އެމެރިކާގެ މަޝްހޫރު ފާސްޓް ފުޑް ކުންފުނި "ބާގާ ކިންގް" ގެ ލޯގޯ އަށް ބަދަލެއް ގެނެސްފި އެވެ.

ލޯގޯ އަށް އެންމެ ފަހުން ބަދަލެއް ގެނައިތާ 20 އަހަރު ފަހުން ގެނައި މި ބަދަލުގައި އެންމެ ފާހަގަކުރެވެނީ ކުރީގެ ލޯގޯގެ ވާތް ފަރާތުން ވަށް ބުރަކަށް އިންނަ ނޫ ކުލައިގެ ބައި ނެތުމެވެ. އަލަށް ގެނައި ބަދަލާ އެކު ލޯގޯ މިހާރު ފެންނަނީ ވަރަށް އާދައިގެ ގޮތަކަށެވެ.

ލޯގޯ މިހާރު އިނީ ބަނަހެއްގެ ދޭތެރެއަށް ފިޓްވާ ވަރަށް ސީދަލަށް "ބާގާ ކިންގް" ގެ ނަން ފައްތައިފަ އެވެ. ކުރީގެ ލޯގޯގައި އަރިއަކަށް އިންނަ ބަނަހުގެ ބޭރަށް ވެސް ނަމުން ބައެއް ނުކުމެފައި އިނދެ އެވެ.

ބުރާސްފަތި ދުވަހު އާ ލޯގޯ ދައްކައިލި އިރު "ބާގާ ކިންގް" އިން ވަނީ ދެން އެތަނުގެ ޕެކިންތަކާއި މުވައްޒަފުން ބޭނުންކުރާ ތަކެތީގައި ވެސް ލޯގޯ އިންނާނެ ގޮތް ދައްކާލައިފަ އެވެ.

"ބާގާ ކިންގް" އިން ބުނީ ސާދާ އާ ލޯގޯ އިން ރަމްޒުކޮށް ދެނީ އެ ބްރޭންޑް ފާއިތިވު ތަނުގައި ބަދަލުވަމުން އައި ގޮތް ކަމަށާއި އާ ލޯގޯއާ އެއްގޮތަށް އެތަނުގެ އުފެއްދުންތައް ވެސް ސާދާވާނެ ކަމަށެވެ.

"ބާގާ ކިންގް" އަކީ 1953 ގައި އުފަންވި ހިދުމަތެކެވެ. އެތަނުގެ އައުޓްލެޓްތައް މިހާރު ދުނިޔޭގެ އެކި ހިސާނުތަކުގައި ހިންގާ އިރު، އެ އަދަދު 12،000 އަށް ވުރެ ގިނަ އެވެ.