އިތިއޮޕިޔާގެ އުތުރުގައި އޮންނަ ޓިގްރޭ ސަރަހައްދުގައި ބާރު ގަދަކުރަމުން ދިޔަ ހަނގުރާމަވެރިން އެ ސަރަހައްދު އެމީހުންގެ ބާރުގެ ދަށަށް ގެންދިޔުމާ ގުޅިގެން، ހަމަލާ ދިނުން ހުއްޓައިލުމަށް އިތިއޮޕިޔާ ސަރުކާރުން އިއްޔެ އެއްބަސްވެ އެކަން އިއުލާންކޮށްފި އެވެ.

ގާތްގަނޑަކަށް އަށް މަސްދުވަސް ވަންދެން، ސަރުކާރު ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ފަހު، ޓިގްރޭ ސަރަހައްދުގެ ވެރިރަށް މެކޭލް އިއްޔެ ވަނީ ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގޮސްފަ އެވެ. އެ ސަރަހައްދުގައި ކުރިން ވެރިކަން ކުރި ޕާޓީ، ޓިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރޮންޓުގެ ފަރާތުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އިތިއޮޕިއާ ސަރުކާރު ސިފައިން ބަލިކޮށް، ވެރިރަށް މެކޭލް މިހާރު އެމީހުންގެ ފުރިހަމަ ބާރުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

މެކޭލްގައި ދިރިއުޅޭ އާންމުން ބުނާ ގޮތުގައި މިދިޔަ ނޮވެމްބަރު މަހަށް ފަހު، ވެރިރަށް މެކޭލްގެ މަގުތަކުން، ޓިގްރޭގެ ސިފައިން އެމީހުންގެ ރަސްމީ ޔުނީފޯމްގައި މިއަދު ފެންނަން ފަށާފައިވާ ކަމަށެވެ. އަދި ޓިގްރޭގެ ހަނގުރާމަ ހުއްޓުމަކަށް އައުމުގެ އުފަލުގައި އެ ސަރަހައްދުގެ އާންމުން މަގުތަކަށް ނުކުމެ އުފާ ފާޅުކުރަމުން އަންނަ ކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ހަމަލާ ބަދަލުކުރުން ހުއްޓައިލިކަން އިއުލާންކޮށް، އިތިއޮޕިޔާ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ނިންމި ނިންމުން އިއްޔެ އިން ފެށިގެން، މިއަހަރުގެ ދަނޑުވެރިކަމުގެ މޫސުން ނިމެންދެން ދެމިއޮންނާނެ ކަމަށެވެ. އިތިއޮޕިޔާގެ ދަނޑުވެރިކަމުގެ މޫސުން އޮންނަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.

މީގެ އިތުރުން ޓިގްރޭ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ އެހެން ސާމާނު ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދިނުމަށް، ސަރުކާރުގެ ބަޔާނުގައި، ޓިގްރޭގެ ހަނގުރާމަވެރިންނަށް ގޮވާލާފައިވެ އެވެ. އދ.ގެ ކާނާއާ ބެހޭ ޕްރޮގްރާމުން ބުނާ ގޮތުގައި ޓިގްރޭ ސަރަހައްދުގެ ހަނގުރާމައިގެ ސަބަބުން، އެ ސަރަހައްދުގެ 350000 އަށް ވުރެ ގިނަ މީހުން މިހާރު ތިބީ ބަނޑަށް ޖެހެން ގާތްވެފަ އެވެ.

ހަމަލާ ބަދަލުކުރުން ހުއްޓައިލުމާ ގުޅޭ ގޮތުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ، ހަމަލާތައް ހުއްޓާލާފައި ބޭއްވުމާ ބެހޭ ގޮތުން އިތިއޮޕިއާގެ ރައީސް އަބީ އަހްމަދާ އެކު މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ޓިގްރޭ ސަރަހައްދަށް އެހީގެ ސާމާނު ފޮނުވޭނެ ގޮތް ހަމަޖެއްސުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ގުޓަރޭސް ވިދާޅުވި އެވެ.

އިތިއޮޕިއާގެ ދާހިލީ ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެމެރިކާ، އަޔަލޭންޑް އަދި އިނގިރޭސި ވިލާތުން ވަނީ ގޮވާލައިފަ އެވެ. ޑިޕްލޮމެޓިކް މަސްދަރުތަކުން ބުނާ ގޮތުގައި، ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް އަންނަ ހުކުރު ދުވަހު ބޭއްވޭނެ ކަމަށް ލަފާ ކުރެވެ އެވެ.

އިތިއޮޕިޔާގެ މައްސަލަ އަށް ހައްލެއް ހޯދަން ޔޫރަޕްގެ ގައުމުތަކުން މަސައްކަތް ކުރާ އިރު، ޗައިނާ، ރަޝިޔާގެ އިތުރުން އެފްރިކާގެ ގިނަ ގައުމުތަކުން ބުނާ ގޮތުގައި އިތިއޮޕިޔާގެ ދާހިލީ ހަނގުރާމައަކީ އެ ގައުމުގެ އެތެރޭގެ މައްސަލައެކެވެ.

އިތިއޮޕިޔާގެ ޓިގްރޭ ސަރަހައްދުގައި ހަނގުރާމަ ފެށުނީ، ޓިގްރޭގެ ސަރަހައްދީ ސަރުކާރުގެ ހަނގުރާމަވެރިން، އިތިއޮޕިޔާގެ މަރުކަޒީ ސަރުކާރު ސިފައިންގެ މަރުކަޒަކަށް ހަމަލާ ދޭ ކަމުގެ ތުހުމަތުގައި، އިތިއޮޕިޔާ ސަރުކާރު ސިފައިން، އެއްގަމު މަގުންނާއި ވައިގެ މަގުން ޓިގްރޭ ސަރަހައްދުގެ ހަނގުރާމަވެރިންގެ އަމާޒުތަކަށް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހަމަލާ ދޭން ފެށުމުންނެވެ.