މަތިންދާބޯޓެއްގައި ދަތުރުކުރި ކުޑަކުއްޖެއްގެ މުޅި މޫނު ފޮރުވޭ ގޮތަށް މާސްކެއް އަޅުވާފައި ހުންނަތަން ފެންނަ ފޮޓޯއެއް ވައިރަލްވެއްޖެ އެވެ.
އެ ފޮޓޯއިން ފެންނަ ގޮތުގައި އެ ކުއްޖާގެ މޫނުގައި ބޮޑެތި މީހުންގެ މާސްކް އަޅުވާފައި ވަނީ އޭނާ ބަލަން، ދެ ލޯ ވެސް އޭގައި ކަނޑައިފަ އެވެ. އެއީ ނިއުޒިލެންޑްގެ ކުއްޖެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުންޏެވެ.
އެ ފޮޓޯ ނަގާފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހު ނިއުޒިލެންޑްގެ ޑޮމެސްޓިކް ފްލައިޓެއްގައި އޮކްލޭންޑް އިން ވެލިންގްޓަން އަށް ކުރި ދަތުރެއްގަ އެވެ.
އެ ފޮޓޯ ސޯޝަލް މީޑިއާ އަށް ހިއްސާކުރި ނިއުޒިލެންޑްގެ ފޮޓޯގްރާފަރު ޖެންޑާ އޮޕަމަން ސިފަކުރި ގޮތުގައި އެއީ ވަރަށް މަޖާ ދަތުރެކެވެ. އެ ކުއްޖާ ވަރަށް މީހުންނާ ގުޅޭ ކަމަށާއި ފްލައިޓްގައި ހީހީފައި ވަރަށް ސަކަރާތް ޖެހި ކަމަށް ވެސް ބުންޏެވެ.
އެކަމަކު، އޭނާ ހުރީ އެ ފޮޓޯ ވައިރަލްވުމުން ހައިރާންވެފަ އެވެ. ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އެ ފޮޓޯ ހިއްސާކުރަމުން އަންނައިރު، މަޖާ މީމްސްތައް ހަދައިގެން ވެސް އެ އަންނަނީ އެ ދައުރުކުރަމުންނެވެ. އަދި ވަރަށް ގިނަ ނޫސްތަކުގައި އެ ޚަބަރު ވެސް ޖަހާފައިވެ އެވެ.
ބައެއް މީހުން ވަނީ ބޮޑެތި މީހުންގެ މާސްކް ކުޑަކުއްޖެއްގެ މޫނުގައި އެޅުވުމުން އެކަމަށް ފާޑު ވެސް ކިޔައިފަ އެވެ.