ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ދިން އިންޓަވިއުއެއްގައި، ބޮލީވުޑްގައި ވަފާތެރިން ވަރަށް މަދު ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ. 

ކަރަން މި ވާހަކަތައް ދައްކާފައި ވަނީ އޭނާގެ އަމިއްލަ ޓެލެންޓް އެޖެންސީ ކަމަށްވާ "ދަރުމާ ކޯނަސްޓޯން އެޖެންސީ (ޑީސީއޭއޭ)" އިން ބޮލީވުޑްގެ ތަރި ޖާންވީ ކަޕޫރު ވަކިވެ، "ކަލެކްޓިވް އާޓިސްޓް ނެޓްވޯކް"އާ ގުޅުނުތާ ދުވަސްކޮޅެއް ފަހުންނެވެ. 

ބޮލީވުޑްގެ ލެޖެންޑް ސްރީދޭވީގެ ދަރިފުޅު ޖާންވީ ބޮލީވުޑަށް ތައާރަފުކޮށްދިނީ ކަރަންގެ ފިލްމަކުންނެވެ. އެއީ 2018 ގައި ނުކުތް ކާމިޔާބު ފިލްމު "ދަޅަކް" އިންނެވެ. 

ކަރަން މިދިޔަ ހަފުތާ ބަންދުގައި "ސްކްރީން"އަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި، މިހާރުގެ އެކްޓަރުންނަކީ ވަފާތެރި ބައެއް ނޫނެވެ. އެއް އެޖެންސީއަކުން އަނެއް އެޖެންސީއަކަށް ބަދަލުވުމަކީ އާންމު ކަމަކަށް ވެފައިވާ ކަމަށް އޭނާ ބުންޏެވެ.

އެކްޓަރުން މިގޮތަށް އެޖެންސީ ބަދަލުކުރަނީ އެމީހުންގެ ހިތުގައި އޮންނަ ބިރުވެރިކަމެއްގެ ސަބަބުން ކަމަށާއި، ނަމަވެސް، ދެ އަހަރު ވަންދެން މީހަކު ކުރިއަރުވަން މަސައްކަތް ކުރަނިކޮށް ކުއްލިއަކަށް އެހެން ތަނަކަށް ބަދަލުވުމަކީ ވަރަށް ދެރަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.

ފިލްމީ ދާއިރާގެ 90 އިންސައްތައަކީ މީހުންގެ "އީގޯ" އާއި ޖަޒުބާތުތައް މެނޭޖުކުރުން ކަމަށާއި، އެއީ ހަމައެކަނި ވިޔަފާރިއެއްގެ ގޮތުގައި ބަލައިގެން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ކަރަން ބުންޏެވެ.

ކަރަން ބުނީ އޭނާގެ ކެރިއަރުގައި ފާއިތުވި 31 އަހަރުގެ ތަޖުރިބާއަށް ފަހު، މިހާރު ކާމިޔާބީ އާއި ނާކާމިޔާބީއާ މެދު މާ ބޮޑަށް ފިކުރު ނުކުރާ ކަމަށެވެ. އެކަންކަމާ މާ ބޮޑަށް ހާސްވާ ނަމަ އޮންނަން ޖެހޭނީ އައިސީޔޫއެއްގައި ކަމަށް، މަޖާޒީ ގޮތެއްގައި ކަރަން ބުންޏެވެ.

ކަރަން އެންމެ ފަހުން އުފެއްދި ފިލްމު، ކާތިކް އަރްޔަން އާއި އަނަންޔާ ޕާންޑޭ ލީޑު ރޯލު ކުޅުނު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މޭރީ" އަށް ބޮކްސް އޮފީހުގައި މާ ބޮޑު ތަރުހީބެއް ނުލިބުނެވެ.