ބްރެސަލްސް (މާޗް 15) - ނޯތު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަށް ނިމުމެއް ގެނެވޭތޯ ވޭތުވެދިޔަ ތިން އަހަރު ތެރޭ ސިއްރު ވާހަކަތަކެއް ކުރިއަށް ގެންދިޔަ ކަމަށް ޔޫރަޕިއަން ޕާލަމެންޓުގެ ވަފުދަކުން ބުނެފި އެވެ.

ޔޫރަޕިއަން ޕާލަމެންޓް ވަފުދުން ވަނީ ނޯތު ކޮރެއާގެ ސީނިއާ އޮފިޝަލުންނާ 14 ފަހަރު ބައްދަލުކޮށްފަ އެވެ. އަދި އިތުރު ބައްދަލުވުމެއް ވަރަށް އަވަހަށް ބްރަސެލްސްގައި ބާއްވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ނޯތު ކޮރެއާ އިން ބައްދަލުކުރި އޮފިޝަލުންގެ ތެރޭގައި މިނިސްޓަރުން ވެސް ހިމެނެ އެވެ.

ނޯތު ކޮރެއާއާ އެކު މަޝްވަރާ ކުރާކަމުގެ ވާހަކަތައް އާއްމުވަމުން ދާ އިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ ބައްދަލު ކުރައްވަން ނިންމަވައިފަ އެވެ. އޭގެ ކުރިން ވަނީ ނޯތު ކޮރެއާ އާއި ސައުތު ކޮރެއާގެ ވެރިންގެ ސަމިޓެއް ޕްލޭންކޮށްފަ އެވެ.

ޔޫރަޕިއަން ޕާލަމެންޓުގެ ވަފުދުން ވަނީ އެމެރިކާ އާއި ޗައިނާ، ޖަޕާން އަދި ސައުތު ކޮރެއާގެ ސީނިއާ އޮފިޝަލުންނާ ވެސް ބައްދަލުކޮށްފަ އެވެ.

އީޔޫގެ ފޮރިން އެފެއާޒް ޑިޕާޓްމަންޓުގެ ޑިޕްލޮމެޓިކް މިޝަންތައް ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފަ އެވެ.