ކުރީގެ ރައީސް އަބްދުالله ޔާމީން ވައުދުވެވަޑައިގެންނެވި ގޮތަށް އަދި އެ ރަށުގެ މީހުންގެ އުއްމީދުތަކާ އެއްގޮތަށް ށ. ބިލެތްފަހީގެ އެއާޕޯޓް ތަރައްގީކޮށް ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް ބިލެތްފައްސަށް ވަޑައިގެން މުއިއްޒު ވިދާޅުވީ، އެއީ ދެމެހެއްޓެނެވި ތަރައްގީއެއް ގެނެވޭނެ ފަދަ ރަށެއް ކަމަށާއި ރަށުގެ ބިމުގެ ސައިޒާއި އާބާދީ އަކީ ރަނގަޅު އަދަދެއް ކަމަށެވެ. މިއީ މީހުން އާބާދު ކުރެވިދާނެ ރަށެއް ކަމަށް ވެސް ވިދާޅުވި އެވެ.
މުއިއްޒުގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީގެ މަރުކަޒުތަކެއްގެ ގޮތަށް ތަރައްގީ ކުރުން ކަމަށާއި އެކަމަށް މުހިންމު ރަށްތަކެއް އުތުރުގައި ވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ. އެފަދަ އެއް ރަށަކީ ބިލެތްފަހިކަން މުއިއްޒު ފާހަގަކުރެއްވި އެވެ.
ބިލެތްފައްސަށް ތަރައްގީ ގެނައުމުގެ ގޮތުން އެންމެ މުހިންމު ކަމެއް ކަމަށް މުއިއްޒު ފާހަގަކުރެއްވީ ފަޅު ހިއްކައިގެން އެއާޕޯޓް ހެދުމެވެ. ބިލެތްފަހީގައި އެއާޕޯޓެއް ހަދަން އެންމެ ފުރަތަމަ ނިންމެވީ ޔާމީނެވެ. މި ސަރުކާރުން ވެސް އެގޮތަށް ނިންމައި، މިހާރު އެއާޕޯޓްގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.
އެ އެއާޕޯޓް ރައްޔިތުން އެދޭ ގޮތަށް ތަރައްގީކޮށް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މި ރަށުގެ ފަޅު ތެރޭގައި އެއާޕޯޓް ހިމެނޭ ގޮތަށް އުމްރާނީ ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދާނަން. ރައްޔިތުން އުއްމީދު ކުރައްވާ ގޮތަށް އެއާޕޯޓް ތަރައްގީ ކޮށްދޭނަން. މިހާރު ހައިމާކެއް ގެނެސް ފަށަން ކުލަވަރު ޖައްސާ ކަމަށް ވާހަކައެއް އަޑު އިވުނު. އެ އެއް ނޫން، އަޅުގަނޑުމެން ކަންކަން ކުރާނެ ގޮތަކީ. ރޭވިގެން ތަރުތީބުވެގެން މަސައްކަތް ފެށި އެގޮތަށް ގޮސް ނިންމައި ދޭނަން،" މުއިއްޒު ވިދާޅުވި އެވެ.
"މި ސަރަހައްދު ވެސް އާބަން ޑިވެލެޕްމެންޓް ޒޯންގެ ގޮތަށް ތަރައްގީ ވެގެން ދާނެ. އިންޓަގްރޭޑެޓް ޒޯނެއްގެ ގޮތުގައި ކުރިއަށް ގެންދާނަން."
ށ. އަތޮޅުގައި މިހާރު އެއާޕޯޓް އޮންނަނީ ފުނަދޫގަ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިންގައި މުއިއްޒު މިއަދު ވަނީ ހދ. އަތޮޅުގެ ކުމުންު އާއި ވައިކަރަދު އާއި ނޭކުރެންދޫ އަދި ށ. އަތޮޅުގެ ނޫމަރާ އާއި ގޮއިދު އަށް ވެސް ވަޑައިގެންފަ އެވެ. މި ރަށްރަށުން އެދުނު ކަންކަން ވެސް އޭނާގެ ސަރުކާރެއްގައި ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވި އެވެ.
ގެދޮވެރިކަމާއި ބަނދަރު ތަރައްގީ ކުރުން ފަދަ ވައުދުތައް މުއިއްޒު އެ ރަށްރަށް ވެވަޑައިގެންނެވި އެވެ. މުއިއްޒު ވިދާޅުވީ ރައްޔިތުންގެ އުއްމީދުތަކުގައި އޭނާ ކުލަ ޖައްސައި ދެއްވާނެ ކަމަށާއި އެކަމުގައި އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
ފުރަތަމަ ބުރުގައި ލިބުނު ނަތީޖާއަށް ވުރެ 30 ވަނަ ދުވަހު އޮންނަ ދެވަނަ ބުރުގެ އިންތިހާބުގައި މާ ރަނގަޅު ނަތީޖާއެއް ރަށްތަކުން ނެރެދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އެންމެ މުހިންމު ކަމެއްގެ ގޮތަށް ދެ ކަމެއްގެ ޔަގީންކަން މުއިއްޒު ރައްޔިތުންނަށް ދެއްވި އެވެ. އެއީ، އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާނެ ކަމާއި ފަށާފައި ނުވަތަ އިއުލާން ކޮށްފައިވާ މަޝްރޫއެއް ވެސް ހުއްޓާނުލާނެ ކަމެވެ.