ގްރޭޑް 8 ގައި މިހާރު ކިޔަވާ ދަރިވަރުންގެ ޓެސްޓު ދެފިޔަވައްސަކަށް ބަހާލައިގެން ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
މީގެ ކުރިން މިނިސްޓްރީން ނިންމާފައި އޮތީ އެ ދަރިވަރުންގެ ޓެސްޓުތައް އަންނަ އަހަރު ފެބްރުއަރީ 15 އިން 27 އަށް ހުރިހާ މާއްދާއެއް އެއްކޮށް ނަގާ ނިންމާށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހުރިހާ ސްކޫލްތަކަކަށް ފޮނުވި މެމޯގައި ބުނީ ޕްރިންސިޕަލުންނާ އެކު ބޭއްވި ޕޮލިސީ މަޝްވަރާ ބައްދަލުވުންތަކަށް ފަހު ގިނަ އަދަދެއްގެ ޕްރިންސިޕަލުންގެ ލަފަޔާ އެކު، މި އަހަރު ގްރޭޑް 8 ގެ ދަރިވަރުންގެ ދެވަނަ ޓާމްގެ މިޑް ބްރޭކަށް ފަހު ސްޓްރީމް ކުރުމަށް ނިންމާފައިވާކަމަށެވެ.
ފުރަތަމަ ޓެސްޓު ނަގާ ސްޓްރީމްތައް:
- ކޮންބައިންޑް ސައިންސް، ކޮންބައިންޑް ބިޒްނަސް، އަދި ހިސާބު މާއްދާތަކުގެ ޓެސްޓު ކުރިއަށްގެންދާނީ މި އަހަރު ޑިސެމްބަރު 14 އިން 19 އަށް
- ސޯޝަލް ސްޓަޑީޒް، ހެލްތު އެންޑް ޕީއީ އަދި ކްރިއޭޓިވް އާޓްސްގެ ފޯމެޓިވް އެސެސްމެންޓްތައް ވެސް އެ މުއްދަތުގައި ނިންމަން ޖެހޭ
ދެވަނަ ޓެސްޓު ނަގާ ސްޓްރީމްތައް:
- އިސްލާމް، ދިވެހި އަދި އިނގިރޭސި މާއްދާ ކުރިއަށް ގެންދާނީ އަންނަ އަހަރުގެ ފެބްރުއަރީ 15 އިން 20 އަށް
- މި އަހަރު ގްރޭޑް 8 ގައި ކިޔަވާ ދަރިވަރުންގެ ޓާމް ޓެސްޓުތައް ބާއްވާނީ އަންނަ އަހަރުގެ ފެބްރުއަރީ 8 އިން 22 އަށް
އެ ބަދަލު ގެނެސްފައިވާ ނަމަވެސް އެސެސްމަންޓް ފޯ ލާނިން ކުރިއަށް ގެންދަންވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މި އަހަރު ދެވަނަ ޓާމްގެ ރިޕޯޓް ފޮތް ހުރިހާ ދަރިވަރުންނަށް ވެސް އަންނަ އަހަރު ފެބްރުއަރީ 17 ގައި ދޫކުރަން ވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.