އެމެރިކާގެ ފާސްޑްފުޑް ޗެއިން މެކްޑޮނަލްޑްސް އިން ސްރީ ލަންކާގައި ހިންގާ ހުރިހާ އައުޓްލެޓްތަކެއް ސާފުތާހިރުކަން ކުޑަވެގެން ކަމަށް ބުނެ ކޯޓު އަމުރަކަށް މިއަދު ބަންދުކޮށްފި އެވެ.

ކޮމާޝަލް ހައި ކޯޓް އޮފް ކޮލަމްބޯ އިން، އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމަޔަށް އައުޓްލެޓްތައް ބަންދުކުރަން އަންގާފައި މި ވަނީ ލަންކާގައި މެކްޑޮނަލްޑްސް ހިންގާ ލޯކަލް ކުންފުންޏާ ދެމެދު ޖެހިފައިވާ މައްސަލައެއް މައި ކުންފުނިން ކޯޓަށް ވެސް ހުށަހަޅާފައި ވަނިކޮށެވެ.

ކޯޓުން ބުނީ މި ތަންތަނުގެ ސާފުތާހިރުކަން ބައިނަލްއަގުވާމީ މިންގަނޑަށް ނުފެތޭ ކަމަށެވެ.

"މި ތަންތަން ބަންދުކުރަން އެންގީ ތަހުގީގުކުރުމަށް،" ކޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ލަންކާގައި މެކްޑޮނަލްޑްސް ހިންގާ ލޯކަލް އެޖެންޓް "އަބަންސް" އާ އެކު ވެފައިވާ އެއްބަސްވުން މައި ކުންފުނިން މިދިޔަ ހަފްތާގައި އުވާލާފައިވާ ކަމަށް، އެ ކުންފުނީގެ ވަކީލުން ވިދާޅުވެފައިވާ ކަމަށެވެ. މި ދެ ކުންފުނިން ވެސް މިކަމާ ބެހޭ ގޮތުން އަދި ވާހަކައެއް ނުދައްކަ އެވެ.

ލަންކާގައި 1988 ވަނަ އަހަރުން ފެށިގެން ފްރެންޗައިޒް އެއްބަސްވުމުގެ ދަށުން މެކްޑޮނަލްޑްސްގެ 12 އައުޓްލެޓެއް އަންނަނީ ހިންގަމުންނެވެ.

ލަންކާގެ މެކްޑޮނަލްޑްސް އައުޓްލެޓްތަކުގައި މިއަދު "ބަންދު" ބޯޑު އަޅުވާފައި ވާއިރު ދެން ހުޅުވާނެ އިރެއް ވެސް ބުނެފައެއް ނެތެވެ. -- އޭއެފްޕީ