އޭއެފްސީ ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި މާދަމާ ރޭ، ވެލެންސިއާ ޓީމުގައި ފޯވާޑް އަލީ ފާސިރު (ސެންޓޭ) ކުޅޭތޯ ބަލަން، ވެލެންސިއާ އާދެކޮޅަށް ނުކުންނަ ބޫޓާންގެ ޕަރޯ އެފްސީގެ ކޯޗު ޕުސްޕާލް ޝަރްމާ ބޭނުންވެއްޖެ އެވެ.
އޭއެފްސީ ކަޕްގައި، ކުޅޭ ބިދޭސީ ކުޅުންތެރިންގެ މެޗުތަކުގެ ނަތީޖާ ނެރުމަށް މުހިންމު ހިއްސާއެއް ވާކަން ފާހަގަކޮށް ވެލެންސިއާގެ ސްޕެއިންގެ ފޯވާޑް ބޯހަސް މާޓިން އާއި މިސްރުގެ މިޑްފީލްޑާ ހަލީލް ޖަމާލް އާއި ޑިފެންޑަރު ހޯޒޭ އެންޓޯނިއޯގެ ނަން ފާހަގަ ކުރުމަށް ފަހު ޝަރްމާ ބުނިގޮތުގައި ވެލެންސިއާގެ ގޭމްގައި މުހިންމު ކުޅުންތެރިންނަކީ ބިދޭސީ ކުޅުންތެރިން އެކަންޏެއް ނޫނެވެ.
"ހަމައެކަނި އިންޓަނޭޝަނަލް [ބިދޭސީ] ކުޅުންތެރިން އެކަންޏެއް ނޫން. ވެލެންސިއާގެ އަލީ ފާސިރު އަކީ ވެސް މެޗަށް ކޮންމެ ބަދަލެއް ވެސް ގެނެވޭވަރުގެ ކުޅުންތެރިޔެއް،" ބޫޓާންގެ ގައުމީ ޓީމަށް ކީޕަރެއްގެ ގޮތުގައި ކުޅުނު ޝަރްމާ ބުންޏެވެ.
"މެދުނުކެނޑި ގިނަ މެޗުތަކެއްގައި މޮޅަށް ކުޅެމުން އޭނާ ކުރިއަށް ދިޔަކަން އެނގޭ. އަދި އަހަރެމެންނަށް އެނގިފައި އޮތީ އޭނާ އަނިޔާގައި ވެސް ހުރިކަން. އެކަމަކު ވެލެންސިއާއިން އޭނާ ފޓް ކުރެވޭތޯ މަސައްކަތް ކުރާކަން ވެސް އެނގިފައި އޮތީ. އަހަންނަށް ނޭނގި އޮތްކަމަކީ މާދަމާ ރޭ މެޗުގައި އޭނާ ކުޅޭނެތޯ ނުވަތަ ނޫންތޯ. އަހަރެމެންނަށް މައުލޫމާތު ލިބިފައި އެބައޮތް މާދަމާ ރޭ މެޗުގައި އޭނާ ކުޅެފާނެ ކަމަށް ވެސް."
ވެލެންސިއާގެ ހެޑް ކޯޗު އަހްމަދު މުޖްތޮބާ (ފެސްކޯ) ބުނި ގޮތުގައި މާދަމާ ރޭ ގެ މެޗުގައި ސެންޓޭ ކުޅޭނެ ކަމުގެ އެއް ވެސް ޔަގީން ކަމެއް ނެތެވެ.
ކޮވިޑް-19 ގެ ސަބަބުން މިދިޔަ އަހަރު އެގައުމުގެ ރައްޔިތުން ގައުމުން ބޭރަށް ފުރައިގެން ދާން ޖޫން މަހުން ފެށިގެން މަނާ ކުރުމުން އެގައުމުގެ ގައުމީ ޓީމުން ވެސް ވަނީ އިންޓަނޭޝަނަލް މުބާރާތްތަކުން ވަކި ވެފަ އެވެ. މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ވެސް ބޫޓާންގެ ޓީމު ވާދައެއް ނުކުރެ އެވެ.
ވެލެންސިއާގެ ބައެއް ކުޅުންތެރިން ވަނީ ރާއްޖޭގެ ގައުމީ ޓީމުގައި ވެސް މެޗުތަކެއް ކުޅެ އިންޓަނޭޝަނަލް މެޗުތަކުގެ ތަޖުރިބާ ހޯދާފަ އެވެ. ގާތްގަނޑަކަށް 10 މަސް ފަހުން ބުޓާންގެ ޓީމެއް ގައުމުން ބޭރުގައި ކުޅޭ ފުރަތަމަ މެޗަކަށް، މާދަމާ ރޭ ޕަރޯ އެފްސީ އާއި ވެލެންސިއާ ކުޅޭ މެޗު ވެގެންދާނެ އެވެ. ޝަރުމާ ބުނި ގޮތުގައި އިންޓަނޭޝަނަލް ތަޖުރިބާ މަދުވުމަކީ އެޓީމަށް ކުރިމަތިވެދާނެ މައްސަލައެކެވެ.
ނަމަވެސް ޓީމުގެ ބައެއް ކުޅުންތެރިންނަކީ ތިމްޕޫ ސިޓީ އާއެކު އޭއެފްސީ ޕްރިލިމިމަރީ ބުރުގައި ދެފަހަރަށް ރާއްޖެ އައި ކުޅުންތެރިންނެވެ. ތިމްޕޫ ސިޓީން ވަނީ އޭއެފްސީ ޕްރިލިމިނަރީ ބުރުގައި މިދިޔަ އަހަރު ރާއްޖެއާ ދެކޮޅަށް ވެސް ކުޅެފަ އެވެ. އަދި 2017 ގައި ވެލެންސިއާ އާދެކޮޅަށް ވެސް ތިމްޕޫ ސިޓީ ކުޅުނެވެ.
"އިންޓަނޭޝަނަލް ތަޖުރިބާ މަދުވިޔަސް މިދަނޑުގައި ކުޅެފައި ތިބި ކުޅުންތެރިން ކުޅުމަކީ އަހަރެމެންނަށް އޮޮތް ހިތްހަމަޖެހުމެއް. އަހަރެން ވެސް މިދަނޑުގައި ހުރިން 2008 ގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި،" ބޫޓާންގެ ގައުމީ ޓީމުގެ ކުރީގެ ދެވަަނަ ކީޕަރު ބުންޏެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗު ފަށާނީ މާދަމާ ރޭ 10 ޖަހާއިރު އެވެ. ރާއްޖެ ހޫނު ގަދަކަން ފާހަގަކޮށް ޝަރްމާ ބުނި ގޮތުގައި ރޭގަނޑު މެޗު ކުޅުމަކީ އެކަމަކު އެމައްސަލަ ކުޑަ ކޮށްދޭނެ ކަމެކެވެ.