ހުޅުމާލެ ފޭސް2ގައި ހުންނަ ވިނަރެސް 1 ވަނަ ޓަވަރުގައި އީވް ކްލިނިކް ވިނަރެސް ހުޅުވައިފި އެވެ.

މި ކްލިނިކް ހުޅުއްވައިދެއްވީ އީވް ކްލިނިކްގެ ޗެއާމަން ހުސެއިން މުހައްމަދު ފުޅެވެ. ހުޅުމާލޭގައި ހުޅުވި މި ކްލިނިކަކީ މަލްޓި ސްޕެޝަލްޓީ ކްލިނިކެކެވެ.

ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް (ކ) އާއި އީވް ކްލިނިކުގެ ޗެއާމަން ހުސެއިން މުހައްމަދު ފުޅު  އާ ކްލިނިކް ހުޅުއްވައިދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް (ކ) އާއި އީވް ކްލިނިކުގެ ޗެއާމަން ހުސެއިން މުހައްމަދު ފުޅު އާ ކްލިނިކް ހުޅުއްވައިދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ކްލިނިކްގައި ސްކޭން ކުރުމާއި އެކްސްރޭ ނެގުމުގެ އިތުރުން ފިޒިއޮތެރަޕީގެ ހިދުމަތް ވެސް ލިބޭނެ އެވެ.

ޖުމްލަ 17 ކޮންސަލްޓޭޝަން ރޫމް ހުންނަ، ޖާގަ ތަނަވަސް މި ކްލިނިކުގައި ޔޫރޮލޮޖިސްޓުންނާއި ކާޑިއޮލޮޖިސްޓުންނާއި ފިޒިޝަނުން ފަދަ އެކި ދާއިރާތަކަށް ހާއްސަ ޑޮކްޓަރުން ކޮންސަލްޓްކުރާނެ އެވެ. އަދި އިތުރު ސުޕަ ސްޕެޝަލިސްޓުން ވެސް މި ކްލިނިކުން ހިދުމަތް ދޭން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

އީވް ކްލިނިކްގެ  ޗެއާމަން ހުސެއިން މުހައްމަދު ފުޅު (ކ) ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފާ އެކު ކްލިނިކް ބައްލަވާލައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އީވް ކްލިނިކްގެ ޗެއާމަން ހުސެއިން މުހައްމަދު ފުޅު (ކ) ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފާ އެކު ކްލިނިކް ބައްލަވާލައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އީވް ކްލިނިކްގެ އޮފިޝަލަކު ވިދާޅުވީ ހުޅުމާލެ ފޭސް2ގައި ހިދުމަތް ފަށަން ނިންމީ ހުޅުމާލޭގައި ދިރިއުޅޭ ގާތްގަނޑަކަށް 30،000 މީހުންގެ އާބާދީއަށް ހިދުމަތް ދެވޭނެ ފަދަ ބޮޑު ކްލިނިކެއް ހުޅުވަން ކަމަށެވެ. މި ކްލިނިކްގައި އެކި ދާއިރާތަކުން ގިނަ ސްޕެޝަލިސްޓުން މަސައްކަތް ކުރަން ހަމަޖެހިފައިވެ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އީވް ކްލިނިކް ވެސްޓްޕާކުން ދޭ ހަމުގެ އެކި ހިދުމަތްކަށް ބޭނުންވާ ކޮންސަލްޓޭޝަން ދިނުމަށް އެތަނުގެ ޑާމަޓޮލަޖިސްޓު ވެސް އީވް ކްލިނިކް ވިނަރެސްގައި ކޮންސަލްޓް ކުރާނެ އެވެ. އަދި އެ ކްލިނިކުން މަސައްކަތް ކުރާނީ މާލޭގައި ހުރި އައުޓްލެޓްތަކުން ދޭ ފެންވަރުގައި، ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދީ، ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ފަސޭހައިން އެކި ހިދުމަތްތައް ފޯރުކޮށްދޭން ކަމަށް ވެސް ބުންޏެވެ.

ހުޅުމާލޭގައި ހުޅުވި އީވް ކްލިނިކް ވިނަރެސްގެ އެތެރެ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ހުޅުމާލޭގައި ހުޅުވި އީވް ކްލިނިކް ވިނަރެސްގެ އެތެރެ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އީވް ކްލިނިކް ވިނަރެސްއަށް އާސަންދަ އާއި އަމާނާތަކަފުލް ލިބޭނެ އެވެ. އަދި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެލައިޑް އިންޝުއަރެންސް ވެސް ލިބޭނެ އެވެ.

މި ކްލިނިކް ހުޅުވާނީ ހެނދުނު 8 އިން ރޭގަނޑު 9 އަށެވެ. ކުރިއަށް އޮތްތަނުގައި މިތަނުގެ ހިދުމަތް ފުޅާކޮށް، ހިދުމަތްދޭ ވަގުތު އިތުރުކުރަން ވަނީ ހަމަޖެހިފަ އެވެ.