ބޮޑު ބަލިމަޑުކަމަކާ އެކު 2020 ނިންމައިލަން ޖެހުނަސް މަޝްހޫރު ބައެއް ވިޔަފާރިތަކުން އަންނަނީ ކަސްޓަރުން އުފާވާ ކަހަލަ ކޮންމެވެސް ކަމެއް ކުރެވޭތޯ ބަލަމުންނެވެ. އެމެރިކާގެ މަޝްހޫރު ފާސްޓްފުޑް ކުންފުނި މެކްޑޮނަލްސްޑް އިން މިފަހަރު އެތަނުގެ ރަހައިގެ ތެރެއަށް އަލަށް މި ގެންނަނީ ޗިކެން ނަގެޓްސްގައި ޖަޕާނުގެ ހާއްސަ ރަހައެއް ހިމަނައިގެންނެވެ.

މިއީ ޖަޕާނުގެ މަޝްހޫރު ކުކުޅުމަހުގެ ކެއުމެއް ކަމަށްވާ ކަޓްސޫ ކަރީ ޗިކެންގެ ރަހަ އެވެ. ޖަޕާނުގެ މި ކެއުން މުޅި އޭޝިއާގައި ވެސް ވަރަށް މަޝްހޫރެވެ.

ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި މެކްޑޮނަލްޑްސްގެ ކަޓްސޫ ކަރީ ޗިކެން ނަގެޓްސް ވިއްކަން ފަށާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. އެ ތާރީހުން ފެށިގެން މި ގަންނަން ލިބޭނީ އެންމެ ހައެއްކަ ހަފުތާއަށެވެ. އެހެންވެ، މެކްޑޮނަލްޑްސްގެ ކަޓްސޫ ޗިކެން ނަގެޓްސް ކާލަން ލިބޭނީ ފެބްރުއަރީ މަހާ ހަމައަށެވެ.

މެކްޑޮނަލްޑްސް އިން ކަޓްސޫ ކަރީ ޗިކެން ނަގެޓްސްގެ ތިން ސައިޒެއް ނެރޭނެ އެވެ. އެއީ 4.81 ޑޮލަރަށް ވިއްކާ ހަ ނަގެޓްސްގެ ޕެކާއި ނުވަ ނަގެޓްސްއާ އެކު 5.48 ޑޮލަރަށް ވިއްކާ ޕެކްގެ އިތުރުން 20 ނަގެޓްސްއާ އެކު 8.02 ޑޮލަރަށް ވިއްކާ ޕެކެވެ.

ކަޓްސޫ ކަރީ އަކީ ޖަޕާނުގައި 1899 ގައި ތައާރަފުވި ކެއުމެކެވެ. މީގެ އެންމެ ހާއްސަ އެއް ކަމަކީ ކުކުޅުމަހުގައި ތަފާތު ބްރެޑްކްރަމްބަކުން ކޯޓްލެވިފައިވުމެވެ. އަދި މި ސާވްކުރާ އިރު ކެބެޖާ އެކު ސްވީޓް ޓޮންކަޓްސޫ ސޯސްއެއް ވެސް ހިމެނެ އެވެ.

މެކްޑޮންލްސްގެ ކަޓްސޫ ކަރީ ޗިކެން ނަގެޓްސްއާ އެކު ހާއްސަ ސޯސްއެއް ވެސް ލިބޭނެ އެވެ.