މ. އަތޮޅު ސްކޫލެއްގައި ދަރިވަރުންތަކަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ފިރިހެން ޓީޗަރަކު ސަސްޕެންޑް ކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި، އެ މައްސަލައާ ގުޅިގެން ސަސްޕެންޑްކުރީ އެ ރަށު ސްކޫލުގައި ފިޒިކްސް ކިޔަވައިދެމުން އަންނަ އިންޑިއާގެޓީޗަރަކެވެ. އޭނާ ދަރިވަރުންނަށް ކުރި އަނިޔާގެ ތަފްސީލެއް ކަމާބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރެ އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ މ. އަތޮޅު ރަށެއްގެ ދަރިވަރުންތަކަކަށް އަނިޔާކުރި މައްސަލައެއް ރޭ، މ. އަތޮޅު ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް (ސީއެފްޕީއެސް) އަށް ހުށަހަޅާފައިވާ ކަމަށެވެެ.
އެޑިޔުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި އެ ރަށުގެ ދަރިވަރުން ތަކަކަށް އަނިޔާކުރި މައްސަލައެއް ރޭ އެ މިނިސްޓްރީގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ. އެހެންވެ އެ ޓީޗަރު ސަސްޕެންޑް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ޖެެންޑާ މިނިސްްޓްރީ އާއި ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ.
މި ފަހުން ސްކޫލުތަކުން ޖިންސީ ފުރައްސާރަ އާއި އަނިޔާގެ މައްސަލަތައް ފެންމަތިވާ މިންވަރު ވަނީ އިތުރުވެފަ އެވެ.