ފ. އަތޮޅާ މެދު ސަރުކާރުގެ ވިސްނުން ގެންގުޅޭ ގޮތް ސާފުކޮށްދޭން ޓްރާންސްޕޭރަންސީން ގޮވާލައިފި އެވެ.
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާ އިން މިގޮތަށް ގޮވާލާފައި މިވަނީ، ފ. އަތޮޅުން ބައެއް ސައުދީ އަރަބިއްޔާ އަށް ވިއްކަން ނިންމާފައިވާ ކަމުގެ އަޑު ފެތުރި ސޯޝަލް މީޑިއާގައި އެ ކަމަށް ފާޑުކިއުން އަމާޒުކޮށްފައި ވަނިކޮށެވެ.
ފ. އަތޮޅުގައި ހިމެނޭ ރަށްތަކުގެ އަދަދާއި އާބާދީގެ މައުލޫމާތު އާއްމުކޮށް އެ ޖަމިއްޔާ އިން ގޮވާލާފައި ވަނީ އެ އަތޮޅަށް ހަދަން އުޅޭ ގޮތް ރައްޔިތުންނަށް ސާފުކޮށްދިނުށެވެ. އެއީ، ތަރައްގީގައި ރައްޔިތުންގެ ބައިވެރިކުރުން މުހިއްމު ކަމަކަށްވާތީ ކަން ވެސް އެ ޖަމިއްޔާ އިން ފާހަގަކޮށްފައިވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ލިއުންތަކުގައި ތުހުމަތުކޮށްފައިވާ ގޮތުގައި ފ. އަތޮޅުން ބައެއް ސައޫދީ އަރަބިއްޔާ އަށް ވިއްކާލާ މަޝްރޫއު ޕްލޭންކޮށްފައި އޮތީ، ރައްޔިތުންނަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށެވެ.
މިގޮތަށް ތުހުމަތުތަކެއް ކުރި ނަމަވެސް ފ. އަތޮޅުގައި ސައޫދީން ކުރިއަށް ގެންދާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ކަމަށް މިދިޔަ މަހު އެ އަތޮޅު މަގޫދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މަޝްރޫއާއެކު އެ އަތޮޅު މުޅި ދުނިޔެ އަށް ހުޅުވާލެވި، ވަރަށް ގިނަ އަދަދަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެގެންދާނެ އެވެ. މުޅި ދުނިޔޭގައި ވެސް އިންޓަގްރޭޓަޑް ޓޫރިޒަމްގެ ގޮތުގައި އޮތީ ވަރަށް މަދު ތަނެއް ކަމަށާއި ސަރުކާރުގެ ވިސްނުމަކީ ފ. އަތޮޅަށް އެފަދަ ތަރައްގީއެއް ގެނައުން ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
މި މަޝްރޫއާ މެދު ފާޑުކިއުން އިތުރުވެފައި މިވަނީ، ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރަސްމީ ދަތުރުފުޅެއްގައި، ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ރައީސް ޔާމީން ދެއްވާފައި ވަނިކޮށެވެ.