މަޝްހޫރު ތަމަޅަ އެކްޓަރު އަދި ސިޔާސީ ލީޑަރު ވިޖޭ އާއި އޭނާގެ އަނބިމީހާ ސަންގީތާ ސޯނަލިންގަމް ވަރިވާން ނިންމައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ޚަބަރާ އެކު ތަމަޅަ ސިނަމާ އާއި ސިޔާސީ ދާއިރާއަށް ބޮޑު ސިހުމެއް ވަނީ ލިބިފަ އެވެ.
މިހާރު 27 އަހަރު ވެފައިވާ އެ ކައިވެނި ރޫޅާލަން ޗެންގަލްޕައްޓޫ ޑިސްޓްރިކްޓް ކޯޓަށް މައްސަލަ ހުށަހެޅީ ސަންގީތާ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ސްރީލަންކާ މީހެއް ކަމަށްވާ ސަންގީތާ ހުށަހެޅި ވަރީގެ މައްސަލައިގައި ބުނެފައިވާ ގޮތުގައި، އެ ނިންމުން ނިންމަން ޖެހުނީ ދެމީހުންގެ ދެމެދުގައި ހައްލުނުކުރެވޭ ފަދަ ހިޔާލު ތަފާތުވުންތަކެއް ހުރުމާއި، ވިޖޭގެ ފަރާތުން ފެނުނު ބޭވަފާތެރިކަމުގެ އަމަލުތަކުގެ އިތުރުން ނަފުސާނީ ގޮތުން ކުރިމަތިވި އަނިޔާތަކުގެ ސަބަބުންނެވެ.
ކޯޓަށް ހުށަހެޅި މައްސަލައިގައި ސަންގީތާ ތުހުމަތުކޮށްފައިވާ ގޮތުގައި، 2021 ވަނަ އަހަރުން ފެށިގެން ވިޖޭ ދަނީ މަޝްހޫރު ތަރިއަކާ ސިއްރު ގުޅުމެއް ބާއްވަމުންނެވެ. އެކަމާ ގުޅޭ ގޮތުން ވިޖޭއާ ސުވާލުކުރުމުން ވެސް ދެމީހުންގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ގޯސްވި ކަމަށް ސަންގީތާ ބުނެފައިވެ އެވެ.
ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ބޮޑެތި އިހުމާލުތަކެއް ވިޖޭގެ ފަރާތުން ކުރިމަތިވި ކަމަށް ސަންގީތާ ބުންޏެވެ.
ސަންގީތާގެ މާލީ މިނިވަން ކަމަށާއި އޭނާގެ އަމިއްލަ މިނިވަން ކަމަށް ހުރަސްއަޅައި، ބަދުބަސްތައް ރައްދުކުރި ކަމަށް ވެސް ބުނެފައިވެ އެވެ.
ސުލްހަވެރިކަމާ އެކު ވާހަކަދައްކައި، ދެމީހުން މަޝްވަރާކޮށްގެން ވަކިވާން މަސައްކަތް ކުރި ނަމަވެސް، އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށް ސަންގީތާ ބުންޏެވެ.
ވިޖޭ އާއި ސަންގީތާ ކައިވެނި ކުރީ 1998 ވަނަ އަހަރު އިނގިރޭސިވިލާތުގަ އެވެ. އޭގެ ފަހުން 1999 ވަނަ އަހަރު ޗެންނާއީގައި ކުލަގަދަ ކައިވެނީގެ ހަފުލާއެއް ބޭއްވި އެވެ.
ވިޖޭއަކީ އިންޑިއާގެ އެންމެ ނުފޫޒުގަދަ އެއް ތަރިއަށް ވި ނަމަވެސް، ސަންގީތާއަކީ އަބަދުވެސް މީޑިއާއާ ދުރުގައި އުޅުނު މީހެކެވެ. އެ ދެމަފިރިންގެ ދެ ކުދިން ތިބެ އެވެ. އެއީ ފިލްމީ ދާއިރާގައި މިހާރު އުޅޭ އެމީހުންގެ ފިރިހެން ދަރިފުޅު ޖޭސަން ސަންޖޭގެ އިތުރުން އަންހެން ދަރިފުޅު ދިވްޔާ ސާޝާ އެވެ.
ވަރިއާ ބެހޭ ގޮތުން ވިޖޭ މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ސަންގީތާ ވަރީގެ މައްސަލަ ކޯޓަށް ހުށަހެޅި އިރު، ވިޖޭ މި ދުވަސްވަރު އަންނަނީ އަންނަ އެޕްރީލް މަހު ބާއްވާ ޓެމިލް ނާޑޫގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ކެމްޕެއިން ކުރަމުންނެވެ. ވިޖޭ ވަނީ 2024 ވަނަ އަހަރު އޭނާގެ އަމިއްލަ ސިޔާސީ ޕާޓީއެއް ވެސް އުފައްދައިފަ އެވެ.