އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިއުމަށް ފަހު ކްލާހަށް ހާޒިރުވެގެން ޓެސްޓް ހެދުމަށް ދެކޮޅު ހަދައި، އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުންތަކެއް ޕެޓިޝަން ހުށަހެޅި ނަމަވެސް އެކަޑެމިކް ބޯޑުން ނިންމާފައި ވަނީ އިމްތިހާނު ހޯލަށް ދަރިވަރުން ހާޒިރުކޮށްގެން އިމްތިހާނު ބޭއްވުމަށް ކަމަށް އެ ޔުނިވާސިޓީން މިއަދު ބުނެފި އެވެ.
ގާތްގަނޑަކަށް 300 އަށް ވުރެ ގިނަ ދަރިވަރުންގެ ސޮޔާ އެކު އެ ދަރިވަރުން ޕެޓިޝަން ހުށަހެޅީ ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުން ކުރުމާ އެކު ކްލާސްތައް އޮންލައިންކުރި ގޮތަށް އަދިވެސް ކިޔެވުން އޮންލައިންކޮށް ގެންދިޔަ ނަމަވެސް އިމްތިހާނު ހޯލަށް ހާޒިރުކޮށްގެން ޓެސްޓް ކުރިއަށް ގެންދަން ނިންމުމުންނެވެ.
އައިޔޫއެމްގެ ރަޖިސްޓްރާ އަހުމަދު ރައުފް އަބްދުﷲ، "މިހާރު" އަށް ވިދާޅުވީ އައިޔޫއެމްގެ ހުރިހާ ފެކަލްޓީއެއްގެ އިސްވެރިންނާއި ބައެއް ލެކްޗަރާ އިން ހިމެނޭ އެކަޑެމިކް ބޯޑުން ވަނީ އިމްތިހާނު ބާއްވާނީ ހޯލަށް ހާޒިރުކޮށްގެންކަން މިދިޔަ އޮގަސްޓް މަހު އަންގާފައި ކަމަށެވެ.
އެ ބޯޑަކީ އެންމެ ފަހުގެ ނިންމުންތައް ނިންމާ ބޯޑެވެ.
އެކަމަކު އެ އެންގުން އެންގިތާ އެތައް ދުވަހެއް ފަހުން ދަރިވަރުންގެ ކަންބޮޑުވުން ހުރިކަން އެނގުނީ މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ލެކްޗަރާ އިން ވެސް ނެތް ދަރިވަރުންގެ ކަންބޮޑުވުމެއް އޮތް ކަމެއް ވެސް އަންގައިފައެއް. އަނެއްކާ މިއީ އަޅުގަނޑުމެން ކުއްލިއަކަށް ނިންމައިގެން އުޅޭ ޑިސިޝަނެއް ވެސް ނޫން. ދެން އެތައް ދުވަހެއް ފަހުން ދަރިވަރުންގެ ކަންބޮޑުވުން އޮތް ކަމަށް އެ ކުދިން ބައްދަލުކޮށްފައި އެބަ ބުނޭ. އެކަމަކު ޔުނިވާސިޓީގެ އެންމެ މުހިއްމު ބޯޑުން ނިންމުން އެ އޮތީ ނިންމާފައި،" ރައުފް ވިދާޅުވި އެވެ.
ދަރިވަރުން އޮންލައިންކޮށް އިމްތިހާނު ކުރިއަށް ގެންދަން ބޭނުންވާ ސަބަބު ނޭނގޭ ކަމަށް ރައުފް ވިދާޅުވި އެވެ. އެކަމަކު އެންމެ ފުރަތަމަ އޮންލައިންކޮށް ކިޔަވައިދޭން ފެށިއިރު ވެސް އެކުދިން އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދަން ބޭނުން ނުވާކަމަށާއި އެތައް ދަތިތަކެއް ހުރި ކަމުގެ ކަންބޮޑުވުންތައް އޭރު ހިއްސާކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު ކޮވިޑާ ގުޅިގެން ވަކި ހާއްސަ ގައިޑްލައިނަކާ އެއްގޮތަށް ކިޔަވައިދޭން ޖެހިފައިވާއިރު ރައުފް ވިދާޅުވީ އެ ޔުނިވާސިޓީގައި ޖާގައިގެ ދަތިކަން އެބަ އޮތް ކަމަށެވެ. އެހެންވެ ގައިދުރުކޮށް ދަރިވަރުން ކްލާހުގައި ބައިތިއްބައިގެން ކިޔަވައިދިނުމަށް ދަތި ނަމަވެސް އައިޔޫއެމް އިން ވެސް ބޭނުން ވަނީ ފޭސް ޓު ފޭސް ކްލާސްތައް ގެންދަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކްލާހަށް ހާޒިރުކޮށްގެން ކިޔަވައިދިނުމާއި ހޯލަށް ހާޒިރުކޮށްގެން އެގްޒާމް ހެދުމާ ވަރަށް ތަފާތު. އެއީ އަޅުގަނޑުމެން އަބަދުވެސް ދަރިވަރުން އެގްޒާމު ހޯލަށް ގެންނައިރު އެތަނުގަ ކުދިން ދުރުގަ ބައިތިއްބައިފަ މި ތިބެނީ،" އޭނާ ވިދާޅުވި އެވެ.
ޕެޓިޝަން ހުށަހެޅުމުގައި އިސްކޮށް އުޅުނު ދަރިވަރުން ބުނާ ގޮތުގައި އޮންލައިން ކްލާސްތަކުގައި އެ ދަރިވަންނަށް ކްލާހަށް ހާޒިރުވެގެން އިމްތިހާނު ހެދޭ ފެންވަރަށް ކިޔަވައެއް ނުދެވެ އެވެ. އޮންލައިންކޮށްް ކިޔެވުން ކުރިއަށް ގެންދިއުމުން ވަރަށް ބޮޑެތި ތަކުލީފުތަކެއް ދަރިވަރުން އުފުލަން ޖެހޭ ކަމަށާއި ކަނޑައަޅާފައި އޮންނަ ގަޑިއަށް ކްލާސްތައް ނުފެށުމާއި ނިންމަން އޮންނަ ވަގުތަށް ވުރެ މާކުރިން ކްލާސް ނިންމުމާއި އިންޓަނެޓްގެ ދަތިތައް ކުރިމަތިވާ ކަމަށް ބުންޏެވެ. އެކަމަކު ރައުފް ވިދާޅުވީ އޮންލައިން ކްލާސްތަކުގައި ދިމާވާ މި މައްސަލަތައް ދަރިވަރުން ޔުނިވާސިޓީއާ ކުރިން ހިއްސާ ނުކުރާ ކަމަށެވެ،