"ޑިޕްލޮމެޓް މެގަޒިން" އިން ހޮވާ އޭޝިއާގެ އެންމެ މޮޅު ޑިޕްލޮމެޓަކަށް، ރާއްޖެއިން އިނގިރޭސި ވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަރަހަނާޒް ފައިސަލް ހޮވިއްޖެ އެވެ.

މިއީ ޑިޕްލޮމެޓިކް އެވޯޑް ދެމުން އަންނަތާ 12 ވަނަ އަހަރެވެ.

އަހަރުގެ ޑިޕްލޮމެޓުގެ އެވޯޑް ޑރ. ފަރަހަނާޒަށް ލިބިވަޑައިގަތީ އޭޝިއާ އާއި އޯޝޭނިއާގެ ގައުމުތަކުގެ ޑިޕްލޮމެޓިކުންނާ ވާދަކުރައްވަ އެވެ.

ޑރ. ފަރަހަނާޒަކީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން، ފްރާންސް، އަޔަލަންޑް އަދި ސްޕެއިން އަށް ރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ވެސް މެ އެވެ. ޑރ. ފަރަހަނާޒަށް މަރުހަބާ ވިދާޅުވެ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ މަސްލަހަތު ހިމާޔަތްކޮށް ކުރިއެރުވުމަށް ފަރަހަނާޒް ކުރައްވާފައި ވަނީ ފުރިހަމަ މަސައްކަތެއް ކަމަށާއި އެ ކާމިޔާބީއަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

ޑރ. ފަރަހަނާޒް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އިނގިރޭސިވިލާތުގެ ސަފީރުކަމުގެ މަގާމު އަދާކުރައްވައިފަ އެވެ. އެ މަގާމަށް އޭނާ ދެވަނަ ފަހަރަށް އައްޔަން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.