ބާސެލޯނާ (ފެބްރުއަރީ 28) - ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑް 1-0 އިން ބަލިކޮށް އެ ޓީމު އަތުން 10 އަހަރު ތެރޭ ފުރަތަމަ މޮޅު އެސްޕަންޔޯލުން ހޯދައިފި އެވެ.

މި މެޗުން ބަލިވުމުން ލީގުގެ ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ގާތްކުރަން ރެއާލަށް ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. ލީގުގެ އެއް ވަނައިގައި ބާސެލޯނާ 25 މެޗުން 65 ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް އެތުލެޓިކޯ އަށް ލިބިފައިވަނީ 25 މެޗުން 58 ޕޮއިންޓެވެ. އަދި ރެއާލް ތިން ވަނައިގައި އޮތީ 26 މެޗުން 51 ޕޮއިންޓް ހޯދައިގެންނެވެ.

ރޭގެ މެޗުގައި އެސްޕަންޔޯލް މޮޅުވި ގޯލު އެ ޓީމުގެ ޖެރާޑޯ މޮރޭނޯ ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގަ އެވެ. ރެއާލުން މި މެޗު ކުޅުނީ އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުލަ އެވެ. އެހެން ނަމަވެސް ކަރިމް ބެންޒެމާ އާއި ގަރެތު ބޭލް ވަނީ ކުޅެފަ އެވެެ.

ރެއާލް މި ސީޒަނުގައި ވަނީ ކަޓަލޫނިއާ ސަރަހައްދު ތިން ޓީމު އަތުން ބަލިވެފަ އެވެ. އެއީ އެސްޕަންޔޯލުގެ އިތުރުން ބާސެލޯނާ އާއި ޖިރޯނާ އަތުންނެވެ. ރޭގެ މެޗާ ހަމައަށް ރެއާލުން އައިއިރު ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން އެ ޓީމު އެންމެ މެޗަކުން ވެސް ބަލިނުވެ އެވެ.

މި މެޗުން ބަލިވުމުން ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ރެއާލަށް ވަނީ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ރޭގެ މެޗަށް ފަހު ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ މިއީ އޭނާ ބޭނުންވި ނަތީޖާއެއް ނޫން ކަމަށާއި އަދި ބޭނުންވި ކުޅުން ވެސް ނުފެންނަ ކަމަށެވެ.

"މިއީ އަހަރެމެންނަށް ވަރަށް ގޯސްކޮށްދިޔަ މެޗެއް. ހަމައެކަނި ބޭނުންވި ނަތީޖާއެއް ނޫން ނުލިބުނީ. ކުޅުން ވެސް ދިޔައީ ބޭނުންވި ގޮތަކަށް ނޫން. މިއީ އަހަރެމެން ވިސްނަން ވެއްޖެ ކަމެއް. ވަކި ކުޅުންތެރިޔެއް ނޫން ހުރިހާ ކުޅުމެއް ދިޔައީ ގޯސްކޮށް،" ޒިދާން ބުންޏެވެ.

އޭނާ ވަނީ މެޗުގެ ނަތީޖާ ހަމަހަމަވެފައި އޮއްވައި ފަހަތަށް ކުޅޭ ސާޖިއޯ ރާމޮސް ކުރިއަށް ޖެއްސީ މެޗުގެ ތިން ޕޮއިންޓް މުހިއްމުވުމުން ކަމަށް ބުނެފަ އެވެ.