ސައުދީ އަރަބިއްޔާގެ އިސް ފަރާތްތަކަކަށް ފ. އަތޮޅު ވިއްކުމާ ދެކޮޅަށް މަސައްކަތް ކުރަން އިދިކޮޅު އެމްޑީޕީން ރޭ ގަރާރެއް ފާސްކޮށްފި އެވެ.
މާބްލް ހޮޓަލުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ހުށަހެޅުއްވި ގަރާރުގައިވާ ގޮތުން، ފ. އަތޮޅު ވިއްކުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލިސް ތެރެއިންނާއި އެ ނޫން ވެސް ގޮތްގޮތުން ކުރެވެން ހުރި މަސައްކަތްތަކެއް އެމްޑީޕީން ކުރަން ޖެހެ އެވެ. އެ މަސައްކަތުގައި ގާނޫނުއަސާސީ އަށް އިސްލާހު ހުށަހެޅުމާއި އެ ނޫން ވެސް ގާނޫނީ މަސައްކަތްތައް ކުރިއަށް ގެންދަން ކޮމެޓީއެއް ވެސް ވަނީ އެކުލަވާލައިފަ އެވެ.
ބައެއް މެމްބަރުން ރޭގައި ވިދާޅުވީ ރައްޔިތުންނާ މައުލޫމާތު ހިއްސާ ކުރުމެއް ނެތި، ފ. އަތޮޅު ވިއްކާލަން ނިންމާފައިވާ މައްސަލާގައި މުޒާހަރާކޮށް، އެއީ ރައްޔިތުން ނުރުހޭ ކަމެއް ކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ވެސް ގެންނަން ޖެހެ އެވެ. އަދި މި މައްސަލަ ބައިނަލްއަގުވާމީ މީޑިއާތަކާ ހިއްސާކުރަން ވެސް މެމްބަރުން ހިޔާލު ހުށަހެޅުއްވި އެވެ.
ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅުންނަށް ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް ފަތުރާ މައުލޫމާތުތަކާ ގުޅިގެން ސަރުކާރުގެ ބައެއް ވަޒީރުންނާއި ޕީޕީއެމްގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވިދާޅުވަނީ ބޭރުގެ އެއްވެސް ބަޔަކަށް އެ އަތޮޅު ވިއްކާލަން ނޫޅޭ ކަމަށެވެ. އޭގެ ބަދަލުގައި އެ އަތޮޅުގައި ހިންގަން ރާވާފައި ވަނީ ތަރައްގީގެ ވަރަަށް ބޮޑު މަޝްރޫއުއެއް ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
ފ. އަތޮޅުގައި ސައޫދީން ކުރިއަށް ގެންދާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ކަމަށް މިދިޔަ މަހު އެ އަތޮޅު މަގޫދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު މަޝްރޫއުގެ ތަފްސީލެއް ނުދެއްވަ އެވެ.