މެޑްރިޑް (މާޗް 28) - ހަލުވިކަމާ އެކު ސްޕެއިނުގައި ވެސް ކޮވިޑް-19 ފެތުރެމުންދާތީ ލިބޭ މާލީ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން އެތުލެޓިކޯ މެޑްރިޑުން އެ ކްލަބްގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.
ރިޕޯޓްތައް ބުނާގޮތުން މުސާރަ ކުޑަކުރަން މި ވަގުތު އެއްބަސްވެފައި އޮތީ ހަމައެކަނި ބާސެލޯނާގެ ކުޅުންތެރިންނެވެ. އެކަމަކު ރަސްމީކޮށް އެ ޓީމުން ވެސް އެކަން ހާމަކޮށްފައެއް އަދި ނުވެ އެވެ. ސްޕެއިނުގެ ގިނަ ކްލަބްތަކުން ކުޅުންތެރިންގެ މުސާރަކުޑަކުރަން ހުށަހަޅަމުން އަންނައިރު، އެންމެ ބޮޑު ޕަސެންޓެއް ކުޑަކުރަން ކުޅުންތެރިންނާއި ސްޓާފުންގެ ކިބައިން އެދުނީ އެސްޕަންޔޯލުންނެވެ. އެ ޓީމުން ވަނީ ކުޅުންތެރިންނާއި ސްޓާފުންގެ މުސާރަ 70 ޕަސެންޓަށް ވެސް ކުޑަކުރަން ޖެހިދާނެ ކަމަށް ބުނެފަ އެވެ.
ސްޕެއިނުގެ ފުޓްބޯޅަ ހަރަކާތްތައް ހުއްޓާލާފައިވާއިރު އަލުން ފެށޭނެ ތާރީހެއް ނޭގެ އެވެ. މެއި މަހު ފަށަން މަސައްކަތް ކުރަމުން އައި ނަމަވެސް އަދި އެކަމަށް އަލިމަގެއް އޮތީ ނުފެނި އެވެ. މި ފަދަ ހާލަތެއްގައި ކުޅުންތެރިންނާއި ކްލަބްގެ ސްޓާފުންނަށް މުސާރަތަށް ބަރާބަރަށް ދިނުމަކީ އުނދަގޫ ކަމެއް ކަމަށް އެތުލެޓިކޯގެ ސީއީއޯ މިގޭލް އޭންހެލް ގިލް ވަނީ ވިދާޅުވެފަ އެވެ.
ގިލް ސޮއިކުރައްވާ އާންމުކުރެއްވި ބަޔާނެއްގައިވާ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކުޅުންތެރިންނާއި ސްޓާފުންގެ މުސާރަ ކުޑަކުރަން އެތުލެޓިކޯގެ ބޯޑުން ކަނޑައަޅާ އުސޫލުތައް ކުޅުންތެރިންނަށް ހިއްސާކުރާނެ ކަމަށެވެ. އަދި މި އުނދަގޫ ވަގުތުގައި މުޅި ސްޕެއިނަށް ކުރިމަތިވާ މާލީ އުނދަގޫތަކުގައި ކްލަބަށް ވެސް ގިނަ ގެއްލުންތަކެއްވާކަމަށާއި މި ކަމުން އަރައިގަންނަން އެންމެންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ކޮވިޑް-19ގެ ސަބަބުން މާލީ ގޮތުން އެހީތެރިކަން ބޭނުންވާ ކްލަބްތަކަށް އެހީވުމުގެ ގޮތުން ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މިދިޔަ ހަފްތާގައި 500 މިލިއަން ޔޫރޯގެ ފަންޑެއް ހުޅުވައިފަ އެވެ. ފެޑެރޭޝަނުން އެހީވާން ނިންމާފައިވަނީ ޓީވީ ރައިޓްސް ވިއްކައިގެން ލިބެން ޖެހޭ އާމްދަނީ އަނބުރާ ލިބޭނެ ގޮތެއް ނެތް ޓީމުތަކަށާއި ސްޕޮންސަރުންގެ ފަރާތުން ލިބެންޖެހޭ ފައިސާގެ ދަތިތަކާ ކުރިމަތިލާން ޖެހޭ ޓީމުތަކަށެވެ. މީގެ އިތުރުން ޕްރޮފެޝަނަލް ނޫން ގޮތެއްގައި ވެސް ފުޓްބޯޅަ ކުރިއަރުވަން މަސައްކަތްކުރާ އަންހެން/ ފިރިހެން ޓީމުތަކަށް އެހީވުމުގެ ގޮތުން ހަަތަރު މިލިއަން ޔޫރޯގެ ލޯން ފެސިލިޓީ އެއް ވަނީ ގާއިމްކޮށްފަ އެވެ. މި ހުރިހާ ފައިސާއެއް އަނބުރާ ފެޑެރޭޝަނަށް ދައްކަން ފަސް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.
އިއްޔެ ސްޕެއިނުގެ ސަރުކާރުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ކޮވިޑް-19 ރޯގާ ޖެހިގެން މިހާތަނަށް އެ ގައުމުގައި މަރުވި މީހުންގެ އަދަދު ވަނީ 4800 އަށް އަރައިފަ އެވެ.