އިންޑިއާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާ ހަވާލުކޮށްގެން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހިންގަން ނިންމާފައިވާ 2،000 ހައުސިން ޔުނިޓަށް ފައިނޭންސް ކުރުމުގެ އެއްބަސްވުމުގައި އިންޑިއާގެ އެގްޒިމް ބޭންކާ އެކު މިއަދު ސޮއިކޮށްފި އެވެ.
އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމަނިއަން ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި، ފޮރިން މިިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ 2،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއެއް ފެށުމަށް އެގްޒިމް ބޭންކާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ދެމެދު ލެޓާ އޮފް އިންޓެންޓްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
ފަހިދިރިއުޅުން ކޯޕަރޭޝަނުން ކުރިން ބުނެފައިވާ ގޮތުގައި 130 މިލިއަން ޑޮލަރު ހަރަދުކުރާ މި މަޝްރޫއު ހިންގުމަށް ބޭނުންވާ ފައިސާ ހޯދަނީ ސަރުކާރުން ސަވަރިން ގެރެންޓީ ދީގެން ނަގާ ލޯނަކުންނެވެ.
ބޯހިޔާވަހިކަމަކީ މި ސަރުކާރުގެ މުހިންމު ވައުދެއް ކަމަށާއި އެފަދަ ވައުދުތައް ފުއްދަން އިންޑިއާގެ އިންވެސްޓަރުން ރާއްޖެ ގެންނަން ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އިންޑިއާ ހައި ކޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި އެންބީސީސީން މި މަސައްކަތް ދެ އަހަރު ބައިން ނިންމާނެ އެވެ.
މި 2،000 ހައުސިން ޔުނިޓްގެ މަސައްކަތު އެއްބަސްވުމުގައި އެންބީސީސީ އާއި ފަހި ދިރިއުޅުން ކޯޕޮރޭޝަންއާ ދެމެދު މި މަހުގެ ދެ ވަނަ ދުވަހު ސޮއިކޮށްފައިވާކަން ކުރިން ވަނީ އިއުލާނުކޮށްފަ އެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކުރާ ގޮތަށެވެ. އަދި މި މަޝްރޫއުގެ 85-100 ޕަސެންޓް ފައިނޭންސްކުރާނީ ކޮންޓްރެކްޓަރެވެ. އިމާރާތްކުރާނީ 900 އަކަފޫޓުގެ 3 ކޮޓަރީގެ 1،400 ޔުނިޓާއި، 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓެވެ.
މި 2،000 ހައުސިން ޔުނިޓްގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރި އަދި ތިން ފާޚާނާގެ 1،400 ޔުނިޓާއި ދެ ކޮޓަރި އަދި ދެ ފާޚާނާގެ 600 ޔުނިޓެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު މިއަދު ފަސް ދާއިރާއަކުން އެހީ ދިނުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. އެއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އިތުރުން ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އެހީ ދިނުމާއި އާބަން ޑިވެލޮޕްމަންޓާއި ނ. ކެނދިކުޅުދޫގައި ގާއިމްކުރާ ގޭދޮށު މަސް ޕްލާންޓްގެ މަޝްރޫއުއަށް އެހީ ދިނުމާއި އަދި ބްރޯޑްކާސްޓިން ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެވެ.