އދ. ދިގުރަށުގެ ގޮނޑުދޮށުން މިއަދު ފެނުނީ ގޮވާ ޒާތުގެ އެއްޗެއް ނޫން ކަމަށް އެމްއެންޑީއެފުން ދެންމެ ބުނެފި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ދިގުރަށު އަތިރިމަތިން ގޮވާ ޒާތުގެ އެއްޗެއް ފެނުނު ކަމަށް ބުނެ، މިއަދު ހެނދުނު 11:15 ހާއިރު ރިޕޯޓު ކުރީ އެ ރަށު ކައުންސިލުންނެވެ. އެހެންވެ، އެކަމުގެ ހަގީގަތް ސިފައިންގެ ޓީމުން ވަނީ ދެންމެ ބަލައިފަ އެވެ.
އެމްއެންޑީއެފުން ބުނީ ސިފައިންގެ ޓީމެއް ދިގުރަށަށް ގޮސް ބެލިއިރު އެ ރަށުން ފެނުނީ ހުސް ކޮއިންޓެއިނަރެއް ކަމަށެވެ.
"އޭގައި ގޮވާ ޒާތުގެ އެއްވެސް އެއްޗެއް ނެތް،" އެމްއެންޑީއެފުން ބުންޏެވެ.
ދިގުރަށު ކައުންސިލް މެމްބަރު އިމްރާން އާދަމް ވިދާޅުވީ އެ ރަށު ތުނޑީ ސަރަހައްދުން ފެނުނީ "އެމް 2 އެކްސްޕްލޯސިވް ޑިވައިސް" އެއް ކަމަށެވެ. އަދި އޭތި އެންމެ ފުރަތަމަ ފެނުނީ ފުލުހަކަށް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
"މިހާރު މުޅި އެ ސަރަހައްދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއީ އެ ރަށަށް ލައްވެފައި އޮތް އެއްޗެއް ކަމަށް ބެލެވެ އެވެ.