މެޑްރިޑް (އޭޕްރީލް 30) - ރެއާލް މެޑްރިޑުން ލަލީގާ ކާމިޔާބު ކޮށް، އެޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބޮޑު ރެކޮޑެއް ހަދައިފި އެވެ.

ދެވަނަ ފަހަރަށް ރެއާލް އަށް ކޯޗުކޮށްދޭ އަންޗެލޮޓީ މިހާރު ވެފައި ވަނީ ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގު ކާމިޔާބު ކުރި ހަމައެކަނި ކޯޗަށެވެ. އަންޗެލޮޓީ މީގެ ކުރިން ވަނީ އިޓަލިއަން ލީގު، ޕްރިމިއަ ލީގު އަދި ފްރާންސް ލީގު، ޖަރުމަން ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ.

މިރޭ އެސްޕަނިޔޯލް އާ ދެކޮޅަށް ކުޅުނު މެޗު 4-0 ން ކާމިޔާބުކޮށް ރެއާލްއިން ވަނީ އެއްވަނައިގައި 17 ޕޮއިންޓްގެ ލިޑެއް ނަގައިފަ އެވެ. އެޓީމަށް ބާކީ އޮތީ ހަތަރު މެޗެވެ.

ރެއާލް މެޑްރިޑްގެ ކެޕްޓަން މާސެލޯ އާއި ވައިސް ކެޕްޓަން ބެންޒެމާ: މާސެލޯ ވަނީ ރެއާލްގެ ޖޯޒީގައި 24 ތަށި ހދާފަ
ރެއާލް މެޑްރިޑްގެ ކެޕްޓަން މާސެލޯ އާއި ވައިސް ކެޕްޓަން ބެންޒެމާ: މާސެލޯ ވަނީ ރެއާލްގެ ޖޯޒީގައި 24 ތަށި ހދާފަ

މިރޭގެ މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ރެއާލް އަށް ލީގު ލިބެން އޮތެވެ. ރޮޑްރިގޯ ގޮއިސް ދެ ލަނޑު ޖެހި މެޗުގައި ފަހު ދެ ލަނޑު ޖެހީ މާކޯ އެސެންސިއޯ އާއި ކަރީމް ބެންޒެމާ އެވެ.

ރެއާލް އިން ލީގު ކާމިޔާބުކޮށް އެޓީމުން ވަނީ ލަލީގާގެ ޗެމްޕިއަންކަން 35 އަހަރު ހޯދައިފަ އެވެ. މިތައްޓާ އެކު ރެއާލްގެ ކެޕްޓަން މާސެލޯ ވިއޭރާ ވެސް ވަނީ ރެކޯޑެއް ހަދައިފަ އެވެ. މިހާރު އޭނާ ވެފައި ވަނީ ރެއާލް މެޑްރިޑްގައި އެންމެ ގިނަ ތަށި ހޯދި ކުޅުންތެރިޔާ އަށެވެ. އޭނާ މިހާރު ވަނީ ރެއާލްއާއެކު 24 ތަށި ހޯދައިފަ އެވެ. އެއްވެސް ކުޅުންތެރިޔަކަށް މީގެ ކުރިން އެއަދަށް ވާސިލުވެވިފައެއް ނުވެ އެވެ.