ރާއްޖޭގެ ބާޒާރުގައި ފޭކު ޑޮލަރުގެ ނޫޓުތަކެއް އުޅޭ ކަން ފާހަގަކުރެވިފައިވާ ކަމަށް ޑޮލަރުގެ ވިޔަފާރި ކުރާ ބައެއް ފަރާތްތަކުން ބުނެފި އެވެ.
ޑޮލަރުގެ ވިޔަފާރި ކުރާ މީހަކު ބުނީ، މިދިޔަ ހަފްތާ އިން ފެށިގެން ވަގު ޑޮލަރު އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ބާޒާރުގައި މިހާރު ދައުރުވާ ވަގު ޑޮލަރު އޮރިޖިނަލް ޑޮލަރާ ވަރަށް އެއްގޮތް ކަމަށާއި ފޭކު ޑޮލަރުކަން އެނގެނީ ވަރަށް ބޮޑަށް ބަލައިގެން ކަމަށް އޭނާ ބުންޏެވެ.
ޑޮލަރުގެ ވިޔަފާރި ކުރާ އެެހެން ވިޔަފާރިއަކު ބުނީ، މި ދުވަސްވަރު ދައުރުވާ ވަގު ޑޮލަރުގެ ކޮލިޓީ ވަރަށް ރަނގަޅު ކަމަށެވެ. މިއީ މިހާތަނަށް ރާއްޖެއިން ފެނުނު ފޭކު ޑޮލަރުގެ ތެރެއިން އަސްލާ އެންމެ އެއްގޮތް ޑޮލަރު ކަމަށް ވެސް އޭނާ ބުންޏެވެ.
"މި ފެނިގެން އުޅުނީ ހުސްވި ހަފްތާގެ ތެރޭގައި. އޭގެ ކުރިން އެކަހަލަ ކަމެއް ފާހަގަކުރެވިފައެއް ނެތް. އޭޖެންޓަކަށް ފޭކު ޑޮލަރެއް ލިބިއްޖެއްޔާ އެކަން އެންމެންގެ ސަމާލުކަމަށް ގެންނާނެ،" އޭނާ ބުންޏެވެ.
"މިހާރު މި ދައުރުވާ ޑޮލަރު އޭޓީއެމް އަށް ވެސް ސަޕޯޓް ކުރާ ކަމަށް ވަނީ."
އެކަމަކު މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނީ، މިހާތަނަށް ފޭކު ޑޮލަރު އުޅޭކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
ވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހު ޑޮލަރުގެ އަގު 18ރ. އިން މަތީގައި ހުރުމަށްފަހު އަނެއްކާ ވެސް ޑޮލަރުގެ އަގު ވަނީ ޖުމްލަކޮށް 30 ލާރި ވަރު ދަށަށް ޖެހިލައިފަ އެވެ. މިވަގުތު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 17.60ރ.- 17.80ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ޑޮލަރުގެ އަގު އެހާ ބޮޑަށް ދަށްވީ، ބާޒާރުގައި އަނެއްކާ ވެސް ޑޮލަރު އެނބުރޭ ވަރު އިތުރުވުމުންނެވެ. ޑޮލަރުގެ ވިޔަފާރި ކުރާ މީހަކު ބުނީ، އާންމުކޮށް މީގެ ކުރީގެ އިންތިހާބުތަކުގައި ވެސް ބާޒާރުގައި ޑޮލަރު ދައުރުވާ ވަރު އިތުރުވާ ކަމަށާއި މިފަހަރު ވެސް ބޮޑެތި އަދަދުތަކުން ޑޮލަރު މާރުކުރަން އަންނަ މީހުން އިތުރުވެފައިވާ ކަމަށެވެ.
ޑޮލަރުގެ އަގު ދަށަށް ދިޔަ އިރު ރާއްޖެ އަށް ޓޫރިސްޓުން އަންނަ ވަރު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި ޓޫރިސްޓުން ވާނީ އިތުރުކަމަށް ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ފާހަގަކުރެ އެވެ. ޓޫރިސްޓުން އިތުރުވާ ވަރަކަށް ރާއްޖެއަށް ވަންނަ ޑޮލަރު ވާނީ އިތުރެވެ.