ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ބަންދު ކޮށްފައި ހުރި، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ ވަކީލުންނަށް އޭނާއާ ބައްދަލު ކުރަން ފުރުސަތު ނުދޭން ނިންމައިފި އެވެ.

އޭނާގެ ވަކީލު މުހައްމަދު ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ފާރިސް އަށް ވަކީލުންނާ ބައްދަލުކުރަން ފުރުސަތު ނުދޭން އިންވެސްޓިގޭޝަން އޮފިސަރުން އަންގާފައިވާ ކަމަށެވެ. ފައިސަލް ވިދާޅުވީ ފާރިސްއާ ބައްދަލުކުރަން ފުރުސަތު ނުދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު މިއަދު ވިދާޅުވީ ފާރިސްއާ ބައްދަލުކުރަން ފުރުސަތު ނުދޭން ނިންމިކަން އެނގުނީ މިއަދު ބައްދަލު ކުރަން ފޯމް ހުށަހަޅަން ކަސްޓޯޑިއަލް އަށް ދިއުމުން ކަމަށެވެ.

"މިއަދު އޮތީ ފާރިސްއާ ބައްދަލުކުރަން ދާ ގޮތަށް. ނަމަވެސް އެ ފޯމު ހުށަހެޅުމުން ފުލުހުން އެންގީ ބައްދަލު ކުރަން މިއަދު ފުރުސަތު ނުދޭން އިންވެސްޓިގޭޝަން އޮފިސަރުން އަންގާފައިވާ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ވަކީލެއްގެ ޣައިރު ހާޒިރުގައި ތަހުގީގަށް ސުވާލު ކުރުމަށް، މިދިޔަ ހުކުރު ދުވަހު ފާރިސް ގޮޅިން ނެރެން އުޅުމުން އޭނާ އެ ކަމަށް ދެކޮޅު ހެދުމުން، ފުލުހުން ބާރުގެ ބޭނުންކޮށް ގަދަކަމުން އޭނާ ގޮޅިން ނެރުމުގެ ތެރޭގައި ކޮނޑުހުޅަށް އަނިޔާވި ކަމަށް ވަކީލުން ވަނީ ވިދާޅުވެފަ އެވެ. އަދި އެ އަނިޔާއާ ގުޅިގެން، ހޮނިހިރު ދުވަހުގެ ރޭ އައިޖީއެމްއެޗަށް ގެނެސް އެކްސްރޭއެއް ނެގުމަށް ފަހު، އާދީއްތަ ދުވަހުގެ ރޭ ވެސް މާލެ ގެނެސް ފަރުވާ ދިން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފާރިސްގެ ވަކީލުން ވިދާޅުވި އެވެ.

އޭނާގެ ވަކީލުން ވިދާޅުވެފައިވާ ގޮތުގައި ތަހުގީގު ކުރުމުގެ ނަމުގައި އޭނާއާ މެދު އަމަލު ކުރަމުން ދަނީ ވަރަށް އަނިޔާވެރިކޮށެވެ. ރިޝްވަތުގެ ދައުވާގައި، ފާރިސްއާ ދެކޮޅަށް އެއްވެސް ހެއްކެއް ނުފެނުމުން، ބާރުގެ ބޭނުންކޮށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުކޮށް ތަހުގީގު ހިންގަން ފެށީ ވެސް ގާނޫނާ ޚިލާފަށް ކަމަށް ވަކީލުން ވިދާޅުވި އެވެ.

ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ފާރިސްގެ އިތުރުން ބައްޕާފުޅު މައުމޫން ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.