ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ގޯލްޑް ކަޕުގެ ޗެމްޕިއަންކަން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ހޯދުމަކީ، މީގެ ކުރިން ރާއްޖޭގެ ބައެއް ކްލަބްތަކުން ބައިނަލްއަގްވާމީ ފެންވަރުގައި ހޯދާފައިވާ ކާމިޔާބީތަކަށް ވުރެ ބޮޑު ކާމިޔާބެއްގެ ގޮތުގައި ސިފަކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތަށް އެފްއޭއެމާއި ނިއު ރޭޑިއަންޓުގެ ކުރީގެ ޗެއާމަން އަލީ އާޒިމް ފާޑުވިދާޅުވެއްޖެ އެވެ.
އޭޝިއާގެ ދެ ވަނަ ފަންތީގެ ކްލަބް މުބާރާތް ކަމަށްވާ އޭއެފްސީގެ ކަޕުގެ ތިން ވަނަ މަގާމް 2005 ވަނަ އަހަރު ނިއު އިން ހޯދިއިރު އެ ކްލަބުގެ ޗެއާމަންކަން ކުރެއްވި އާޒިމް ފޭސްބުކުގައި ލިޔުއްވާފައިވާ ގޮތުގައި މިފަދަ ކަންކަމުގެ ސަބަބުން މުސްތަގުބަލުގައި ދިވެހި ފުޓްބޯޅަ ކުރިއަރުވާ، ތަރައްގީ ކުރުމަށް އެކިއެކި ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް ހީނަރުކަމެއް އަތުވެދާނެކަމީ އެކަށީގެންވާ ކަމެއް ކަމަށް ދެކޭ ކަމަށެވެ.
"މީގެ ކުރިން ރާއްޖޭގެ ބައެއް ކްލަބްތައް ކަމުގައިވާ ނިއުރޭޑިއަންޓް ސކ، ވިކްޓްރީ ސކ، ކްލަބް ވެލެންސިއާ ފަދަ ކްލަބްތަކުން ރާއްޖެއަށް މާމަތީ ނަމާ، ޝަރަފާ ކާމިޔާބީ ހޯދައިދީފައިވަނިކޮށް އެކަންކަމަކީ އަދި ނުހިނގާ ކަންކަންކަމަށް ދެއްކުމަކީ ދިވެހި ފުޓްބޯޅަ ތާރީހު އޮޅުވާލުން ކަމުގައި ދެކޭތީވެ، އެ ވާހަކަ ހިއްސާކޮށްލީމެވެ،" އާޒިމް ލިޔުއްވާފައިވެ އެވެ.
އާޒިމް ލިޔުއްވާފައިވާ ގޮތުގައި ރާއްޖޭގައި ކުރިން ބޭއްވި ޕޮމިސް ކަޕަކީ ފަހަރެއްގައި ވެސް އިންޓަނޭޝަނަލް މުބާރާތެއް ނޫން ކަމަށާއި އަދި ބަންގްލަދޭޝް މުބާރާތަކީ ޕޮމިސް ކަޕަށް ވުރެ އެންމެ ތަންކޮޅެއް ވެސް ފެންވަރު މަތީ މުބާރާތެއް ނޫން ކަމަށެވެ.
"އާސިއާނުގެ ގައުމުތަކުން ބާއްވަމުން ގެންދާ ސުޒުކީ ކަޕް ނުވަތަ ސާކް ގައުމުތަކުގެ މެދުގައި ބާއްވަމުން ގެންދާ ސާފް ޗެމްޕިއަންޝިޕް ފަދަ ބޮޑު މުބާރާތްތަކަކީ ވެސް އަދި ވެސް ފީފާ އާއި އޭއެފްސީ ގައި އިންޓަނޭޝަނަލް ރިކޮގްނިޝަން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން ގެންދާ މުބާރާތްތަކެވެ." އޭއެފްސީގެ ކުރީގެ އެކްސްކޯ މެމްބަރު ލިޔުއްވާފައިވެ އެވެ.
އޭނާ ލިޔުއްވާފައިވާ ގޮތުގައި ބަންގްލަދޭޝް މުބާރާތް ރާއްޖޭގެ ކްލަބެއް ކާމިޔާބުކުރުމަކީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތަކުން ދިވެހި ކްލަބެއް ހޯދި އެންމެ ބޮޑު ކާމިޔާބީ ކަމަށް ދޭހަވާ ގޮތަށް ނުވަތަ ދޭހަކޮށްދިނުމަށްޓަކައި މައުލޫމާތު ފެތުރުމަކީ ދިވެހި ކުޅިވަރު ލިޔުުންތެރިންގެ އިންޓަގްރިޓީ ނުވަތަ އެ ލިޔުންތެރިންގެ ފެންވަރާ މެދު ސުވާލުކުރަން ޖެހިފައިވާ ކަމެއް ކަމަށް ދެކޭ ކަމަށެވެ.
ނިއު ރޭޑިއަންޓަށް ކުރިން ކުޅުއްވާފައިވާ އާޒިމް ވަނީ ޓީސީ ސްޕޯޓްސް ކްލަބުން ހޯދި ކާމިޔާބަށް އެ ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓަށް އަދި ކޯޗަށް މަރުހަބާ ކިޔައި އަދި އޭނާ އަކީ އަބަދުވެސް ދިވެހި ފުޓްބޯޅައިގެ ކުރިއެރުމާއި ތަރައްގީއަށް އެދޭ މީހެއް ކަމަށް ވެސް ލިޔުއްވާފަ އެވެ.
ރާއްޖޭން ބޭރުގެ ޓީމުތަކަކުން ބައިވެރިވެގެން ރާއްޖޭން ބޭރުގައި ބޭއްވި މުބާރާތެއް ކާމިޔާބުކުރުމުގެ ޝަރަފް ޓީސީން ހޯދި އިރު ވެލެންސިއާ ވަނީ 1993 ވަނަ އަހަރު ސްރީ ލަންކާގައި ބޭއްވި އިންޓަކޮންޓިނެންޓަލް މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެ އެ މުބާރާތުގައި ހަތަރު ޓީމު ބައިވެރިވި ނަމަވެސް ވެލެންސިއާ ލަންކާ އަށް ދިޔައިރު ދެ ޓީމުން ވަނީ މުބާރާތުން ވަކިވެފަ އެވެ. އެހެންވެ ކުޅުނީ ފައިނަލް މެޗު އެކަންޏެވެ. ވެލެންސިއާ އަށް ޗެމްޕިއަންކަން ހޯދީ ރިނައުން ސްޕޯޓްސްް ކްލަބް އަތުން މޮޅުވެގެންނެވެ.
ރާއްޖޭން ބޭރުގެ ކްލަބްތަކެއް ބައިވެރިވެގެން ރާއްޖޭގައި ބާއްވާފައިވާ ޕޮމިސް ކަޕް ރާއްޖޭގެ ވިކްޓަރީ އާއި ނިއު ރޭޑިއަންޓާއި ވެލެންސިއާ އަދި ހުއްރިއްޔާ އިން ވަނީ ކާމިޔާބުކޮށްފަ އެވެ. ރާއްޖޭގެ ކްލަބްތައް މިހާރު ބައިވެރިވާ އެންމެ ފެންވަރު މަތީ މުބާރާތް ކަމަށްވާ އޭއެފްސީ ކަޕުގެ ތިން ވަނަ ނިއު އިން 2005 ގައި ހޯދި އެވެ. އަދި 2013 ވަނަ އަހަރު ކުއާޓާ ފައިނަލުން ޖާގަ ހޯދި އެވެ.