ރާއްޖޭގެ އިގްތިސާދާ ގުޅޭ ގޮތުން "މޯލްޑިވްސް އިކޮނޮމިކް ރިވިއު"ގެ ނަމުގައި ޖާނަލެއް ނެރެފި އެވެ.

މި ޖާނަލް އުފައްދާފައި ވަނީ އިގްތިސާދީ ތަޖުރިބާކާރު އާތިފް ޝާކޫރާއި ކުރީގެ ގަވަރުނަރު ފަޒީލް ނަޖީބުގެ އިސްނެންގެވުމުގެ މަތިންނެވެ.

މި ޖާނަރަލް ނެރެދެއްވައި އާތިފް ވިދާޅުވީ، 20 އަހަރު ކުރިން ޕްލޭންކޮށްގެން މިކަން ވެގެންދިޔުމަކީ ވަރަށް އުފާ ކުރައްވާ ކަމެއް ކަމަށެވެ. އިނގިރޭސި ބަހުން ނެރޭ މި ޖާނަލް އަހަރަކު ހަތަރު ފަހަރު ޕަބްލިޝް ކުރާނެ އެވެ. އޭގެ އިތުރުން ޖާނަލްގައި ހިމެނޭ އާޓިކަލްތައް މޯލްޑިވްސް އިކޮނޮމިކް ރިވިއު ވެބްސައިޓުގައި ވެސް ޝާއިއު ކޮށްފައިވެ އެވެ.

"އަޅުގަނޑުމެންގެ މަގްސަދަކީ އިގްތިސާދާއި ވިޔަފާރީގެ ދާއިރާއިން އެނަލެޓިކަލް އާޓިކަލްސްތަކެއް ޕަބްލިޝް ކުރުން. އަދި އެ ޕަބްލިކޭޝަން ނޫސްވެރިންނަށް ވެސް އަދި ލިޔުއްވާ އެހެން ބޭފުޅުންނަށް ވެސް ބޭނުން ކުރެވުން،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް އިކޮނޮމިކް ރިިވިއުގެ ވެބްސައިޓް އާންމު ކުރީ ފެބްރުއަރީ 1، 2019 ގަ އެވެ. އެއަށް ފަހު ވެބްސައިޓަށް ވެސް ޖާނަލްގެ އާޓިކަލްތައް ދިޔައީ ޕަބްލިޝް ކުރަމުންނެވެ.

މި ޖާނަލްގައި ފަސް އާޓިކަލް ހިމެނެ އެވެ. އެގޮތުން މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ލިޔުންތަކާއި ގެސްޓްހައުސްތަކާ ގުޅޭ ލިޔުންތަކުގެ އިތުރުން ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެން އައި ގޮތާ ގުޅޭ ގޮތުން ލިޔެފައިވާ ލިޔުންތައް ހިމެނެ އެވެ.