ކުރިން ގެންގުޅުނު ގިނަ އާދަތަކެއް ބަދަލުކުރަން ޖެހޭ ވަގުތު އައިސް ޖެހިއްޖެ އެވެ. ކޮރޯނާވައިރަސްއާ އެކު މުޅި ދުނިޔެ ހުއްޓުމަކަށް އަތުވެއްޖެ އެވެ. ކުއްލިއަކަށް އަހަރެމެންގެ ރިސޯޓްތައް ބަންދުކޮށްފި އެވެ. އެއާލައިންތަކުގެ ދަތުރުތައް ހުއްޓާލަނީ އެވެ. މި ހުންނަނީ ހަޔާތުގައި ވެސް މީގެ ކުރިން ދިމާވެފައި ނުވާ ފަދަ ބޮޑެތި ކަންކަމެވެ. ދެން އޮތީ ހުރިހާ ކަމެއް ހަމަޔަކަށް އެޅެންދެން ދިރިއުޅުން މެނޭޖްކުރުމެވެ.

މީގެ ހަތަރު މަސް ކުރިން ޗައިނާއިން އުފަންވި ކޮރޯނާވައިރަސް މިހާރު ވަނީ ދުނިޔޭގެ ހުރިހާ ބިތަކަށް ފެތުރި، ބިރުވެރިކަން އިންތިހާއަށް ގޮސްފަ އެވެ. އެހެން ގައުމުތަކަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ މި ކުޑަ ރާއްޖޭގައި ވެސް ބަލީގެ ނުރައްކާ ބޮޑުވަމުން ދާއިރު، އިގްތިސޯދު މިވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. ރާއްޖެއަށް އާމްދަނީ ހޯދައިދޭ ޓޫރިޒަމް އިންޑަސްޓްރީގައި "ބަންދު ބޯޑު އެޅުވުމުން އޭގެ އަސަރު ހުރިހާ ދިވެހިންނަށް ކުރާނެ އެވެ. ކުންފުނިތަކުގެ ވެރިން ފެށިގެން އެންމެ އާދައިގެ މީހާއަށް ވެސް މީގެ ދަތިކަން ކުރިމަތިވާނެ އެވެ.

އިގްތިސޯދީ ގޮތުން ރާއްޖެ އަޑިއަޅާލާފައިވާ މިންވަރާއި، އެއިން އެންމެންނަށް ކުރާނެ އަސަރު އަންދާޒާކޮށްލަން، ގިނަ މީހުންނަށް ނޭނގިދާނެ އެވެ.

އެކަމަކު ކޮންމެ މީހަކަށް ވެސް ފަރުދީ ޒިންމާ ނެގޭނެ އެވެ. އެއްގޮތަކީ ކުރިއަށް ވުރެ ހަރަދު މަދުކޮށްލުމެވެ.

އަތޮޅުތެރެއަށް ގެންދިއުމަށް ބޯޓަކަށް މުދާ އަރުވަނީ: މިހާރު ގިނައިން ގެންދަނީ ކާޑުގެ ބާވަތްތައް-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
އަތޮޅުތެރެއަށް ގެންދިއުމަށް ބޯޓަކަށް މުދާ އަރުވަނީ: މިހާރު ގިނައިން ގެންދަނީ ކާޑުގެ ބާވަތްތައް-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"ކިހިނެއް ވާނެ ހަ ތަށި ކޮފީގެ ބަދަލުގައި ތިން ތަށި ކޮފީ ބޮއިފިއްޔާ؟" ވަރަށް ކުޑަ އާދައަކުން ވެސް ބޮޑު އަސަރެއް ކުރާނެކަން ފާހަގަކުރައްވަމުން، ކުރީގެ ގަވަރުނަރު ފަޒީލް ނަޖީބު އެއްސެވި އެވެ.

"ޔަގީނުން ވެސް މިއީ ކުރެވިދާނެ ކަމެއް."

އޭނާ ވިދާޅުވި ގޮތުގައި ޚަރަދުތައް އާދަޔާހިލާފު ގޮތަކަށް ނުބަލަހައްޓާ ނަމަ ކުރިއަށް އޮތް ތަނުގައި ވަރަށް ދަތިވާނެ އެވެ. އެހެންވެ، ކުރިން ކުރަމުން އައި ކަންތައްތަކަށް މިހާރު ހަރަދުނުކޮށް، ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ހަރަދު ކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

އެތައް ބައެއްގެ ވަޒީފާއަށް ވާނެ ގޮތެއް ނޭނގޭ

ދިވެހިންގެ އާމްދަނީއާ ގުޅޭ ގޮތުން އެންމެ ފަހުން ދިރާސާއެއް ހަދާފައިވަނީ 2016 ގަ އެވެ. އެއިން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ ތިން ލައްކައަށް ވުރެ ގިނަ މީހުންގެ ތެރެއިން، 142،000އަށް ވުރެ ގިނަ މީހުން އުޅެނީ ވަޒީފާގަ އެވެ. މީގެ ތެރެއިން 71 ޕަސެންޓް މީހުން މަަސައްކަތް ކުރަނީ ކޮންމެވެސް މީހެއް ނުވަތަ ތަނެއްގެ މުވައްޒަފެއްގެ ގޮތުގަ އެވެ. އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ނިސްބަތަކީ 17 ޕަސެންޓެވެ.

މި އެންމެންނަށް ބަލާއިރު، އެވްރެޖުކޮށް ކޮންމެ މީހަކަށް ވެސް މުސާރައިގެ ގޮތުގަގއި 10،000އަށް ވުރެ ގިނަ ރުފިޔާ ލިބެ އެވެ. އެކަމަކު ވަޒީފާ އަދާކުރާ މީހުންގެ ދެބައިކުޅަ އެއްބައި މީހުން މާލޭގައި ދިރިއުޅޭއިރު، އާމްދަނީގެ ބޮޑު ޕަސެންޓެއް ދަނީ ކުއްޔަށް ނުވަތަ ދިރިއުޅުމުގެ އަސާސީ ހިދުމަތްތަކަށެވެ.

ޓޫރިޒަމް ދާއިރާ ހުއްޓުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޓޫރިސްޓުންތަކެއް -- ފޮޓޯ: ހުސެން ވަހީދު /މިހާރު
ޓޫރިޒަމް ދާއިރާ ހުއްޓުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޓޫރިސްޓުންތަކެއް -- ފޮޓޯ: ހުސެން ވަހީދު /މިހާރު

ހުރިހާ މަސައްކަތްތަކަށް ބަލާއިރު، 27 ޕަސެންޓް މީހުން ވަޒީފާ އަދާކުރަނީ ދަށް މުސާރަތަކަށެވެ.

ވަޒީފާ އަދާކުރާ މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، އާބާދީގެ ބޮޑު ބައެއް، ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރެ އެވެ. އެކަމަކު ކޮރޯނާވައިރަސްއާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރު ހުއްޓި، އެ ދާއިރާ އޮތީ އެއްކޮށްހެން މަޑުޖެހިފަ އެވެ. ކުރިން މަހަކު ދެ ލައްކައެއްހާ ޓޫރިސްޓުން ރާއްޖެ އައި ނަމަވެސް މިހާރު އެ އަދަދު އެ ދަނީ ސުމަކަށެވެ. ބުކިންތައް ކެންސަލްވެ، ރިސޯޓްތައް ބަންދުކުރަނީ އެވެ. މިހާރު ވެސް ބައެއް ރިސޯޓުތަކުން ދަނީ މުވައްޒަފުން މަދުކުރަމުންނެވެ.

ސަރުކާރަށް އާމްދަނީ ލިބޭ ޓެކްސްގެ ދޮރު ބަންދުވެފައިވާއިރު ކުންފުނިތައް ހިންގުމަށް ވެސް ބޮޑު ގޮންޖެހުމެއް ވަނީ ކުރިމަތިވެފަ އެވެ. ފަޒީލް ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސޯދީ އަޑިގަނޑުގައި، ވަޒީފާ އަދާކުރާ ކޮންމެ މީހަކަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރަށް 450 މިލިޔަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާއިރު މިއީ ރާއްޖެ ކަހަލަ ގައުމަކަށް ވަރަށް ބޮޑު އަދަދެކެވެ. އަދި ސަރުކާރާއި ކުންފުނިތަކަށް ވެސް، މުސާރަ ދިނުމުގައި މި ދަނޑިވަޅު ބޮޑު ގޮންޖެހުމަކަށް ވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެކަމަކު ރައީސް ޔަގީންކަން ދެއްވާފައި އޮތީ މުސާރަ ކުޑަނުކުރާނެ ކަމަށް. މިއީ އެންމެ އާދައިގެ މީހާއަށް ވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ފަޒީލް ވިދާޅުވި އެވެ.

"ނަމަވެސް އެހާ ގާބިލް ނޫން ކުންފުނިތައް ނޫނީ، ރިޒާވްގައި އެހާ ގިނަ ފައިސާ ނެތް ކުންފުނިތަކަށް ވާނެ [މުސާރަ ދިނުން] އުނދަގޫ ކަމަކަށް."

އޭނާ ވިދާޅުވީ ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމަށް އެހެން މީހަކަށް ބަރޯސާވެފައިވާއިރު، މި ދަތިކަން ފޫބެއްދޭނީ ކުރިން ކުރި ގިނަ ހަރަދުތަކެއް ކަނޑާލައިގެން ކަމަށެވެ. އަދި އެކަމުގައި ފަރުދީ ލެވެލްގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މިއީ ދަތި ދުވަސްތަކެއް. ކުރިއަށް އޮތީ އަދި ބުނަން ވެސް ނޭނގޭ ދަތި ދުވަސްތަކެއް-- ފަޒީލް

އެންމެ ބޮޑު ކަމެއްގެ ގޮތުގައި ކުރީގެ ގަވަރުނަރު ފާހަގަކުރެއްވީ، ކޮންމެ މީހަކު ވެސް އެ މީހަކަށް ކުރެވެން އޮތް އެންމެ މަދުން ހަރަދުތައް ކުރުމެވެ. ނޫނީ ރޭޝަން ކުރުމެވެ.

ވަރަށް އާދައިގެ އެކަމަކު މުހިއްމު ބައެއް ކަންކަން

ވަރަށް އާދައިގެ ނޫނީ ކުޑަ ކަމަކުން ވެސް ބޮޑު ތަފާތެއް ދެއްކިދާނެ އެވެ. މިއީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. ބޭކާރު ހަރަދުތައް ކުރަން އާދަވެފައިވާ ދިވެހިންގެ، ދިރިއުޅުމުގެ އާދަތައް ބަދަލުކޮށްލަން މިއީ ރަނގަޅު ފުރުސަތެއް ކަމަށް ބަލަމާ ހިނގާށެވެ. އެންމެ ފުރަތަމަ ގޭތެރެއިންނެވެ؛

ރާއްޖޭގައި އިލެކްޓްރޯނިކް ގިނަ ވަސީލަތްތައް ބޭނުންކުރާ ގެއަކުން އެވްރެޖް ގޮތެއްގައި 2.5 ކިލޯވޮޓުގެ ކަރަންޓު ބޭނުން ކުރާއިރު މި މިންވަރު ކުޑަކުރުމަށް، ވަރަށް އާދައިގެ ކަންކަން ވެސް ކުރެވިދާނެ އެވެ.

- ކަރަންޓު ބިލަށް އެންމެ ބާރު ބޮޑު ކުރާ އެކައްޗަކީ ގޭގައި ހުންނަ އޭސީ އެވެ. އެކަމަކު ކަރަންޓު މައްޗަށް ހިނގައިދާނެއޭ ހިތައި، ކޮޓަރިން ނުކުންނަ ކޮންމެ ފަހަރަކު އޭސީ ނިވާނުލާށެވެ. އެންމެ ރަނގަޅު ފިނިހޫނު މިންކަމުގައިވާ 22-24އާ ދެމެދު ޖައްސާފައި ބަހައްޓާށެވެ. ކޮޓަރީގައި ހުންނަ އޭސީން މުޅި ގޭތެރެ ފިނިކުރަން ނުހަދާށެވެ. އޭރުން ކަރަންޓު އަރާވަރު އިތުރުވާނެ އެވެ. ބޭނުން ނުކުރާ ވަގުތުތަކުގައި ފަންކާ އާއި ބޮކި ފަދަ އެއްޗެހި ނިވާފައި ބަހައްޓާށެވެ.

ހަރަދު ކުޑަކުރުމަށް، ބޭރުން ކާ މިންވަރު މަދުކުރަން ޖެހޭ
ހަރަދު ކުޑަކުރުމަށް، ބޭރުން ކާ މިންވަރު މަދުކުރަން ޖެހޭ

- ދޮންނަމެޝިނާއި އައިސްއަލަމާރި ފަދަ ތަކެތި ގަންނައިރު، 1000 ވޮޓު އިންވާޓާ އެއްޗެހި ޚިޔާރުކުރާށެވެ. ކަރަންޓު ބޭނުން ކުރާ މިންވަރު މަދުވާނެ އެވެ.

- ގެއިން ބޭރުން ކާ މިންވަރު މަދުކުރާށެވެ. ގޭގައި ކެއްކުމަށް މަހެއްގެ މައްޗަށް ހަރަދުވާ މިންވަރު ބަަލައި، އެންމެ އެކަށީގެންވާ މިންވަރުގައި ހިފެހެއްޓޭތޯ ބަލާށެވެ. ކޮންމެ ދުވަހަކު ބޭރުން ކޮފީ ބުއިމުގެ ބަދަލުގައި، ގޭގައި ކޮފީ ތައްޔާރުކުރާ މެޝިނެއް ހޯދިދާނެ އެވެ. އެވަރު ނުވަންޔާ ކޮފީ ބޯ މިންވަރު މަދުކޮށްލާށެވެ.

- ކޮންމެހެން ގަންނަން ޖެހޭ އެއްޗެއް ނޫނީ ނުގަނެ، ދިގު މުއްދަތަކަށް ބޭނުން ކުރެވޭ ކަހަލަ އެއްޗެހި ގަންނާށެވެ. ގްރޮސަރީ ކަހަލަ އެއްޗެހި ގަނެފައި ވެސް، ހަލާކު ނުވާނެ ފަދަ ގޮތަކަށް އައިސް އަލަމާރީގައި ބަހައްޓާށެވެ.

ކުރިއަށް އޮތީ ދަތި ދުވަސްވަރެއްކަން ދަނެގެން، މިހާރުއްސުރެ އިގްތިސޯދު ކުރަން ފަށައިފި ނަމަ، އޭގެ އަސަރު ކުޑަވާނެ އެވެ. ދުނިޔެ ރަނގަޅު މިސްރާބަކަށް އަނެއްކާވެސް ބަދަލުވެ، މާ ގިނަ ދުވަހެއް ނުކޮށް މި އަޑިގަޑުން ސަލާމަތްވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. އެކަމަކު އެ ދުވަސް އަންނަންދެން، ހުރިހާ ގޮތަކުން ވެސް ބަލައިގެން އުޅުން ބުއްދިވެރި އެވެ.