މެޑްރިޑް (ޖުލައި 13) - ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާގެ ޓީމުން ވިދާލި ރޮޑްރިގޯ ޑި ޕައުލް އެތުލެޓިކޯ މެޑްރިޑަށް ސޮއިކޮށްފި އެވެ.

އިޓަލީގެ އުޑިނޭޒީގެ ކެޕްޓަން، ޑި ޕައުލްގެ ސޮއިހޯދަން، އެތުލެޓިކޯ އިން ވަނީ އުޑިނޭޒީ އަށް 41 މިލިއަން ޑޮލަރު ދޭން އެއްބަސްވެފަ އެވެ. އޭނާ ވަނީ ފަސް އަހަރުގެ އެއްބަސްވުމުގައި އެތުލެޓިކޯ އަށް ސޮއިކޮށްފަ އެވެ.

ކޮޕާ އެމެރިކާގެ ފައިނަލުގައި، ބްރެޒިލް ކޮޅަށް އާޖެންޓީނާގެ ލަނޑު އެންހަލް ޑީ މާރީއާ ޖެހީ ޑި ޕައުލް ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ.

އެތުލެޓިކޯ އަށް ޑި ޕައުލް ބަދަލުވުމަށް އޭނާ އަށް އެންމެ ބޮޑަށް ބާރު އެޅީ އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ އެވެ. ސިމިއޯނީ 2013 ގައި ބުނެފައި ވަނީ ޑި ޕައުލް އަކީ އާޖެންޓީނާގެ ފުޓުބޯޅައިގެ އެންމެ ބޮޑު ޓެލެންޓުންގެ ތެރޭގައި ހިމެނޭނެ ކުޅުންތެރިޔަކަށް ވާނެ ކަމަށެވެ.