ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބައިނަލްއަގްވާމީ ދަތުރުތައް ކުރާ ފަސިންޖަރުން މާސްކް އަޅަން އިލްތިމާސްކޮށްފި އެވެ.
ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވަމުން ދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ ހޯމަ ދުވަހު ވަނީ އެދިފަ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އެޅުމަށް އެ އިދާރާ އިން އެދުނެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަން އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ބައިނަލްއަގުވާމީ ދަތުރުތަކަށް ދާ ފަސިންޖަރުން މާސްކް އަޅަން ޖެހޭނެ ކަމަށެވެ.
އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ޝަމްއާން ޝާކިރު "މިހާރު" އަށް ވިދާޅުވީ، ކޮވިޑްގެ ކޭސްތައް އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއާޕޯޓްގައި މާސްކް އަޅަން އިލްތިމާސްކުރަން އެޗްޕީއޭ އިން އަންގާފައި ވާތީ އެއާލައިންތަކުން އެންގުމާ އެއްގޮތަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އެކަމަކު، މާސްކު އެޅުން މަޖުބޫރުކޮށްފައި ނުވާނެ ކަމަށެވެ.
"އެއާޕޯޓްގެ ހުރިހާ ފްރޮންޓްލައިން ސްޓާފުން މިހާރު މަސައްކަތުގައި އުޅޭނީ މާސްކް އަޅައިގެން،" އޭނާ ވިދާޅުވި އެވެ.
އެޗްޕީއޭ އިން ބުނެފައި ވަނީ އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑްގެ ކޭސްތައް އަނެއްކާ ވެސް އިތުރުވަމުންދާ ކަމަށާއި މިދިޔަ ހަފުތާގައި އެކަނި ވެސް ކޮވިޑް ޖެހިގެން 142 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެއީ ކުރީ ހަފުތާއާ އަޅާބަލާއިރު، 69 ޕަސެންޓްގެ އިތުރުވުމެއް ކަމަށް ވެސް ބުންޏެވެ.
ބައެއް ގައުމުތަކުގައި އަދިވެސް ކޮވިޑްގެ ހާލަތު ގޯސްވަމުން ދާތީ، ރާއްޖޭގައި އަލުން ހާލަތު ގޯސްވިޔަ ނުދިނުމުގެ ގޮތުން އެންމެން ވެސް ބަލިން ރައްކާތެރިވުމަށް ސަމާލުވުމަށް އެ އެޖެންސީން އެދުނެވެ.
ކޮވިޑްގެ ކޭސްތައް އަނެއްކާ ވެސް އިތުރުވާން ފެށިއިރު މާސްކް އެޅުން މަޖުބޫރުކޮށްފައި އޮތްއޮތުން އުވާލުމާ އެކު މިހާރު މާލޭގައި ގިނަ މީހުން އެއްގޮތަކަށް ވެސް މާސްކް ނާޅަ އެވެ. ހޮސްޕިޓަލުތަކުގައި ވެސް ބައެއް މީހުން މާސްކް ނާޅައި އުޅެ އެވެ.
ކޮވިޑްގެ އިތުރުން މި ދުވަސްވަރު ރާއްޖޭގައި އެހެން އާންމު ބަލިތައް ވެސް ގިނަވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ޑެންގީ، ވައިރަލްހުން، އަރިދަފުސްރޯގާ އަދި ހޮޑާއި ބޭރަށްހިންގުމުގެ ރޯގާ ޖެހޭ މީހުން ވެސް އިތުރުވެފައިވެ އެވެ.