ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ ވިލިއަން ހޯސޭ އާއި ޔަކީން އަދި އަންޑްރޭސް ގުއަޑާޑޯ އާއި ކްރިސްޓިއަން ޓެލޯގެ އިތުރުން ހުއާން މިރަންޑާ އެވެ.

ވެލެންސިއާގެ ފުރަތަމަ ތިން ޕެނަލްޓީ ކާލޯސް ސޮލާ އާއި ޔޫރޯސް ރަސިޗް އަދި ގޮންސާލޯ ގުއެޑޭސް ކާމިޔާބުކުރި އިރު، ނާކާމިޔާބުވީ ހަތަރުވަނަ އަށް އެޓީމުގެ އެމެރިކާ މިޑްފީލްޑަރު ޔޫނުސް މޫސާ، 19، ފޮނުވާލި ޕެނަލްޓީ އެވެ. ފަސްވަނައަށް ވެލެންސިއާގެ ހޯސޭ ގާޔާ ފޮނުވާލި ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފަ އެވެ.

މިއީ ރެއާލް ބެޓިސްގެ ތާރީހުގައި ވެސް އެޓީމުން ފުރަތަމަ ޑިވިޝަނުގައި ހޯދި ހަތަރުވަނަ ކާމިޔާބީ އެވެ. ތިން ފަހަރު ކޮޕަ ޑެލް ރޭ ކާމިޔާބުކުރި އިރު އެޓީމުން ވަނީ އެއް ފަހަރު ލަ ލީގާ ވެސް ކާމިޔާބުކޮށްފަ އެވެ.

ބެޓިސްގެ ކެޕްޓަން ޔަކީން، 40، ވަނީ އެންމެ ފަހުން 2005 ވަނަ އަހަރު، އެ ޓީމު ކޮޕަ ޑެލް ރޭ ކާމިޔާބު ކުރި ފައިނަލުގައި ވެސް ކުޅެފަ އެވެ. އޭނާ މި މެޗުގައި ކުޅެން ނުކުތީ ފަހު ހާފުގަ އެވެ. އަދި މިއީ ކޯޗު ޕެލެގްރިނީ، 2016 ވަނަ އަހަރު މެންޗެސްޓާ ސިޓީ އަށް އިނގިރޭސި ލީގު ކަޕް ކާމިޔާބު ކޮށްދިނުމަށް ފަހު އޭނާ ކާމިޔާބުކުރި ފުރަތަމަ މުބާރާތެވެ.