އިންޑިއާގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ކުއްލި މަރާ އެކު އެތައް ބަޔަކު ތިބީ ބޮޑު ހިތާމައެއްގެ ތެރޭގަ އެވެ. އެކަމަކު ގެއްލިގެން ދިޔަ އެ ބަތަލާގެ ވާހަކަތަކާއި ހަނދާންތަކެއް ދުވަކު ވެސް ނުފޮހެވޭނެ އެވެ.

ފިލްމީ ކެރިއަރުގައި 200 އަށް ވުރެ ގިނަ ފިލްމް ކުޅެފައިވާ ސްރީދޭވީއަކީ ހިންދީ ފިލްމްތަކުގެ އިތުރަށް، އިންޑިއާގެ އެކި ބަހުރުވަތަކުން އުފައްދާ ފިލްމްތަކުގައި މަސައްކަތްކޮށްފައިވާ ހުނަރުން ފުރިފައިވާ ބަތަލާއެކެވެ.

އެކަމަކު އޭނާ އަށް ހޮލީވުޑްގެ ފިލްމަކުން ވެސް ފުރުސަތެއް ލިބުނު ވާހަކައަކީ ގިނަ ބަޔަކަށް އެހާ ބޮޑަށް އެނގޭ ވާހަކައެއް ނޫނެވެ. ސްރީދޭވީގެ މަރާ އެކު އިންޑިއާގެ ބައެއް މީޑިއާތަކުން ވަނީ އެ ވާހަކަ ވެސް މިހާރު ތިލަކޮށްފަ އެވެ.

ހޮލީވުޑުން ސްރީދޭވީ އަށް ފުރުސަތު ލިބުނީ އޮސްކާ ހާސިލްކޮށްފައިވާ ކުޅަދާނަ ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގް 1993 ގައި ގެނެސް ދިން ސައިންސް ފިކްޝަން/އެޑްވެންޗަ ފިލްމް "ޖުރަސިކް ޕާކް" އިންނެވެ. އެ ފިލްމުގެ ރޯލެއް ހުށަހެޅި ނަމަވެސް، އެ ރޯލް ސްރީދޭވީ ގަބޫލެއް ނުކުރި އެވެ.

ސަބަބަކީ ކުޅެން ލިބުނު ރޯލް ކުޑަވެފައި، އޭނާއަކީ އިންޑިއާގައި އެހާ މަޝްހޫރު ބަތަލާއަކަށްވެފައި އެހާ ވަރުގަދަ ތަރިއަކަށް ލިބުނު ކުޑަކުޑަ ރޯލަކުން ވާނެ މާ ބޮޑު ފައިދާއެއް ނެތުމުންނެވެ.

ސްރީދޭވީއަކީ އަބަދު ވެސް ފިލްމްތައް ގަބޫލު ކުރުމުގައި ވަކި އުސޫލްތަކެއް ގެންގުޅުނު ބަތަލާއެކެވެ. އެގޮތުން އެންމެ ހާއްސަ އެއް ކަމަކީ މުހިއްމު އަދި ސްކްރީން ޓައިމް ގިނަ ރޯލްތަކަށް އިސްކަން ދިނުމެވެ.

އެހެންވެ މި ފަހުން އިންޑިއާގައި އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔަ އެއް ފިލްމް ކަމަށްވާ "ބާހްބަލީ" އިން ލިބުނު ފުރުސަތު ވެސް ވަނީ އޭނާ ވަނީ ދޫކޮށްލައިފަ އެވެ. އެ ފިލްމުން ސްރީދޭވީ އަށް ހުށަހެޅީ ރާމިޔާ ކްރިޝަނަން ކުޅެފައިވާ ޝިވަގަމީގެ ރޯލެވެ.

މިދިޔަ އަހަރު "މޮމް" ކުޅުނު ބަތަލާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެންނާނެ ފިލްމަކީ މި އަހަރުގެ ޑިސެމްބަރު މަހުގެ 21 ގައި ރިލީޒް ކުރާ ޝާހްރުކް ހާންގެ "ޒީރޯ" އެވެ. އެ ފިލްމުން އޭނާ ފެންނާނީ ހާއްސަ ފެނިލުމަކުންނެވެ.