ސްޓީލް ހާޑްވެއާގެ މެނޭޖިން ޑިރެކްޓަރު އަލީ ފައުޒީއަށް ސައުތު އޭޝިއަން ބިޒްނަސް އެވޯޑުގެ އައުޓް ސްޓޭންޑިން ލީޑަޝިޕް އެކްސެލެންސް އެވޯޑު ލިބިއްޖެ އެވެ.

އެ އެވޯޑަކީ މެނޭޖީރިއަލް މަގާމެއްގައި ހުރެ އަމިއްލަ ލީޑަޝިޕްގެ ދަށުން ތިމާވެށީގެ ސަސްޓެއިނަބިލިޓީ އާއި މުޖުތަމައު ބިނާކުރުމަށް ކޮށްފައިވާ މަސައްކަތްތަކަށް ބެލުމަށް ފަހު ދޭ އެވޯޑެކެވެ.

ފައުޒީ ވިދާޅުވީ، ސްޓީލް ހާޑްވެއާ އާއި އަމިއްލަ އިތުރު ވިޔަފާރީތަކުގައި ވެސް މުޖުތަމައަށް ފައިދާ ކުރަނިވި މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ތިމާވެށި ރައްކާތެރިކުރުމުގެ ހާއްސަ މަސައްކަތްތަކެއް ސްޓީލް ހާޑްވެއާގެ މަސައްކަތްތަކުގެ ތެރެއިންނާއި އަމިއްލަ މަސައްކަތްތަކުގެ ތެރެއިން ކުރެއްވިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ފައުޒީއަށް ލިބިވަޑައިގެންނެވި އެވޯޑާ އެކު: އޭނާ ވަނީ މުޖުތަމައުއަށް ފައިދާ ކުރަނިވި ގިނަ މަސައްކަތްތަކެއްގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައި.
ފައުޒީއަށް ލިބިވަޑައިގެންނެވި އެވޯޑާ އެކު: އޭނާ ވަނީ މުޖުތަމައުއަށް ފައިދާ ކުރަނިވި ގިނަ މަސައްކަތްތަކެއްގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައި.

ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ފައުޒީ ކުރައްވާފައިވާ ބައެއް މަސައްކަތްތަކުގެ ތެރޭގައި ސްޓީލް ހާޑްވެއާއަށް ތިމާވެއްޓާ ރައްޓެހި ޝެރަ ބޯޑު ތައާރަފުކުރުން ހިމެނެ އެވެ. އަދި އަމިއްލަ ގޮތުން "ވައި ޑައިވަސް ލޮޖް" އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ ފަރުތައް ސާފުކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން އެ ފަދަ މަސައްކަތްތަކަށް މާލީ އެހީތެރިކަން ވެސް ދެއްވާފައިވެ އެވެ.

ފައުޒީ ވިދާޅުވީ، މުޖުތަމައުއެއް ބިނާ ކުރުމުގައި ޖިންސީ ހަމަހަމަކަން އޮތުމަކީ މުހިންމުކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. ސްޓީލް ހާޑްވެއާއިން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެމުން އަންނަ ކަމަށާއި އަންހުންނަށް ވެސް ހަމަހަމަކަމާ އެކު އެ ފުރުސަތުތައް ދެއްވާ ކަމަށް ވިދާޅުވި އެވެ. އަދި ލީޑަޝިޕުގެ ދާއިރާއިން ކުރިއަށް ދިޔުމަށް ވިމެން އެންޑް ޑިމޮކްރަސީއާ ގުޅިގެން ކޮސެލްޓެންސީ ދެއްވިކަން ފާހަގަކުރެއްވި އެވެ.

ފައުޒީ ވިދާޅުވީ، ބިޒްނަސް އެކްސެލެންސީ އެވޯޑުގައި ލިބުނު ކާމިޔާބީއާ އެކު އެ ފަދަ އިތުރު މަސައްކަތްތައް ކުރުމަށް ހިތްވަރު އާ ވެއްޖެކަމަށެވެ. އެންމެންގެ ބައިވެރިވުން ހިމެނޭ މުޖުތަމައުއެއް ބިނާ ކުރުމަށް، އޯޓިޒަމް ހުންނަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ސްޓީލް ހާޑްވެއާއިން ތަފާތުކުރުމެއް ނެތި ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށް ފައުޒީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމުގައި ފަރުތައް ސާފުކުރުން ފަދަ މަސައްކަތްތަކަށް އިތުރަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ސައުތު އޭޝިއަން ބިޒްނަސް އެވޯޑަކީ ސައުތު އޭޝިއާ ސަރަހައްދުގެ ވިޔަފާރިތަކާއި ވިޔަފާރިވެރިންނަށް ދޭ އެވޯޑެކެވެ. އެ އެވޯޑަށް ސައުތު އޭޝިއާ ސަރަހައްދުގެ ވަރަށް ގިނަ ކުންފުނިތަކުން ވާދަކުރެ އެވެ.