އިނގިރޭސިވިލާތުގައި ތިއްބަވާ އެކި ގައުމުތަކުގެ އަންހެން ޑިޕްލޮމެޓުންގެ ޖަމިއްޔާއެއް ކަމަށްވާ، ވިމެން އިން ޑިޕްލޮމަސީ ނެޓްވޯކްގެ ރައީސަކަށް، ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިޒަލް މިއަދު އައްޔަންކުރައްވައިފި އެވެ.

އިނގިރޭސިވިލާތުގައި ހުންނަ ޖޯޖިއާ އެމްބަސީގައި މިއަދު ބޭއްވި ހަފްލާއެއްގައި ޑރ. ފަރަހަނާޒްއާ މި މަގާމު ހަވާލުކޮށްދެއްވީ އެ ޖަމިއްޔާގެ ރައީސަކަށް ކުރިން ހުންނެވި ނެމީބިއާ އިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލިންޑާ ސްކޮޓް އެވެ.

ޑރ. ފަރަހަނާޒް މި މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހު އެވެ.

ވިމެން އިން ޑިޕްލޮމަސީ ނެޓްވާކަކީ މީގެ އެތައް އަހަރެއް ކުރިން، އިނގިރޭސިވިލާތުގައި ތިއްބަވާ އަންހެން ޑިޕްލޮމެޓުން ހިމެނޭހެން އުފައްދާފައިވާ ޖަމިއްޔާއެކެވެ. ގިނަ އަހަރުތަކެއް ވަންދެން މި ޖަމިއްޔާގެ މަސައްކަތްތައް މަޑުޖެހިފައި އޮތުމަށް ފަހު، އެމްބަސީ މެގަޒިންއާ ގުޅިގެން އަލުން މަސައްކަތްތައް ފެށީ މިދިޔަ އަހަރު އޭޕްރިލުގަ އެވެ.

ޑރ. ފަރަހަނާޒްގެ ރައީސް ކަމުގެ ދައުރުގައި އޭނާގެ ނައިބަކަށް ހުންނަވާނީ ޖޯޖިއާ އިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސޮފީ ކަޓްސަރަވާ އެވެ. އަދި މި ޖަމިއްޔާގެ މަސައްކަތްތަކުގައި ދުވަހުން ދުވަހަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންތައްތައް ކުރެއްވުމުގައި އިސްކޮށް ހުންނަވާނީ އިނގިރޭސިވިލާތުގައި ހުންނަ ޔޫއޭއީ އެމްބަސީގެ ސަފީރުގެ ނާއިބެވެ.

ރައީސް ކަމުގެ ދައުރުގައި ޑރ. ފަރަހަނާޒްގެ ތީމަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމެވެ.

އަންހެނުން ބާރުވެރިކުރުވުމާއި މަސައްކަތުގެ މާހައުލާއި ދިރިއުޅުމުގައި އަންހެން ޑިޕްލޮމެޓުންނަށް ދިމާވާ ކަންތައްތައް ދެން ތިއްބަވާ ބޭފުޅުންނާ ހިއްސާކޮށް، އެކަންތައްތަކަށް ހުރިހާ ބޭފުޅުން އެކުގައި ވާހަކަދައްކައި ހައްލު ހޯދުމަށް މަސައްކަތްކުރުމަކީ މި ޖަމިއްޔާގެ މަގުސަދެވެ. އަދި މި ޖަމްއިއްޔާ އިން އިސްނަގައިގެން އެހެން އެމްބަސީތަކާއި ހައި ކޮމިޝަންތަކުގައި ތިއްބަވާ އަންހެން ޑިޕްލޮމެޓުންނަށް ޚާއްސަކޮށްގެން ޓްރެއިނިންގެ ޕްރޮގްރާމްތަކާއި ވާކްޝޮޕްތައް ވެސް ހިންގަ އެވެ. އަދި އިނގިރޭސިވިލާތަށް އަލަށް ވަޑައިގަންނަވާ ޒުވާން ޑިޕްލޮމެޓުންނަށް އަމާޒުކޮށްގެން މެންޓާޝިޕް ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދެ އެވެ.

މި ޖަމްއިއްޔާގެ ރައީސަކީ ކޮންމެ ހަ މަހަކުން ބަދަލުވާ މަގާމެކެވެ. މި ޖަމިއްޔާގެ ރައީސްކަން އެންމެ ފުރަތަމަ އަދާކުރެއްވީ އިނގިރޭސިވިލާތުގައި ހުންނަ ސައުތު އެފްރިކާ ހައި ކޮމިޝަންގެ ސަފީރެވެ. ޑރ. ފަރަހަނާޒަކީ މި ޖަމިއްޔާގެ ތިން ވަނަ ރައީސެވެ. މިއީ މި ޖަމިއްޔާގެ ރައީސްކަން ރާއްޖެ އަށް ލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

ޑރ. ފަރަހަނާޒަކީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން، ފްރާންސް، އަޔަލަންޑް އަދި ސްޕެއިން އަށް ރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ވެސް މެ އެވެ.