ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2000 ހައުސިން ޔުނިޓް އެޅުމަށް، އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އަޝޯކާ ބިލްޑްކޮން ލިމިޓެޑާ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ދެމެދު އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިއްޔެ ބޭއްވި ވާޗުއަލް ރަސްމިއްޔާތެއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސަފިއްޔާ އަންވަރެވެ. އަދި އަޝޯކާ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ބިޒްނެސް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ ޖެނަރަލް މެނޭޖަރު، އަޖޭ ކަންކަރިޔާ އެވެ.

އެ މަޝްރޫއުގެ ދަށުން ތަރައްގީކުރާނީ 650 އަކަފޫޓުގެ ދެ ކޮޓަރީގެ 500 ޔުނިޓާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1500 ޔުނިޓްތަކެކެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނި ގޮތުގައި މި މަޝްރޫއުގެ ޖުމްލަ އަގު 140 މިލިއަން ޑޮލަރަށް އަރާއިރު އެ ފައިސާ ހަމަޖައްސާނީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ނަަގާ ލޯނަކުންނެވެ.

އެ 2000 ހައުސިން ޔުނިޓްގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ތިން އަހަރު ދުވަހުގެ ތެރޭގައި މަސަައްކަތް އެއްކޮށް ނިންމާ ގޮތަށެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމަނިއަން ޖައިޝަންކަރު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުގައި ވެސް 2،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއެއް ފެށުމަށް އެގްޒިމް ބޭންކާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ދެމެދު ލެޓާ އޮފް އިންޓެންޓްގައި ސޮއިކޮށްފައިވެ އެވެ.

އޭރު އެގްޒިމް ބޭންކާ އެކު ސޮއިކުރީ އިންޑިއާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާ ހަވާލުކޮށްގެން ހިންގަން ނިންމާފައިވާ 2،000 ހައުސިން ޔުނިޓަށް ފައިނޭންސް ކުރުމުގެ އެއްބަސްވުމުގަ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެއް ކުންފުންޏެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، 2019 ވަނަ އުފެއްދެވި ކުންފުންޏެކެވެ.