މެޑްރިޑް (ސެޕްޓެމްބަރު 23) - ރެއާލް މަޔޯކާގެ މައްޗަށް 6-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި، މާކޯ އެސެންސިއޯ ޖެހި ތިން ލަނޑާ އެކު 12 އަހަރަށް ފަހު ރެއާލް މެޑްރިޑްގައި ސްޕެއިންގެ ކުޅުންތެރިޔަކު ފުރަތަމަ ފަހަރަށް ހެޓްރިކް ހަދައިފި އެވެ.

އެސެންސިއޯގެ ކުރިން ރެއާލްގައި ހެޓްރިކް ހެދި ސްޕެއިންގެ ކުޅުންތެރިޔަކީ އެ ޓީމުގެ ލެޖެންޑް ރައުލް ގޮންޒާލޭޒް އެވެ. ރައުލް އެންމެ ފަހުން ހެޓްރިކް ހެދީ އޭޕްރީލް 2009 ގަ އެވެ. އަލްވާރޯ މޮރާޓާ 2017 އެފްސީ އެންޑޯރާ ކޮޅަށް ހެޓްރިކް ހެދި ކަމަށް ބެލެވުނު ނަމަވެސް އޭނާ ޖެހި ތިން ވަނަ ލަނޑު ގޯލަށް ވަނީ އެ ޓީމުގެ މާޓިން މެންޓޮވަނީގެ ގައިގައި ޖެހިފަ އެވެ. އެެހެންވެ އޭނާ ޖެހި ތިން ވަނަ ލަނޑު ލިސްޓް ކޮށްފައިވަނީ އިދިކޮޅު މާޓިންގެ ބައިގޯލެއްގެ ގޮތުގަ އެވެ.

މެޗުން މޮޅުވެ ރެއާލް ވަނީ އަލުން ތާވަލުގެ އެއްވަނަ އަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި އެ ޓީމު އޮތީ ދެ ވަނައިގައި އޮތް ވާދަވެރި އެތުލެޓިކޯ މެޑްރިޑުގެ މައްޗަށް ދެ ޕޮއިންޓުގެ ލީޑެއް ނަގައިގެންނެވެ.

މިދިޔަ މަހު ނިމިގެން ދިޔަ ޔޫރަޕުގެ ޓްރާންސްފާ ޕީރިއަޑުގެ އެންމެ ފަހު ދުވަހު ރެއާލަށް ސޮއިކުރި އެޑްއާޑޯ ކަމަވިންގާ އަށް ވަނީ ފުރަތަމަ ފަހަރަށް ރެއާލްގެ ފުރަތަމަ 11 އިން ކުޅެން ފުރުސަތު ދީފަ އެވެ. ޓީމުގެ މިޑްފީލްޑުން ފެނުނު އެއް ކަމަކީ ކާލޯސް ކަސެމީރޯ އާއި ޓޯނީ ކްރޫޒް އަދި ލުކަ މޮޑްރިޗްގެ ހިއްސާ ނެތި ރެއާލްގެ މިޑްފީލްޑް އަތުރާލާފައި ވުމެވެ. އެ ތިން ކުޅުންތެރިން ނުހިމަނައި ރެއާލުން މެޗަކަށް ނުކުތީ 1015 ދުވަހަށް ފަހު އެވެ.

ކަމަވިންގާއާ އެކު މިޑްފީލްޑުން ފުރުސަތު ދިނީ ފެޑްރީކޯ ވަލްވާޑޭ އަދި އެސެންސިއޯ އަށެވެ. ރެއާލްގެ އަނެއް ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ކަރީމް ބެންޒެމާ އެވެ. ފަހު ލަނޑު ކާމިޔާބު ކުރީ އިސްކޯ އެވެ. މަޔޯކާގެ ހަމައެކަނި ލަނޑޫ ކާމިޔާބު ކުރީ ދެކުނު ކޮރެއާގެ މިޑްފީލްޑާ ލީ ކަންގް އެވެ.