ރިއޯ ޑި ޖަނޭރޯ (ޑިސެމްބަރު 28) - އެއް ކްލަބަކަށް އެންމެ ގިނަ ގޯލު ޖަހައިގެން ބްރެޒިލްގެ ލެޖެންޑް ޕެލޭ ހަދާފައިވާ ރެކޯޑް ބާސެލޯނާގެ ތަރި ލިއޮނަލް މެސީ މުގުރާލާފައިވަނިކޮށް އެކަމާ ދެކޮޅަށް ޕެލޭގެ ކުރީގެ ޓީމު ބްރެޒިލްގެ ސަންޓޮސް އިން ބަޔާނެއް ނެރެފި އެވެ.

ބްރެޒިލްގެ ސަންތޯސް އަށް 1956-1974 އަށް 656 މެޗުން 643 ގޯލް ޖަހައިގެން ޕެލޭ ހެދި ރެކޯޑް މެސީ މުގުރާލީ މިދިޔަ ހަފްތާގައި ރެއާލް ވަޔަޑޮލިޑް އަތުން 3-0 އިން މޮޅުވި މެޗުގައި ޖެހި ލަނޑާ އެކު، 749 މެޗުން 644 ލަނޑު ހަމަކޮށްގެންނެވެ. މެސީ އެކަން ހާސިލްކުރުމުން ޕެލޭ ވަނީ މަރުހަބާ ކިޔައިފަ އެވެ.

އެހެން ނަމަވެސް ހުރިހާ ކަމެއް ބަދަލުވެގެންދިޔައީ އާޖެންޓީނާ އާއި ބްރެޒިލްގެ ޒަމާންވީ ފުޓްބޯޅައިގެ ބަހުސެއްގެ ތެރެއިންނެވެ. އާޖެންޓީނާގެ މީޑިއާތަކުން މެސީ އަކީ ޕެލޭ އަށް ވުރެ މޮޅު ކުޅުންތެރިއެއް ކަމަށް ރިޕޯޓްކުރަން ފެށުމާ އެކު ސަންޓޮސް އިން އެކަމާ ހިތްހަމަނުޖެހި ޕެލޭގެ ރެކޯޑް އަދި މުގުރާނުލެވޭ ކަމަށް ބުނެ ބްރެޒިލް މީޑިއާގައި ވާހަކަ ދައްކަން ފެށި އެވެ. އަދި އެންމެ ފަހުން ސަންޓޮސް އިން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ.

ސަންޓޮސްގެ ބަޔާނުގައިވާގޮތުން އެކުވެރިކަމުގެ މެޗުތަކާއި އެކްސިބިޝަން މެޗުތައް ލައިގެން ޕެލޭ ސަންޓޮސް އަށް ޖެހި ގޯލުގެ އަދަދަކީ 1091 ގޯލެވެ. ސަންޓޮސް އިން ބުނީ ޕެލޭ ޖަހާފައިވާ 448 ގޯލު އެއީ ނުވާ ކަމެއްގެ ގޮތުގައި ކަނޑަނޭޅޭނެ ކަމަށާއި އެ ގޯލުތަކަކީ ފީފާގެ ހުއްދަ ލިބިގެން ކުޅެފައިވާ މެޗުތަކުގައި ޖަހާފައިވާ ގޯލުތަކެއް ކަމަށެވެ. މީގެ ތެރެއިން އަށް ގޯލަކީ 1960 ގެ އަހަރުތަކުގެ ތެރޭގައި އިޓަލީގެ އިންޓަ މިލާން ކޮޅަށް ޖަހާފައިވާ އަށް ގޯލު ކަމަށް ސަންޓޮސް އިން ބުނެ އެވެ.

"ބައެއް މީހުންގެ ޝަކުވާއެއް އެއީ ޕެލޭ ގިނަ ގޯލު ޖަހާފައިވަނީ އާދައިގެ ޓީމުތައް ކޮޅަށް ކަމަށް. އެކަމަކު ހަގީގަތް އެ ހުރި ފެންނަން މެޗު ކުޅުނީ ފީފާގެ ހުއްދައާ އެކު ފީފާ ގަބޫލުކުރާ މިންގަނޑުތަކުގެ ތެރެއިން. އަދި ގަބޫލުކުރަން ޖެހޭ ކަމެއް މެޗުތައް ކުޅެވެނީ ފީފާގެ ދަށުން އުފައްދާފައިވާ ފެޑެރޭޝަންތަކާއި އެސޯސިއޭޝަންތަކުގެ ހުއްދަ ލިބިގެންކަން،" ސަންޓޮސްގެ ބަޔާނުގައިވެ އެވެ.

"ޕެލޭ ސަރިނަސްގެ ޓްރަންސްވާލް ކޮޅަށް ޖަހާ ގޯލު ހަމަ އެއްވަރެއްވާނީ މެސީ ރެއާލް މެޑްރިޑްގެ ސަންޓިއާގޯ ބާނަބެއުގައި ޖަހާ ގޯލަކާ. އަދަދަށް ބަލާއިރު ދެ ގޯލު ވެސް ގުނޭނީ އެއް ހަމައަކުން."

ސަންޓޮސްގެ މި ވާހަކަތަކާ ގުޅިގެން ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން ކޮންމެބޯލް އިން ވަރަށް އަވަހަށް ބަޔާނެއް ނެރޭނެ ކަމަށް އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.