ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަނޑުގެ އެންމެ ބޮޑު ސަރަހައްދު ކަމަށްވާ ސައުތު އަރި މެރިން ޕްރޮޓެކްޓަޑް އޭރިޔާ (ސަމްޕާ) އަށް ވަންނަ އުޅަނދުފަހަރުގައި ޕްރޮޕެލާ ގާޑު އަޅުވަން އެންމެ ފަހު މުއްދަތު އެންވަޔަރުމެންޓް މިނިސްޓްރީން ދީފި އެވެ. 

މީގެ ހަ އަހަރު ކުރިން 2009 ގައި ހިމާޔަތްކުރި ސަމްޕާއަކީ އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން އެ އަތޮޅު ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަހައްދެކެވެ. އެއީ ފެހުރިހި ކާނާ ހޯދަން ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ޖަމާވާ ސަރަހައްދު ކަމަށް ވާތީ ފެހުރިހި ބަލަން ގިނަ އަދެއްގެ ޓޫރިސްޓުން އެ ތަނަށް ދެ އެވެ. 

އެކަމަކު އެހެން ގޮސް އުޅުމުގެ ތެރޭގައި މީހުންނާއި ފެހުރިއްސަށް ވެސް އުޅަނދުތަކުގެ ބުރަފަތިން އަނިޔާވެ ނުރައްކާތެރި ހާދިސާތައް ހިނގަ އެވެ. 

އެ މައްސަލަ ބޮޑުވެ، ބުރަފަތީގައި ގާޑު އެޅުވުން މަޖުބޫރުކުރަން ނިންމައި މިދިޔަ އަހަރު ފެބްރުއަރީ މަހު ވަނީ ސަރުކާރުން އިއުލާނުކޮށްފަ އެވެ. އަދި އެކަން ކުރުމަށް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރު ފުރުސަތެއް ވެސް ދިނެވެ. 

މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ ސަމްޕާ ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ މެނޭޖްމަންޓް ޕްލޭނުގައިވާ ގޮތަށް ސްނޯކަލިން އާއި ޑައިވިނަށް ގެންދާ ފަރާތްތައް އުފުލުމުގައި ބޭނުންކުރާ އުޅަނދުފަހަރުގައި ޕްރޮޕެލާގާޑް ހަރުކުރަން ވާނެ ކަމަށް ބަޔާންކޮށްފައިވާއިރު އެ އުނޅަދުތަކުގައި އަންނަ ޑިސެންބަރު 31 ގެ ކުރިން ޕްރޮޕެލާގާޑް ހަރުކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެހެންވެ، އެ މުއްދަތުގެ ފަހުން އެ ސަރަހައްދަށް ދެވޭނީ ޖެޓް އިންޖީނުލީ ނުވަތަ ޕްރޮޕެލާގާޑު ހަރުކޮށްފައިވާ އުޅަނދުފަހަރުތަކަށް އެކަނި ކަމަށް މިނިސްޓްރީން ބުންޏެވެ.

"އެހެންކަމުން، 31 ޑިސެމްބަރު 2026 ގެ ފަހުން މި ސަރަހައްދުގައި "ސްނޯކަލިން" އަދި "ޑައިވިން" އަށް ގެންދާ ފަރާތްތައް އުފުލުމުގައި ބޭނުންކުރެވޭނީ ޖެޓް އިންޖީނުލީ ނުވަތަ ޕްރޮޕެލާގާޑު ހަރުކޮށްފައިވާ އުޅަނދުފަހަރުތައް ކަމުގައި ހަނދުމަފުޅުކޮށް އަރުވަމެވެ." އެ ބަޔާނުގައިވެ އެވެ. 

ފެހުރިހި ބަލަން އޮތް މީހެއްގެ ގައިމަތިން ލޯންޗެއް ދިއުމުގެ ސަބަބުން އެމީހާ މަރުވި މައްސަލައެއް ވެސް ބޮޑުވެފައިވަނިކޮށް، ފެހުރިހި ބަލަން ޓޫރިސްޓުން ގޮވައިގެން ދާ ނަމަ އެ އުޅަނދެއްގެ ބުރަފަތީގައި ޕްރޮޕެލާ ގާޑު އަޅުވަން މަޖުބޫރިކުރި އެވެ. 

ފަހުން ހެދި ޕްލޭނުގެ ދަށުން އެ ސަރަހައްދުގެ މޫދަށް އެންމެ ގިނަވެގެން އެއްފަހަރާ ފައިބައިގެން އުޅެވޭނީ 60 މީހުންނަށެވެ. އަދި ސަމްޕާ ސަރަހައްދަށް ފައިބައިގެން އުޅެވޭނީ އެންމެ ކައިރީގައި އޮންނަ ހަތަރު އުޅަނދަކުން ކަމަށް ވެސް ޕްލޭނުގައި ވެ އެވެ.

ފެހުރިއްސަކީ ޖުލައި 2016 ގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ ރެޑް ލިސްޓް އޮފް ތުރެޓަންޑް ސްޕީޝީސްގައި ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރުމެއް ކަމަށް ކަނޑައަޅާފައިވާ ދިރުމެކެވެ.