ސެވިއްޔާ (ނޮވެމްބަރު 17) - ލަދުވެތި ނަތީޖާތަކަކާ އެކު ރެލިގޭޝަނާ ދިމާއަށް މިސްރާބު ޖަހާފައިވާ ސެވިއްޔާގެ ކޯޗުގެ މަގާމުގައި ހުރި އުރުގުއޭގެ ޑިއޭގޯ އޮލޮންސޯ މަގާމުން ވަކިކޮށްފި އެވެ.

އޮލޮންސޯ މަގާމުން ވަކިކުރީ ރޭ އަމިއްލަ ދަނޑުގައި 3-0 އިން ގެޓާފޭ އަތުން ބަލިވި މެޗަށް ފަހު އެވެ.

"ސެވިއްޔާގެ ކޯޗުކަމުން ޑިއޭގޯ އޮލޮންސޯ ވަކިކުރިކަން އިއުލާން ކުރަން. ކުލަބުގައި ހޭދަކުރި ދުވަސްތަކުގައި ކޮށްދިން ހިދުމަތަށް އުރުގުއޭގެ ކޯޗަށް ޝުކުރު އަދާކުރާކަން،" ސެވިއްޔާގެ ބަޔާނުގައި ވެއެވެ.

ރޭގެ ނަތީޖާއާ އެކު ސެވިއްޔާ އޮތީ 16 މެޗުން ލިބުނު 13 ޕޮއިންޓާ އެކު 16 ވަނައިގަ އެވެ. ލީގުގެ 17 ވަނައިގައި އޮތް ސެލްޓަ ވީގޯ އާއި 18 ވަނައިގައި (ރެލިގޭޝަންގައި) އޮތް ކާޑީޒް އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައި ވެއެވެ.

އުރުގުއޭގެ ގައުމީ ޓީމު މިދިޔަ އަހަރުގެ ވޯލްޑް ކަޕްގައި ގުރޫޕް ސްޓޭޖުން ކެޓުމާ ގުޅިގެން އޭނާ ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. އެއަށް ފަހު ސެވިއްޔާއާ ހަވާލުވީ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

އޮލޮންސޯ އާއެކު ލީގުގައި ސެވިއްޔާ ކުޅުނު އަށް މެޗުން ވެސް މޮޅެއް ހޯދިފައި ނުވާއިރު، ޗެމްޕިއަންސް ލީގުގައި ވެސް އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ހަތަރު މެޗުން ބަލިވެގެން އެޓީމު ވަނީ ޔޫރަޕުން ކަޓައިފަ އެވެ. އޭނާއާ އެކު ސެވިއްޔާ މޮޅުވީ ކޮޕަ ޑެލް ރޭ ގައި ސްޕެއިންގެ ހަވަނަ ޑިވިޝަނާއި ފަސްވަނަ ޑިވިޝަނުގެ ޓީމަކާ ދެކޮޅަށެވެ.