އަންނަ މަހު ފަށާ މި އަހަރުގެ ދިރާސީ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުންގެ ފުރަތަމަ ގްރޫޕް ރާއްޖެ އަތުވެއްޖެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދިރާސީ އާ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުން ރެކްރޫޓްކުރެވި، އެ ޓީޗަރުންގެ ފުރަތަމަ ގްރޫޕް އިއްޔެ ރާއްޖެ އައިސްފައިވާ ކަމަށެވެ. އެ ޓީޗަރުންނަށް މަރުހަބާ ކިޔުމަށް މިނިސްޓްރީގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޝަނުގެ މުވައްޒަފުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް އިއްޔެ ދިޔަ ކަމަށް ބުންޏެވެ.
މި އަހަރު ބިދޭސީ ޓީޗަރުން ގެންނަ ހަމަޖެހިފައިވާ ސީދާ އަދަދެއް އެޑިއުކޭޝަނުން އަދި އާއްމެއް ނުކުރެ އެވެ.
ރާއްޖޭގެ ސްކޫލުތަކަށް ބިދޭސީ ޓީޗަރުން ގެންނަ މައްސަލަ ބޮޑުވެ، އެކަން ހައްލުކުރަން މަސައްކަތް ކުރާ ކަމަށް މިފަހުން ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މިނިސްޓްރީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހާއްސަކޮށް ރަށްރަށުގައި ކިޔަވައިދޭނެ ދިވެހި ޓީޗަރުން ނުލިބުމެވެ.
ދިވެހި ޓީޗަރުން ހޯދުމަށް އިއުލާންކޮށް ނުލިބޭތީ، އުފަން ރަށް ނޫން އެހެން ރަށްރަށަށް ދާ ދިވެހި ޓީޗަރުންނަށް 3،000ރ. އެލަވެންސެއް ވެސް ދޭ ގޮތަށް ހަމަަޖައްސާފައިވެ އެވެ. އެ ފުރުސަތު ހުޅުވާލުމުން ވެސް ދިވެހިން ޓީޗަރުން ނުލިބޭ ކަމަށް ބުންޏެވެ.