އިތިއޮޕިއާގައި މިހާރު ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި، ސަރުކާރު ސިފައިންނަށް ހިތްވަރު ދިނުމުގެ ގޮތުން، މިއަދުން ފެށިގެން ހަނގުރާމައިގެ މައިދާނަށް ވަޑައިގެން، އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވާނެ ކަމަށް، އެ ގައުމުގެ ބޮޑުވަޒީރު އާބީ އަހްމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.

އެ ގައުމުގެ އުތުރުގައި އޮންނަ ޓިގްރޭ ސަރަހައްދުގައި ފެށުނު ދާހިލީ ހަނގުރާމައަށް އަހަރެއް ވެގެންދާއިރު، އިދިކޮޅު ހަނގުރާމަވެރިންގެ ހަމަލާތައް މިހާރު އަންނަނީ ވެރިރަށް އެޑިސް އަބާބާއާ ކައިރި ހިސާބުތަކުގައި ވަރުގަދަ ކުރަމުންނެވެ. ޓުވިޓާގައި އާންމު ކުރެއްވި ބަޔާނެއްގައި ބޮޑުވަޒީރު ވިދާޅުވި ގޮތުގައި މިއަދުން ފެށިގެން ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި ނުކުމެވަޑައިގެން، ސިފައިންނަށް މަގުދައްކަވައި ހިތްވަރު ދެއްވާނެ އެވެ.

އިތިއޮޕިއާ ސަރުކާރު ސިފައިންނާއި ޓިގްރޭ ސަރަހައްދުގެ ހަނގުރާމަވެރިންނާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެފައިވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. އިތިއޮޕިއާގެ ދާހިލީ ހަނގުރާމަ ހުއްޓުމަކަށް ނުގެނެވިއްޖެ ނަމަ، މުޅި ސަރަހައްދަށް އެކަމުގެ ނުރައްކާ ކުރިމަތިވާނެ ކަމަށް، އެމެރިކާ އާއި ބައިނަލްއަގުވާމީ މުޖްތަމައުން އަންނަނީ ބުނަމުންނެވެ.

ކުރިން ސިފައިންގެ ތެރޭގައި ހިދުމަތް ކުރައްވާފައިވާ އަދި ނޯބެލް ސުލްހައިގެ އިނާމު ވެސް ހާސިލުކުރައްވާފައިވާ ބޮޑުވަޒީރު، މިއަދު ހަނގުރާމައިގެ މައިދާނަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ނަމަވެސް، ބޮޑުވަޒީރު ވަޑައިގަންނަވާ ވަކި ސަރަހައްދެއް، ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ބޮޑުވަޒީރު ހަނގުމާއިގެ މައިދާނަށް ނުކުމެވަޑައިގަންނަވާ އިރު، އިދިކޮޅު ޓިގްރޭގެ ހަނގުރާމަވެރިން މިހާރު އަންނަނީ ވެރިރަށާ ކައިރީގައިވާ ބައެއް ސަރަހައްދުތައް ހިފަމުންނެވެ. އެ ގޮތުން ވެރިރަށް އެޑިސް އަބާބާގެ އިރުއުތުރުން 136 މޭލު ދުރުގައި އޮންނަ ޝީވާ ރޮބިޓް މިހާރު އޮތީ، އެމީހުންގެ ބާރުގެ ދަށުގައި ކަމަށް ހަނގުރާމަވެރިން ބުނެ އެވެ.

ހަނގުރާމަވެރިން ކުރިއަރަމުން އަންނަ މައްސަލައިގައި، ވެރިކަން ކުރާ ޕްރޮސްޕެރިޓީ ޕާޓީގެ ވެރިންގެ ބައްދަލުވުމެއް އިއްޔެ ވަނީ ބާއްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު އިތިއޮޕިއާގެ ދިފާއީ ވަޒީރު އަބްރަހަމް ބެލޭ ވިދާޅުވީ ހަނގުރާމައިގެ މައިދާން ވަރަށް ބޮޑަށް ބަދަލުވަމުން އަންނާތީ، ސަރުކާރު ސިފައިން ދެން އަޅާނީ މުޅިން ތަފާތު ފިޔަވަޅެއް ކަމަށެވެ.