(ބުދަ ދުވަހާ ގުޅޭ)

އެންމެން މަތި ބަލައިލިއެވެ. އެއްބަޔަކު ބޮލުގައި އަތްއެޅިއެވެ. އަނެއް ބަޔަކު ފަލިތައް ނަގައި ޖަހަން ފެށިއެވެ. އަނެއް ބަޔަކު ދަނޑިތައް ނަގައި ކަނބަން ފެށިއެވެ. ދެ މީހަކު މޫދަށް ފުންމައިލިއެވެ. ތިލަދުންމަތީން އައި އުޅަނދުފަހަރުން އޮލަވެފައިވާ ފަޅުތެރެއާ ދިމާއަށް ފަތުއަޑުކިޔާފައި އައީ ކަނދުބޯޓެކެވެ. ހީވަނީ ފިޔޮއްތަކަކާ ދިމާއަށް ހޯރަ އަޅާފައި އައި ބާޒެއް ހެންނެވެ. އަޑުގަދަކަމުން ތޫރި ފަޅައިގެންދާ ވަރަށް ބޯޓު ތިރިވެފައި، ލޮންސިއެއް ހެން މައްޗަށް އަރައިގެންދިޔައެވެ. 

"ފިންދުނި ކާއްތައިލައިފަ އެ ދިޔައީ!" މަންޒަރު ބަލަން ވާޓަރު މަތީގައި ހުރި އާދަނަށް ބުނެވުނެވެ. "ހަމަ މަރުގެ އެތިފަހަރެއް."

ދޮން ފަރަންޖީން ދެކެ ދިވެހިންގެ ގިނަ މީހުން ބިރުގަނެއެވެ. މަތިންދާބޯޓު ރަށްރަށުގެ މައްޗަށް އެރުމުން އަންހެނުން ގެއަށް ވަދެ ދޮރުގައި މަކުޑިއަޅުވައެވެ. ފިރިހެނުން ވަލަށް ވަދެ ދެލޯ ތަގުޅިކުރެއެވެ. ތިލަދުންމަތިން އައި މީހުންނަށް ހީވީ މުޙައްމަދު ހަމީދު ދޮންމީހުންނަށް އަންގަވައިގެން އެ މީހުން ގެނައީ ކަމަށެވެ. ބޮން ވެސް އަޅާފާނެ ކަމަށެވެ. ބޮޑުހަނގުރާމައިގެ ދުވަސްވަރުކަމުން ބޮމަކީ ދިވެހީންގެ ދުލަށް ފަރިތަ ލަފުޒެކެވެ. އައްޑޫގައި އިނގިރޭސިން ތިބޭތީ، އާންމު ގޮތެއްގައި އިނގިރޭސީން މާލެ އަންނަނީ އަހަރަކު އެއް ފަހަރު އަންނަ މަނަވަރެއްގައެވެ. އެއީ އަހަރު މަނަވަރެވެ. އެ މީހުން މާލެ އައިސް މަގެއް މަތިން ދިޔަސް އެ މަންޒަރު ފެންނަ ހިސާބަކަށް ވެސް އަންހެނަކު ނުނިކުންނާނެއެވެ. ދޮރާށި ކުޑަކޮށް ހުޅުވައިލާފައި ނުވަތަ ފާރުމަތިން ބޯދީ ބަލައިލަފާނެއެވެ. މަނަވަރު މީހުންނަކީ ވެސް ދިވެހިން ވަރަށް ބިރުގަންނަ ބަޔެކެވެ. 

ކަނދުބޯޓު އެ ދިޔަ ގޮތަށް މައްޗަށް އަރައި، ދުނިޔެ ކުނބުރަކަށް ހަދައިފައި އަނެއްކާ ވެސް ދޯނިތަކާ ދިމާއަށް އެބަ މިސްރާބުޖެހިއެވެ. ހަޅޭކާއި ތަކުބީރުގެ އަޑުން މާހައުލު ގުގުމައިލިއެވެ. އެ ފަހަރު ހީވީ ބޯޓު ކަނޑަށް ޖައްސަން އުޅޭ ހެންނެވެ. ލޮނުގަނޑުގައި ޖެހިނުޖެހި ވަރަށް ތިރިކޮށްލާފައި މޫދަށް ބޮމެއް ވައްޓައިލިއެވެ. ނޫނެކެވެ. އެއީ ބޮމެއް ނޫނެވެ. އެހެން ކޮންމެވެސް އެއްޗެކެވެ. ގޮވުމުގެ ބަދަލުގައި އެ އެތި ތުތިކަނޑަމުން އެ ދިޔަ ހިސާބަކަށް ދިޔަ އިރު، ބޯޓު އަނެއްކާ ވެސް މައްޗަށް އަރައިގެން ގޮސް ލޮލުކޮޅަށް އޮބައިފިއެވެ. މަންޒަރު ބަލަން ތަލިން ކުޅުހިކިފައި އެތައް ބަޔަކު ތިއްބެވެ. ހިތްތައް ހީވަނީ މޭފަޅާފައި ނުކުމެދާނެ ހެންނެވެ. އެ ފަދަ މަންޒަރެއް އޭގެ ކުރިން ދުށް އެކަކު ވެސް އެ ތާކު ނެތެވެ. 

ތަނަށް ހަމަހިމޭންކަން ވެރިވިއެވެ. މޫދަށް ވައްޓައިލި އެޗި މައިތިރިވި ތަން ފެނުނެވެ. އެއީ ދަޅެކެވެ. އެކަކަށް ވެސް އޭގައި އަތްލާކަށް ނުކެރުނެވެ. ދެން ފެނުނީ ކަސްޓަމު މީހުން ދުންބައްތެއްޔެއްގައި އައިސް ދަޅު ނަގަން އުޅުނު ތަނެވެ. 

"ތީގަ އަތްނުލާ!" ހިމޭނުން ނުހުރެވިގެން އާދަނަށް ގޮވައިލެވުނެވެ. "ތި ވެދާނެ ކޮންމެ ފަދަ އެއްޗަކަށް ވެސް."

އެންމެންނަށް އެ އަޑުއިވުނެވެ. ކަސްޓަމު މީހުން ފިޔަވައެވެ. އެ މީހުން ދަޅު ނަގައިގެން ގެންދިޔައީ ދާޚިލިއްޔާއަށެވެ. ވާނުވާ ނޭނގި ހުއްޓުން އަރާފައި މީހުން ތިއްބައި މުޙައްމަދު ހަމީދު ވަޑައިގަންނަވާ ތަން ފެނުނެވެ. އެ މަނިކުފާނު ތުރުކުރައްވައިގެން ހުންނެވީ، ކާކީކުލައިގެ އަތްގުދުކުރި ލިބާސްކޮޅަކާއި ހުދު މުންޑުކޮޅެކެވެ. އިސްތަށިފުޅުގައި، ކިނާރީ އެޅި ބޮޑު ތާކިހާކޮޅެއް އޮތެވެ. މީހުންތައް ދެފަރާތަށް ކެވި، މަގެއް ހުޅުވުމުން، ކުޑަ ހިއްޕަވައިގެން ސާބިތުކަމާ އެކު ވަޑައިގެން ވާޓަރު މައްޗަށް އަރައިވަޑައިގަތެވެ. ބިރުގެ ކުޑަ ވެސް ކަންފުޅެއް އެ މަނިކުފާނުގެ މޫނުފުޅަކު ނެތެވެ. 

"ތިލަދުންމަތީ ލޮބުވެތި ރައްޔިތުންނޭވޭ!" އަޑުހަރުކޮށް ހަމީދު ވާހަކަފުޅު ދެއްކެވިއެވެ. "ﷲއަށް ބިރުވެތިވޭ! އަޅުގަނޑަށާ ދިވެހި ސަރުކާރަށް ކިޔަމަންތެރިކަން އަދާކުރައްވާ! މީ ހަނގުރާމައިގެ ދުވަސްވަރު. ކޮންމެ ފަދަ ކަމެއް ވެސް ކުރިމަތިވެދާނެ."

އޭގެ ކުޑަ އިރުކޮޅެއް ކުރިން ހަޅޭކާއި ހޯބޯލެވުމުގައި އެއްއަޑުވެފައިވާ ބަނދަރުމައްޗަށް ދުން އަޅާފައިވާ ކަހަލައެވެ. ދޫންޏަކަށް ފިޔަމަޅައިލަން ވެސް ނުކެރުނެވެ. ހަމީދު ދެއްކެވި ވާހަކަފުޅު ގަބޫލުކުރީތީއެއް ނޫނެވެ. ކޮންމެ ފަދަ ކަމެއް ވެސް ކުރިމަތިވެދާނެކަން ހަމަ ލޮލަށް ފެނުނީމައެވެ. 

"އޭ މާތްވެގެންވާ ތިލަދުންމަތީ ރައްޔިތުންނޭވޭ!" ފުރުސަތުގެ ބޭނުން ހިއްޕަވައި ހަމީދު ވިދާޅުވިއެވެ. "ތިޔަބައިމީހުންގެ ހައްގުތަކަށާއި ބާރުތަކުގެ މައްޗަށް ވިސްނުން ފޯރުވައި އޭގެ ފައިދާ ދިވެހި ދައުލަތަށާ، އެންމެހާ ރައްޔިތުންނަށް ފެންނާނޭ ގޮތުގެ މަތީން ބުއްދީގެ ބޭނުންކުރައްވާ! ޝައްކެއް ވެސް ނެތް! އަޅުގަނޑުމެންންނަށް މި ތިބެވެނީ އިންތިހާ ދަރަޖައިގެ ބޭވަފާތެރިކަމެއްގެ ތެރެއަށް ގެއްލިގެން. ފެންނަ މަންޒަރަކުން، އިވޭ އަޑަކުން، އޭގެ ތެދުދޮގު ބެލުމެއް ނެތި ގަބޫލު ކުރައްވަން ހެޔޮނުވާނެ. ތިޔަ ލޮބުވެތި ރައްޔިތުންގެ އަނބިދަރިންނާ، މާދަމާއާ ދޭތެރޭ ފުންކޮށް ވިސްނައިވަޑައިގަންނަވާ! ގައުމަށް ލިބިފައިވާ އަގުހުރި ނިއުމަތް އަޅުގަނޑުމެންނަށް ދެމެހެއްޓޭނީ، ތަހުޒީބާ ތަމައްދުނުގެ މަގުން ދިވެހި ގައުމައިގެން އަޅުގަނޑަށް ކުރިޔަށް ދެވޭނީ، މިއަދުގެ ދަރީން، ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް އެއްބާރުލުން ދެއްވި މިންވަރަކުން. ގައުމަށްޓަކާ ދާއޮހޮރައްވާ! ބޭކާރު ގޮތުގައި ލޭނުއޮހޮރުއްވާ ކިޔަމަންތެރިކަން އަދާކުރައްވާ!"

ތިލަދުންމަތީ ފަހުލަވާނުންގެ ހޫނު ލޭ ފިނިކުރަން މަޖުބޫރު ކުރުވީ ކަނދުބޯޓު ދެކެ ގަތް ބިރެއްގެ ސަބަބުންނެވެ. އަތަށް ހެޔޮވަރުކޮށްގެން ތިބި ކުރެދިތައް ދޫކޮށް، ކޮންމެ ދޯންޏަކުން އަމާންދިދަ ނެގިއެވެ. 

"ޝަރުތެއްގެ މަތިން،" ބޮޑުކަތީބު ޖަވާބުދާރީވިއެވެ. "އެކަކު ވެސް ހުރަގެއަށް ލައިގެން ނުވާނެ. ބައްތެލިކޮޅު ހިފަހައްޓައިގެން ވެސް ނުވާނެ."

"އެކަކަށް ވެސް ދައުވާއެއް ނުކުރާނަން،" ހަމީދު އެއްބަސްވެވަޑައިގަތެވެ. "އެންމެންނަށް މާފުކޮށްފިން. އެކަމަކު.. އެކަމަކު އުތީމު ބައްތެލިކޮޅަކީ އަނީމާއެއް. އެޔެއް ނުގެންދެވޭނެ. މީގެ ފަހުން އޭގެ ނަމަކީ އަނީމާ ބައްތެލިކޮޅު."

މަދު ބަޔަކު އެއްބަސްނުވި ނަމަވެސް ގިނަ މީހުން އެއްބަސްވިއެވެ. ހަދިޔާއެއްގެ ގޮތުން ކޮންމެ ދޯންޏަކަށް ކޮއްތުގެ ގޮތުގައި ސަރުކާރުން ކަދުރާއި ބޯފެން ދެއްވިއެވެ. އެ މީހުން ފުރައިގެން ރަށަށް ދިޔައެވެ. ރަށުން ކިއީ ފިނި ތަރުހީބެކެވެ. ރަށު ރައްޔިތުން ތިބީ ނުރުހިފައެވެ. ކަދުރުކޮޅަކަށް ވަފާތެރިކަން ވިއްކައިލީތީއެވެ. 

ތިލަދުންމަތީ މީހުންނާ އެއްބައިވި މާލޭ މީހުންނަށް އަދަބު ލިބުނެވެ. އޭގެ ތެރޭގައި އާދަނު ވެސް ހައްޔަރުކޮށް ހުރަގެއަށް ލިއެވެ. އާދަނު ހިތަށް އެރިއެވެ. އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ ހުރަގެ ތެރެއިން ބައްދަލުވި މީހަކު، ކަނދުބޯޓުން ވައްޓައިލި އެތީގެ މައުލޫމާތު އާދަނަށް ދިނެވެ. އޭނަ ބުނި ގޮތުގައި، އެ ބޯޓު އައީ މުޅީން އެހެން ކަމަކުއެވެ. ވައްޓާލި ދަޅުގައި އޮތް ސިޓީގައި އިނގިރޭސީން އެދިފައި އޮތީ އެ މީހުންނަށް ކެލާ ދިނުމަށެވެ. ހަފުތާއެއް ފަހުން އެ މީހުން އަންނާނެ ކަމާއި އަންނަންވާ އިރަށް ހަމީދު ވެސް ތިލަދުންމައްޗަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވުމަށާއި އެ ތަނަށް ވަޑައިގެން، ތަނުގައި ހުންނަވައިގެން ކެލާ ހަވާލު ކުރެއްވުމަށް އެދިފައި އޮތެވެ.  

"ހަމަ ހިލާ ދީގެން ނުވާނެ." އާދަނު ބުންޏެވެ. 

"އަހަންނަކީ ހަމީދުއަށް އެއްވެސް ވަރަކަށް ތާއީދުކުރާ މީހެއް ނޫން. އޭނަ ބުނާ ކޮންމެ އެއްޗަކަށް، އެ ވަރިހަމަ ދުވާލަށް ދުވާލޭ ބުންޏަސް، އަހަރެން ބުނާނީ ނޫނެކޭ!" އޭނަ ބުންޏެވެ. "އެކަމަކު، މި ދަނޑިވަޅު އަހަރުމެން އިނގިރޭސީންނަށް ނޫނެކޭ ބުނާކަށް ނުވާނެ. އެވެރިން ބުނި ތަނެއް އެވެރިންނަށް ދީގެން ނަމަވެސް އިނގިރޭސީން ރުއްސާފަ ބައިތިއްބަން ވާނީ."

ތިން ދުވަސް ވަންދެން ހުރަގޭގައި ބަހައްޓާފައި އާދަނު ދޫކޮށްލިއެވެ. އެއްވެސް އަނިޔާއެއް ނުކުރެއެވެ. ނަމަވެސް، ނުހައްގުން ލިބުނު އަދަބާ މެދު އާދަނުގެ ހިތުގައި ލައްގަނޑެއް ޖެހުނެވެ. ތިލަދުންމަތިން ސަރުކާރަށް ނުކިޔަމަންތެރިކަން ދެއްކި މީހުންގެ ތެރޭގައި އިސްކޮށް އުޅުނު މީހުން ފަހުން މާލެ ގެނެސް ދުއްރައިން ތެޅިއެވެ. އޭގެ ތެރޭގައި މާޅެންދޫ މުދިންކަލޭގެ އާއި ކުޅުދުއްފުށީ ބޮޑުކަތީބާއި ނޮޅިވަރަމް އާދަންމަނިކު ވެސް ހިމެނެއެވެ. އެންމެންނަށް މާފުކޮށްފީމޭ ވިދާޅުވެފައި ހަމީދު އިތުރުފުޅު ހެއްދެވީއެވެ. 

ފެންފަރުދާގޭގައި ހުރި ޕިންޕޮން މޭޒެއްގެ ދާގަނޑު ނެއްޓިގެން އާދަނު އެ ކަމުގައި އަވަދިނެތި އުޅުނު ދުވަހެކެވެ. އާދަނު އަތުގައި، އިސްކުރު އަނބުރާ ކަށިގަނޑެއް އޮތެވެ. އޭރު ވެސް އެހެން މޭޒުތަކުގައި، ފޯރިޔާ އެކު ޕިންޕޮންކުޅެވެމުންދިޔައެވެ. ކުއްލިއަކަށް ތަނަށް ހަމަހިމޭންކަން ވެރިވިއެވެ. އާދަނު ބަލައިލި އިރު ހަމީދު ވަޑައިގަންނަވާ ތަން ފެނުނެވެ. އަރިހުގައި ނަޖީބު ހުއްޓެވެ. އޭރު ވެސް ނަޖީބު ކަރުގައި ކެމެރާ އަޅުވާފައި އޮތެވެ. ދެ އެކުވެރިން އޮލަ ވާހަކައެއްގައި އައި އިރު، ހަމީދު ހުންނެވީ އާދަނު ހުރި ފަޅީގައެވެ. އާދަނު ހުރީ ކަށިގަނޑު އަތަށް ހެޔޮވަރު ކޮށްލައިގެންނެވެ. ހަމީދު އަރައި ހަމަވި ވަގުތު ހަފީޒާ ވަން ތަން ފެނުނެވެ. އެ ހިސާބުން އާދަނުގެ ހުރިހައި ސަމާލުކަމެއް ހަފީޒާއާ ދިމާއަށް އެނބުރުނެވެ. ތަނުގައި ހުސްކޮށް ހުރީ ކޮން ޕިންޕޮން މޭޒެއްތޯ ހަފީޒާ ބަލައިލި އިރު ހަފީޒާގެ ލޮލުގައި އަޅައިގަތީ ދާގަނޑު ރަނގަޅު ކުރަން އާދަނު ހުރި މޭޒެވެ. އާދަނާ ހަތަރުކަޅި ވެސް ހަމަވިއެވެ. އާދަނު ހުރީ ގަނޑުވެފައެވެ. އެނބުރިފައި ހިނގައިގަންނަން ފަރިކޮށްލާފައި އަނެއްކާ އާދަނަށް ބަލައިލާފައި، ފަރި ހިނގުމެއްގައި އާދަނާ ދިމާއަށް ހަފީޒާ ހިނގައިގަތެވެ. ކުރަން ހުރި މަސައްކަތާ ދިމާއަށް އާދަނު އެނބުރުނެވެ. ގާތުގައި ހަފީޒާ ހުއްޓުނުކަން އާދަނަށް އެނގުނެވެ. އެއިން ހިސާބަކު ވެސް މީހަކު ނެތެވެ. 

"އާދަނު ކީއްތަ ތި ކުރަނީ؟" ހަފީޒާ މަޑުމަޑުން އެހިއެވެ. 

"އިންތިޒާރު.." މަސައްކަތް ކުރިޔަށް ގެންދަމުން، ހަފީޒާއާ ދިމާއަށް ބަލައި ވެސް ނުލައި އާދަނު ބުންޏެވެ. 

"ތިހެން ބުނާކަށް ބިރެއް ނުގަނޭ؟" ހަފީޒާ ސުވާލުކުރިއެވެ. 

"އަތުގަ ބޮޑުލާރިއެއް ވެސް އޮތް ނަމަތާ ބިރު ގަނެވޭނީ،" އާދަނު ބުންޏެވެ. "އަޅެ ބުނެބަލަ! ކީއްވެތަ އަހަރެން އެހާ މަސައްކަތުން އެއްޗެއް ހަދާފަ ދިނީމަ އެހާ ރުޅި އައީ؟ އަހަންނާ ދިމާއަށް ބަލައިލި ގޮތުން ކިރިޔާ ނުވިރުނީ."

"ހަމީދު އެބަ ބައްލަވާ!" މަޑުމަޑުން ހަފީޒާ ބުންޏެވެ. "ބައްޕަޔާ ހަމީދަކީ ވަރަށް ގާތް ދެ އެކުވެރިން. އަހަރެން އިންނާނަން އުނދޯލީގަ. ހަމީދު ވަޑައިގަތީމަ އާދޭ! އަހަރެން ބޭނުން ވާހަކައެއް ބުނަން."

ފެންފަރުދާގޭގެ ގޯތި ތެރޭގައި އޮންނަނީ ގަސް ހައްދައި، އުނދޯލި އެލުވައިފައެވެ. ޖޯއްޔާއި ހޮޅުއަށި ވެސް ހުރެއެވެ. އާދަނަށް އެ ތަނަށް ދެވުނު އިރު ހަފީޒާ އިނީ އާދަނު ދިން ގުރުކާށި ހިފައިގެން އުނދޯލީގައެވެ. ޔަގީނުން ވެސް އެ މޫނަކު އުފާވެރިކަމެއް ނެތެވެ. 

"ނޭނގޭތަ އަހަރެން މީހަކާ ދެވަން އުޅޭ ކަމެއް؟" އެހެން ބުނެފައި ބަލައިލި އިރު ހަފީޒާ އިނީ ފެންކަޅިވެފައެވެ. "ކީއްވެ އާދަނު ތިހާ ލަސްކުރީ؟" (ނުނިމޭ)