އެމެރިކާގެ ކުރީގެ މިއުޒިކް ލެޖެންޑް މައިކަލް ޖެކްސަންގެ ވާހަކަ ކިޔައިދޭ ފީޗާ ފިލްމެއް ހަދަން ނިންމައި، އޭގެ ސްކްރީންޕްލޭގެ މަސައްކަތް ފަށައިފި އެވެ.

ވެރައިޓީން ބުނިގޮތުގައި މި ފިލްމުގެ ޕްރޮޑިއުސަރަކީ އިނގިރޭސިވިލާތުގެ ކުރީގެ ބޭންޑް "ކްއީން" އިން ވިދައިލި މިއުޒިކް ލެޖެންޑް ފްރެޑީ މާކިއުރީގެ ވާހަކަ ކިޔައިދިން މިދިޔަ އަހަރުގެ ކާމިޔާބު ފިލްމު "ބޮހީމިއަން ރަޕްސޮޑީ" ގެ ޕްރޮޑިއުސަރު ގްރަހަމް ކިންގެވެ.

އެ ނޫހުން ބުނި ގޮތުގައި ޖެކްސަންގެ ދިރިއުޅުމާއި އޭނާގެ މިއުޒިކް ރައިޓްސް ވެސް ހޯދައިގެން ހަދަން ނިންމާފައިވާ ފިލްމުގެ ސްކްރީންޕްލޭ ހަވާލުކޮށްފައި ވަނީ ""ގްލޭޑިއޭޓާ" އާއި "ދި އޭވިއޭޓާ" ފަދަ ވަރުގަދަ ފިލްމުތަކުގެ ސްކްރީންޕްލޭ ލިޔުނު ޖޯން ލޯގަންއާ އެވެ.

ޖެކްސަންގެ ހަޔާތުގައި އޭނާގެ ޖިންސީ ޝިކާރައަކަށް ކުޑަކުދިންތަކެއްވެފައިވާ ކަމަށް ބުނާ ވާހަކަ އަކީ ވަރަށް ހޫނުކޮށް އެކި ދުވަސްވަރު ދެކެވި، ބައެއް މައްސަލަތައް ކޯޓާ ހަމައަށް ވެސް ގޮސްފައިވާ މައްސަލަތަކެކެވެ. ނަމަވެސް އޭނާގެ ވާހަކަ ކިޔައިދޭ ފީޗާ ފިލްމުގައި އެ މައްސަލަތައް ހިމަނާނެތޯ ޕްރޮޑިއުސަރުގެ ތަރުޖަމާނާ ސުވާލުކުރުމުން އެކަމާ ބެހޭ ގޮތުން އެއްވެސް ކޮމެންޓެއް މި ވަގުތު ކުރަން ބޭނުންނުވާ ކަމަށް ބުނެފައިވާ ކަމަށް ވެރައިޓީން ބުންޏެވެ.

ނަމަވެސް ފިލްމުގައި ޖެކްސަން ވަރަށް ޒުވާން އުމުރުގައި ހޯދި މަޝްހޫރުކަމާ އެކު، ފަހުން އޭނާ ދުނިޔޭގެ ވަރުގަދަ ފަންނާނަކަށް ބަދަލުވެގެން ދޮޔަ ގޮތް ދައްކުވައި ދޭނެ ކަމަށް ބުންޏެވެ.

ދާދި ފަހުން "ލީވިން ނެވަލެންޑް" ގެ ނަމުގައި ނެރުނު ޑޮކިއުމަންޓަރީއެއްގައި ޖެކްސަނާއި ކުޑަކުދިންނާ އޮތް ގުޅުންތަކުގެ ވާހަކަ ކިޔައިދީފައި އޮތުމުން ގިނަ މައްސަލަތަކެއް ވެސް އެ ޑޮކިއުމަންޓްރީގައި ހިއްސާވި ފަރާތްތަކަށް އަމާޒުވި އެވެ.

ޕޮޕް މިއުޒިކްގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވި ޖެކްސަންގެ ވާހަކަ ފީޗާ ފިލްމެއްގެ ގޮތުގައި ގެނެސްދޭން ނިންމި އިިރު، އެކި ދުވަސްވަރު އޭނާގެ ޑޮކިއުމަންޓަރީތައް ހަދާފައިވެ އެވެ. ގިނަ ބަޔަކު ޔަގީނުން ވެސް މި ފަހަރު ގެނެސްދޭން ނިންމި ފީޗާގައި ޖެކްސަންގެ ރޯލް ކުޅެނީ ކާކުތޯ ބަލަން ވަރަށް ޝައުގުވެރިވާނެ އެވެ.

ނަމަވެސް މި ވަގުތު ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ކުރިއަށްދާތީ ކާސްޓާއި ޑައިރެކްޓަރު އަދި އިއުލާނެއްނުކުރެ އެވެ.

ޖެކްސަން 51 އަހަރުގައި މަރުވީ 2009 ގަ އެވެ.