ރާއްޖެ އަކީ ދުނިޔެމަތީގެ ސުވަރުގެ ކަމަށް ރާއްޖޭގައި މިހާރު ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ތާޕްސީ ޕަންނޫ ބުނެފި އެވެ.
އިންޑިއާގެ ގިނަ ފިލްމު އެވޯޑްތަކެއްގެ މޮޅު ބަތަލާގެ މަގާމު ފާއިތުވި އަހަރުތަކުގެ ހޯދާފައިވާ ތާޕްސީ، 33، އިއްޔެ ރާއްޖެ އައީ އޭނާގެ އާއިލާގެ ދެ މެމްބަރުންނާ އެކު ޗުއްޓީ ހޭދަކުރުމަށެވެ. ތާޕްސީ ޗުއްޓީ ހޭދަކުރަމުން އަންނަނީ މި އަހަރު ފޯބްސް މެގަޒިން އިން ހަތަރު ތަރީގެ ރިޒޯޓްގެ އެވޯޑް ލިބުނު ތާޖް އެގްޒޯޓިކާގަ އެވެ.
ތާޕްސީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރި ވީޑިއޯއެއްގައި ބުނެފައިވަނީ މި އުނދަގޫ ވަގުތު ހިތްހަމަޖެހުމެއް ހޯދާލުމަށް އޭނާ އަށް އެންމެ ކަމުދާ މަންޒިލަކީ ރާއްޖެ ކަމަށެވެ.
"ރާއްޖެ އަކީ ދުނިޔެމަތީގެ ސުވަރުގެ. އަހަރެން މިހުރީ އަހަރެން އެންމެ ގަޔާވާ ހޮލިޑޭ ޑެސްޓިނޭޝަންގައި. ސޭ ހެލޯ ޓު މޯލްވިސް،" ތާޕްސީ ބުނެފައިވެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ތާޕްސީ އާއި ޝަގުން ޕަންނޫ އައި އިވާނިއާ ޕަންނޫ އެނބުރި އިންޑިއާ އަށް ދާނީ ހަފުތާއެއްހާ ދުވަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެވެ.
ދާދި ފަހުން ބޮލީވުޑްގެ ދެ ބަތަލާ އިން ކަމަށްވާ މޯނީ ރޯއި އާއި މަންދިރާ ބޭދީ ވަނީ ސޮނޭވާފުށީގައި ޗުއްޓީ ހޭދަކޮށްފަ އެވެ. ރާއްޖެ އަށް އަހަރަކު އެއް ފަހަރު ކަހަލަ ގޮތަކަށް ޗުއްޓީ ހޭދަކުރަން އަންނަ މޯނީ މި ފަހަރު އައީ އޭނާގެ އުފަންދުވަސް ހޭދަކުރުމަށެވެ.
ފޯބްސް އިން ހޮވާ އިންޑިއާގެ ސެލެބްރިޓީ ލިސްޓުން ފަހަކަށް އައިސް ޖާގަ ހޯދަމުން އަންނަ ތާޕްސީ އަކީ ހަމައެކަނި ހިންދީ ފިލްމުތަކުގައި މަސައްކަތްކުރާ ބަތަލާއެއް ނޫނެވެ. އޭނާ އަންނަނީ ސައުތުގެ ފިލްމުތަކުގައި ވެސް މަސައްކަތްކުރަމުންނެވެ. އެ ގޮތުން އެންމެ ފުރަތަަމަ އޭނާ މަސައްކަތް ކުރީ ވެސް ސައުތުގެ ފިލްމް އިންޑަސްޓްރީގަ އެވެ. ބޮލީވުޑް ފިލްމަކުން ފުރަތަމަ ފެނުނީ 2013 ވަނަ އަހަރު ނެރުނު ކޮމެޑީ ފިލްމު "ޗަޝްމޭ ބައްދޫރު" އިންނެވެ.
ބޮލީވުޑްގައި ތާޕްސީ ވިދާލީ 2015 ވަނަ އަހަރު ނެރުނު މަޝްހޫރު ޑިރެކްޓަރު ނީރަޖް ޕާންޑޭގެ ފިލްމު "ބޭބީ" އިންނެވެ. ފަހުން އަނިރުދް ރޯއީގެ "ޕިންކް" އާއި ޝިވަމް ނާޔަރުގެ "ނާމް ޝަބާނާ"ގައި ވެސް ތާޕްސީގެ އެކްޓިން ވަރަށް ބޮޑަށް ފާހަގަވެގެންދިޔަ އެވެ. މި އަހަރު ރިލީސްކުރި ތާފްސީގެ ހަމައެކަނި ފިލްމަކީ އަނޫބަވް ސިންހާގެ "ތައްޕަޅު" އެވެ. މީގެ ކުރިން 2018 ވަނަ އަހަރު އަނޫބަވް ޑިރެކްޓްކުރި "މުލްކް"ގައި ވެސް ތާޕްސީގެ އެކްޓިންގެ މޮޅުކަން ފެނިގެންދިޔަ އެވެ.