ބާސެލޯނާ (ޑިސެމްބަރު 23) – އެސްޕަންޔޯލް އަތުން 1-0 އިން ބަލިވެ މި ސީޒަނުގެ ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑަށް ފުރަތަމަ ފަހަރަށް ބައްޔަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މި މެޗުން މޮޅުވެ އެއް ވަނައިގައި އޮތް ބާސެލޯނާއާ ތަފާތު ކުޑަކުރަން ލިބުނު ފުރުސަތު އެތުލެޓިކޯ އަށް މިވަނީ ގެއްލިފަ އެވެ. އެއް ވަނައިގައި 42 ޕޮއިންޓާ އެކު ބާސެލޯނާ އޮތްއިރު އެތުލެޓިކޯ ދެ ވަނައިގައި އޮތީ 36 ޕޮއިންޓާ އެކު އެވެ. މިއަދު ހަވީރު ރެއާލް މެޑްރިޑް އަތުން މޮޅުވެއްޖެ ނަމަ ބާސެލޯނާ އަށް އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ.
އެސްޕަންޔޯލުގެ ދަނޑުގައި ރޭ ކުޅުނު މެޗުން އެ ޓީމު މޮޅުވީ އެތުލެޓިކޯ ކޮޅަށް 88 ވަނަ މިނެޓުގައި ސާޖިއޯ ގާސިއާ ޖެހި ގޯލުންނެވެ.
އެތުލެޓިކޯ ބަލިވުމާ އެކު ސްޕެނިޝް ލީގުގައި ބަލިނުވުމުގެ ރެކޯޑް މިވަގުތު އޮތީ ބާސެލޯނާގެ އަތުގައި އެކަންޏެވެ. ބާސެލޯނާ ސަރަހައްދަށް ނިސްބަތްވާ އެސްޕަންޔޯލުން މެޑްރިޑަށް ނިސްބަތްވާ އެތުލެޓިކޯ ބަލިކުރިއިރު ބާސެލޯނާ އިން ރެކޯޑް ދަމަހައްޓަން މިއަދު ނުކުންނާނީ މެޑްރިޑަށް ނިސްބަތްވާ ރެއާލް މެޑްރިޑާ ދެކޮޅަށެވެ.