ފިތުރު އީދުގައި ރިލީޒް ކުރާ، ސަލްމާން ހާންގެ "ރޭސް 3" ގައި، ސަލްމާނާ ލޯބީގެ ގުޅުމެއް އޮންނަ ކަމަށް އަޑު އަރާފައި އޮންނަ ރުމޭނިއާގެ ސެލެބްރިޓީ އޫލިއާ ވަންތޫރުގެ ލަވައެއް ހިމަނައިފި އެވެ.
މި ފިލްމު ހާއްސަވާ ސަބަބުތަކެއް އެބަހުއްޓެވެ. އެއީ "ރޭސް" ފްރެންޗައިޒާ އެކު އޭނާ ފުރަތަމަ ފަހަރަށް އަންނާތީ އެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ ސަލްމާންގެ އެހީ ލިބިގެން ބޮލީވުޑްގައި ކުރިއަށް ދާން މަގުފަހިވި ބަތަލާއިންތަކެއް ފިލްމުން ފެނިގެން ދިއުމެވެ.
އޭގެ ތެރޭގައި ޖެކްލިން ފެނާންޑޭޒް، ޑެއިޒީ ޝާހް އަދި ފިލްމްގެ ހާއްސަ ލަވައަކުން ފެނިގެންދާ ސޮނާކްޝީ ސިންހާ ހިމެނެ އެވެ. ހަމަމިއާ އެކު "ރޭސް 3" އަކީ ބޮބީ ޑިއޯލްގެ ކެރިއަރު ވެސް ކޮޅަށް ޖަހައި ދޭން ސަލްމާން ދިން ފުރުސަތެކެވެ.
ރެމޯ ޑި ސޫޒާ ޑައިރެކްޓްކޮށްފައިވާ ފިލްމަށް އިތުރުވާ އެންމެ ހާއްސަ އަނެއް ކަމަކީ ސަލްމާން ލިރިކްސް ހަދާފައިވާ ދެ ލަވައެއްވަރު ފިލްމުން ފެނިގެން ދާނެތީ އެވެ. އޭގެ ތެރެއިން އެއް ލަވަޔަކީ "ސެލްފިޝް" އެވެ.
ފިލްމުގައި ހިމަނަނީ، އޫލިއާގެ ޑުއެޓް ލަވައެކެވެ. މިއީ އޭނާ ބޮލީވުޑް ފިލްމަކަށް ލަވައެއް ކިޔައި ދިން ފުރަތަމަ ފަހަރެވެ.
ވިޝާލް މިޝްރާގެ މިއުޒިކް އަޑު އިވިގެންދާ "ރޭސް 3" ގެ "ސެލްފިޝް" ލަވަ އޫލިއާ ކިޔާފައި ވަނީ ބޮލީވުޑްގެ އެތައް ފިލްމަކަށް މަގުބޫލު އެތައް ލަވައެއް ކިޔައި ދީފައިވާ ޕާކިސްތާންގެ ލަވަ ކިޔުންތެރިޔާ އާތިފް އަސްލަމެވެ. މި ލަވަ ލަސްތަކެއް ނުވެ ބެލުންތެރިންނަށް ދޫކޮށްލާނެ އެވެ.
"ރޭސް 3" އިން ސަލްމާނަށް ލިރިސިސްޓެއްގެ ކްރެޑިޓް ރަސްމީކޮށް ލިބިގެންދާ އިރު، އޭނާ މީގެ ކުރިން ވަނީ ލަވަ ވެސް ކިޔައިފަ އެވެ. އެގޮތުން ޖެކްލީންއާ އެކު ކުޅުނު "ކިކް" އަށާއި ޕްރޮޑިއުސް ކުރި ފިލްމް "ހީރޯ" އަށް ސަލްމާންގެ އަޑުން ލަވަ ކިޔާފައިވެ އެވެ.
ސަލްމާންގެ ފިލްމް ކުންފުނި އެސްކޭއެފާއި ޓިޕްސް ގުޅިގެން ގެނެސްދޭ "ރޭސް 3" ގެ ލަވަތަކުގެ ތެރެއިން އެއް ލަވަ މިހާރު ވެސް ވަނީ ދައްކާލައިފަ އެވެ. އެއީ ސަލްމާނާއި ޖެކްލިން ފެނިގެންދާ "ހީރިޔޭ" އެވެ. "ސެލްފިޝް" އިން ފެނިގެން ދާނީ ސަލްމާނާއި ޖެކްލިންގެ އިތުރުން ބޮބީ އެވެ.