ބޮލީވުޑްގެ ސެލެބްރިޓީ ކަޕުލް ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންގަށް ދެވަނަ ދަރިފުޅު ލިބެން އުޅޭކަން މިއަދު އިއުލާންކޮށްފި އެވެ.
މި އުފާވެރި ޚަބަރު ދީޕިކާ އާއި ރަންވީރު ހިއްސާކޮށްފައި ވަނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ.
އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއިން ފެންނަނީ އެމީހުންގެ ފުރަތަމަ ދަރިފުޅު "ދުޢާ" ޕްރެގްނަންސީ ކިޓެއް ހިފަހައްޓައިގެން ހުންނަ މަންޒަރެވެ.
ނަމަވެސް، ދީޕިކާ ބަނޑަށް ކިތައް މަސް ވެއްޖެކަން ހާމައެއް ނުކުރެ އެވެ.
މި ޚަބަރާ އެކު ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިންގެ އިތުރުން ފޭނުން ވެސް އަންނަނީ އެ ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.
ދީޕިކާ އާއި ރަންވީރުގެ ފުރަތަމަ ދަރިފުޅު ދުއާ ޕަޑުކޯން ސިންގް އުފަންވީ ސެޕްޓެމްބަރު 8، 2024 ގަ އެވެ. "ދުޢާ" އަކީ އަރަބި ބަހުން "ދުޢާ" ނުވަތަ "ހެޔޮ އެދުން" މި މާނަ ދޭހަވާ ނަމެކެވެ.
މީގެ އަށް އަހަރު ކުރިން 2018 ގައި ކައިވެނިކުރި ދީޕިކާ އާއި ރަންވީރަކީ ބޮލީވުޑްގައި އެންމެ މަގުބޫލު އެއް ޖޯޑެވެ.
މަންމައަކަށް ވުމަށް ފަހު އޭނާގެ ދިރިއުޅުމަށް އައި ބަދަލުތަކާ ބެހޭ ގޮތުން ދީޕިކާ ބުނެފައި ވަނީ މައިވަންތަކަމަކީ އޭނާގެ ދިރިއުޅުން މުޅިން ބަދަލުކޮށްލި އަސަރުގަދަ ތަޖުރިބާއެއް ކަމަށެވެ.