ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލައިފި ނަމަ އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭނެކަމުގެ އިންޒާރު ދިނުން ފަދަ ކަންކަން ކުރަނީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށާއި އެ ކަންކަން ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަ ޑރ. ފަޒީލް ނަޖީބު މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ވިދާޅުވީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފަހު ދައުރުގައި ބޭރުގެ މީޑިއާތަކުން އެ މަނިކުފާނަށް ފާޑުކިޔައި ރިޕޯޓްތައް ގެނެސް ދިން ކަމަށެވެ. އެކަން ކުރީ ރާއްޖޭގެ ސިޔާސީ ބަޔަކު ފަހަތުގައި ތިބެ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށާއި މިހާރު ވެސް އެކަން ހިނގަމުން ދާ ކަމަށް ފަޒީލް ވިދާޅުވި އެވެ.

"އެ މީހުން ތާއީދު ކުރާ ފަރާތަށް ކާމިޔާބު ނުވެއްޖެއްޔާ ރާއްޖެ އަށް އަރާނެ ކަމުގެ އިންޒާރުކުރީ އަވަށްޓެރި ގައުމެއްގެ އިސް ސިޔާސީ މީހަކު. ފަހަތުގައި ތިބީ ހަމަ އެއް ބައެއް." ރައީސް އަބްދުﷲ ޔާމީންގެ ޒަމާންވީ އެކުވެރިޔާ ފަޒީލް ވިދާޅުވި އެވެ.

ފަޒީލް މި މޭރުމުން ވާހަކަ ދެއްކެވި އިރު، އިންޑިއާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ސުބްރަމާނިއަމް ސުވާމީ ވަނީ، މިއަހަރު ރާއްޖޭގައި ބާއްވާ ރިއާސީ އިންތިޚާބު ސަރުކާރުން އޮޅުވާލައިފި ނަމަ އިންޑިއާ އިން ރާއްޖެ ހިފަންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

އޭނާ އެ ގޮތަށް ވިދާޅުވީ، ދާދި ފަހުން ސްރީ ލަންކާ އަށް ކުރެއްވި ދަތުރެއްގައި، ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރައްވައި ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ. ނަމަވެސް އިންޑިއާ އިން ބުނެފައި ވަނީ ސުވާމީގެ އެ އިންޒާރަކީ ސަރުކާރުގެ ވިސްނުން ނޫން ކަމަށާއި އެއީ އޭނާގެ އަމިއްލަ ޚިޔާލެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ގާނޫނާ ހަވާލާދެއްވަައި ފަޒީލް ވިދާޅުވީ އިންތިޚާބާ ގުޅޭ ގޮތުން އެކި ފަރާތްތަކުން ދޭ މިފަދަ އިންޒާރުތައް އެ ކޮމިޝަނުން ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ.

އިންތިހާބުތައް ބާއްވާ އިރު ބިރުދެއްކުމާއި ހަމަނުޖެހުން ހިންގުން ހުއްޓުވައި ވޯޓު ލެވޭނެ މިނިވަން މާހައުލެއް ކަށަވަރުކޮށް ދިނުމަކީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުން އެ ކޮމިޝަނަށް ލާޒިމްކުރާ ކަންކަމެވެ.

އަދި ކެންޑިޑޭޓުންނާ ގުޅޭ ގޮތުން ދޮގު ވާހަކަ ދައްކައި މީހުންގެ މެދުގައި ރުޅިވެރިކަން އުފެދޭ ގޮތަށް ކަންކުރުމަކީ އަދަބު ކަނޑައަޅާފައިވާ ކުށްތަކެވެ. އެފަދަ ކުށެއް ކޮށްފިނަމަ ހަތަރު މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 4،000ރ. އާއި 12،000ރ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.