ސިނަމާތަކުން ޑަބަލް ޖީއެސްޓީ ނަގާތީ އެކަމާ ދެކޮޅުހެދުމުގެ ގޮތުން ޓެމިލް ނާޑޫ ފިލްމް ޗެމްބާ އޮފް ކޮމާސް އިން ވަނީ ޓެމިލް ނާޑޫގެ ހުރިހާ ސިނަމާތަކެއް އިއްޔެއިން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކުރަން ނިންމައިފި އެވެ. ނަމަވެސް މި ނިންމުމާ ފިލްމު އުފައްދާ ފަރާތްތަކުން ހިތްހަމައެއް ނުޖެހެ އެވެ.

އެ ފަރާތްތަކުން ޗެމްބާއަށް އިލްތިމާސްކޮށްފައި ވަނީ ނިންމުން ބަދަލުކޮށް ސިނަމާތައް ހުޅުވުމުގެ ހުއްދަ ދިނުމަށެވެ. އަދި ޓެކްސް ނަގާ ގޮތް ސަރުކާރާ ވާހަކަ ދައްކައިގެން ބަދަލުކުރަން މަސައްކަތް ކުރުމަށެވެ.

އިންޑިއާގައި ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ) ނަގަން ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެންނެވެ. ސަރުކާރުން ވަނީ އެންޓަޓައިންމަންޓް ޓެކްސްގެ ގޮތުގައި 30 ޕަސެންޓް އަދި ޖީއެސްޓީގެ ގޮތުގައި 28 ޕަސެންޓް ނެގުމަށް ހަމަޖައްސާފަ އެވެ.

ޓެމިލް ފިލްމް ޕްރޮޑިއުސާޒް ކައުންސިލްގެ ރައީސް އަދި އެކްޓަރު ވިޝާލް ކްރިޝްނާ ބުނި ގޮތުގައި ޗެމްބާގެ ނިންމުން ބަދަލުކުރަން އެމީހުން ވާނީ އެތަނުގައި އެދިފަ އެވެ. ސައުތު އިންޑިއާގެ ސިނަމާތަކުގެ މައްސަލައަކީ އެހެން ސްޓޭޓްތަކުން ޓެކްސް ނަގާ ވަރާ މި ސްޓޭޓުން ނަގާ ވަރު ތަފާތުވުމެވެ.

ޖީއެސްޓީ ނެގުމާ ގުޅިގެން ޓެމިލް ނާޑޫގެ އަވަށްޓެރި ކެރެލާ، އަންދްރަ ޕްރަދޭޝް، ތެލަންގަނާ އަދި ކަރްނާޓަކާގައި 100 ޓިކެޓަކަށް 118 ރުޕީސް ޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭއިރު ޓެމިލް ނާޑޫގައި 148 ރުޕީސް ދައްކަން ޖެހޭނެ އެވެ. ސަބަބަކީ ސްޓޭޓް ސަރުކާރުން ޓިކެޓަށް 30 ޕަސެންޓްގެ އިތުރު ޓެކްސްއެއް ކަނޑައަޅާފައިވާތީ އެވެ.

ސައުތު އިންޑިއާގެ ޕްރޮޑިއުސަރެއް ކަމަށްވާ އާރް. ކަނަން އާއި ވިޖޭ ވެސް ވަނީ ތިއޭޓަރުތައް ބަންދުކުރުމާ ދެކޮޅުހަދާފަ އެވެ. ކަނަންގެ އެންމެ ފަހުގެ ފިލްމު "އިވަން ތަންތިރަން" ސިނަމާތަކުގައި އަޅުވާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެހެންކަމުން ސިނަމާތައް ބަންދުކޮށްފި ނަމަ އޭނާގެ ފިލްމުގެ ދުވަސް ދާނެ ކަމަށް ކަަނަން ބުންޏެވެ.

"އަހަރެން މީހުން އަތުން ދަރަންޏަށް ފައިސާ ނަގައިގެން ޕްރޮޑިއުސްކުރި ފިލްމެއް އިވަން ތަންތިރަން އަކީ. ތިއޭޓަރުތައް ބަންދުކުރުމުން އަހަރެން ކިހިނެއް ދަރަނި ދައްކާނީ. މިއީ އަލަށް އުފަންވި ކުއްޖަކު މަރާލުން ފަދަ ކަމެއް. އަހަރެންގެ ފިލްމު އަދި ކިރިޔާ މި ރިލީޒްވީ. އެހާ ހިސާބުން ފިލްމު މަރާލީމަ އަހަރެން ކިހިނެއް ހަދާނީ،" ކަނަން ބުންޏެވެ.

ޓެމިލް ނާޑޫގައި ޖީއެސްޓީ މައްސަލަ މާ ބޮޑުވެގެން އުޅެނީ ކުރިން ވެސް 30 ޕަސެންޓްގެ ޓެކްސް އެއް ސްޓޭޓް ސަރުކާރުން ނަގަނިކޮށް މައި ސަރުކާރުން އަނެއްކާ އިތުރު 28 ޕަސެންޓް ޖީއެސްޓީ ނަގަން ފެށުމުން ދެ ފަހަރަށް ޓެކްސް ދައްކަން ޖެހިފައިވާތީ އެވެ. މި މައްސަލަ އެހެން ސްޓޭޓްތަކުގައި ދިމައެއް ނުވެ އެވެ.

ހިންދީ ފިލްމުތައް ދައްކާ ސިނަމާތަކުގެ ޓިކެޓްތައް ވެސް އަގުބޮޑުވާނެ އެވެ. ނަމަވެސް ޓެމިލް ނާޑޫގައި އަގުބޮޑުވާ ވަރަކަށް ނުވެ އެވެ.